ފ. މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއާޕޯޓު ވެގެންދާނީ ސަރަހައްދީ އެއާޕޯޓުތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އެއާޕޯޓު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ފ. މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހު ކޮށްދެވުމަށާއި ފ. މަގޫދޫގައި އަލަށް އިމާރާތް ކުރި ފެނަކަ އޮފީހުގެ ޢިމާރާތް ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހު ވިދާޅުވީ މަގޫދޫ އެއާޕޯޓްގެ ޓާމިނަލާ އެކު ވީއައިޕީ ލައުންޖެއްވެސް ހަދާނެ ކަމަށާއި ޕްރައިވެޓް ޖެޓްތައް ޖެއްސޭނެ ކަމަށެވެ. އަދި އެ އެއާޕޯޓްގެ ރަންވޭ 1800 މީޓަރަށް ދިގުކުރުމަށް މިހާރު ސަރުކާރުން ނިންމާފައިވާ ކަމަށާއި ޕްރައިވެޓް ޖެޓްތައް ޕާކުކުރާނެ ޖާގަ ހަދައި، ފްލައިޓްތަކަށް ހިދުމަތް ދިނުމަށް ފިއުލް ފާމެއްވެސް ހަދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެއާލައިންތަކުގެ ކްރޫއިންނަށް ތިބެވޭނެ ގޮތަށް ހޮޓަލެއްވެސް ހަދާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
މަގޫދޫގެ ތަރައްގީއަށް ސަރުކާރުން ހިންގާނެ މަޝްރޫޢުތަކުގެ ތެރޭގައި މަގޫދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުން ހިމެނޭ ކަމަށާއި މަގޫދޫ ފަޅުގައި ރަށެއް ހިއްކައިގެން ރިސޯޓު ހެދުމާ ގުޅޭ ގޮތުން ބަޔަކާ ވާހަކަ ދެކެވެމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މި ޖަލްސާގައި މަގޫދޫ ރައްޔިތުންގެ ފަރާތުން ރައީސް އަށް ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައި ވާއިރު އެ ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.