ސަރުކާރުން މިހާރު ފ. ބިލެތްދޫގައި ހިންގާ މަޝްރޫއުތައް ނިމިގެންދާއިރު އެ ރަށުގެ ރައްޔިތުންނަށް އިތުރު އިންވެސްޓްތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ބިލެތްދޫ ފެނަކަ އާ އިންޖީނުގޭގެ އާ އޮފީސް އިމާރާތް ހުޅުވުމުގެ ގޮތުން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ބިލެތްދޫގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިމި ރައްޔިތުންނަށް ބޭނުންވާ އަސާސީ ގިނަ ހިދުމަތްތަކެއް ފުރިހަމަވެގެންދާއިރު ރަށުގައި ތިބެ މަސައްކަތްކޮށް އިތުރު އިންވެސްޓްތައް ކުރުމަށް އުންމީދުކުރާ ފަރާތްތަކަށް އެކަންކަމުގެ ސަބަބުން އެކި ފުރުސަތުތަކަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި އެ ރަށާ ދާދިގާތުގައި ތަރައްގީކުރަމުންދާ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެ އެއާޕޯޓުގެ ފައިދާ މުޅި އަތޮޅަށް ލިބިގެންދާނެ ކަމަށެވެ.
ފ. އަތޮޅުގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެގެންދާނެކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވަނީ އެކަމާއި ދޭތެރޭގައި ރައްޔިތުން ވިސްނާ އެކަމަށް އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށާއި ސަރުކާރުން އެފަދަ މަޝްރޫއުތަކަށް އަމާޒުކޮށްގެން ލުއި ލޯނުތަކެއް ދެއްވަމުންދާ ކަމަށް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ބިލެތްދޫގެ ބަނދަރުހެދުމުގެ މަޝްރޫއާއެކު ބިންހިއްކުމުގެ މަސައްކަތްވެސް ކުރިޔަށް ދާނެ ކަމަށާއި ސެލްފް ސާވިސް އޭޓީއެމް ބަހައްޓާ 10 ރަށުގެ ތެރޭގައި ބިލެތްދޫ ހިމެނިފައިވާ ކަމަށް ވިދާޅުވެފައެވެ.
ބިލެއްދޫ އާ އިންޖީނުގޭގެ އިތުރުން އެ ރަށު ސްކޫލުގެ މަލްޓިޕާޕަސް ހޯލުވެސް ހުޅުވާދެއްވާފައެވެ.