ފުވައްމުލަކު ސިޓީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަހަރު ފިރިހެނަކަށާއި އަހަރު 19 އަހަރުގެ ފިރިހެނަކަށެވެ. އެ ދެ ޒުވާނުންނަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގައެވެ. ނަމަވެސް އިތުރު ފަރުވާއަށް މިހާރު ދެ ޒުވާނުން ވެސް އައިޖީއެމްއެޗް އަށް ފޮނުވާލާފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި މި އެކްސިޑެންޓުގައި ދެ ސައިކަލް ވެސް ވެއްޓި ބޮޑެތި ގެއްލުންތައް ވެފައި ވާ އިރު ބިންމައްޗަށް ވެއްޓިފައި އޮތް 2 ފިރިހެނަކު ފެނެއެވެ. ފެންނަ ފެނުމަށް އެމީހުންނަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އެ ދެ މީހުން ވެއްޓިފައި ތިބި އިތު އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވެ ހަރަކާތްތެރި ވަމުން ދާ ތަންވެސް ވީޑިއޯ އިން ފެނެއެވެ.
ފުލުހުން ބުނީ، މި ދެމީހުންނަކީ ވެސް ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފަހަކަށް އައިސް މާލެ އާއި ބައެއް ރަށްރަށުގައި ހިނގަމުން ދާ އެކްސިޑެންޓްތައް ވަނީ އިިތުރުވެފައެވެ. އެކްސިޑެންޓުތައް އިތުރުވުމާ ގުޅިގެން ފުލުހުން އަންނަނީ މަގުމަތީގެ ރައްކާތެރި ކަމަށް ހާއްސަ ކޮށްގެން ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.