ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި ބަހާލުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ބުނެ އެކުލަވައިލި އިއްތިހާދުން ކުރިއަށް ގެންދާ ޕެޓިޝަނުގައި 30،000 އަށްވުރެ ގިނަ ސޮއި ހޯދައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ "ސިއްރު ސިޓީ" އަކުން ރާއްޖޭގެ ކަނޑުން ބައެއް "ވިއްކާލި ކަމަށް" ބުނެ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ތައްޔާރު ކޮށްފައިވާ ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތްތައް މެދު ނުކެނޑި މާލެއާއި ރާއްޖޭގެ އެކި ސަރަހައްދު ތަކުގެ އިތުރުން އޮންލައިންކޮށް ވެސް ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ.

އިދިކޮޅު އިއްތިހާދުން ތައްޔާރު ކުރި ޕެޓިޝަންގައި ވަނީ، ޒަމާނުއްސުރެ ރާއްޖޭގައި ބޭނުން ކުރަމުންދާ މަސްކަނޑުގެ 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިސާދީ ސަރަަހައްދަކީ ރައްޔިތުންގެ ހައްގު ގާނޫނީ މުދަލެއް ކަމަށް ބުނެފައެވެ. އަދި މި ސަރުކާރުން އެ ސަރަހައްދު ނުހައްގުން ދޫކޮށްލި ދޫކޮށްލުން ބަލައި ނުގަންނާނެ ކަމަށް އިޓްލޮސްއަށާއި ކަމާބެހޭ ފަރާތްތަކަށް އެންގުމުގެ އިތުރުން ދިވެހި ދައުލަތުގެ ފަރާތުން މި މައްސަލަ އިތުރަށް ބަލާ ދިނުމަށް ޕެޓިޝަނުގައި ދިވެހި ސަރުކާރަށް ގޮވާލާފައި ވެއެވެ.

ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތުގެ ތެރެއިން

މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ޕެޓިޝަންގެ އިތުރުން މި މައްސަލައާ ގުޅިގެން އިއްތިހާދުން މި އަންނަ މަހުގެ 2 ވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ވަނީ ނިންމާފައެވެ.

އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތުގެ ތެރެއިން ދަމާފައިވާ ބެނާއެއް

މިކަމާ ގުޅިގެން އެ އިއްތިހާދުން ބުނީ ރާއްޖެއަށް ގެއްލިގެން ދިޔައީ ރާއްޖޭގެ މަސްވެރިން ނަފާ ހޯދަމުން ދިޔަ ކަނޑުގެ ސަރަަހައްދެއް ކަމުން އެއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ރައީސް ސޯލިހް ގައުމަށް ހިޔާނާތްތެރިވެއްޖެ ކަމަށް ވެސް އެ އިއްތިހާދުން ބުނެ އެމަނިކުފާނު އަޒުލް ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މި މައްސަލަގައި ސަރުކާރާ އިދިކޮޅު، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ، ޖޭޕީ، ދަ ޑިމޮކްރެޓްސް، އެމްއާރުއެމް، އުމަރު ނަސީރު އަދި ޑރ. މުހައްމަދު މުނައްވަރު ބައިވެރިވެވަޑައިގަންނަވައެވެ.