ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެންބަރެއްގެ ގޮތުގައި ހުންނެވި ފ. ބިލެއްދޫ ދާއިރާގެ މެންބަރު، އަހްމަދު ހަލީމް (ދޮންބިލަތް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ސަރުކާރަށް 100 ޕަސެންޓް ތާއީދު ކުރައްވާނެކަން ހާމަކުރައްވަފިއެވެ.

ހަލީމް މިގޮތަށް ވިދާޅުވެފައި ވަނީ ރޭ ފ. މަގޫދޫގައި ފެނާއި ނަރުދަމާ އިފްތިތާހު ކުރުމުގެ އިތުރުން އަލަށް އިމާރާތް ކުރި ފެނަކަ އޮފީސް ހުޅުވުމަށް ކުރިއަށް ކުރިއަށް ގެންދިޔަ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ދާއިރާގެ ރައްޔިތުންގެ ވިންދާއި ރޫހު މިހާރު ހުރީ މިހާރުގެ ސަރުކާރާއެކު ކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވީ "އަޅުގަނޑު ވެސް ދާނީ މި ރޫހާއި މި ވިންދާ އެކީގައި" ކަމަށެވެ. އަދި މީގެ ކުރިން ސަރުކާރަށް ދެމުން ދިޔަ އެއްބާރުލުން ކުރިއަށް އޮތްތަނުގައި ވެސް ދެއްވާނެ ކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ.

ވަކި ފަރާތެއްގެ ނުފޫޒަށް ތަބާވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވުމުގެ އިތުރަށް ހަލީމް ވިދާޅުވީ، "އަޅުގަނޑަކީ ދޮންބިލެތް އަހުމަދު. އަޅުގަނޑުގެ މާސްކު ނެގީމަ ވެސް ހުންނާނީ ހަމަ ދޮންބިލެތް އަހުމަދު. އަޅުގަނޑަކީ ވަކި ފަރާތެއްގެ ނުފޫޒަކަށް ލެނބިގެން ބިރަކަށް ދާނެ މީހެއް ނޫން" ކަމަށެވެ.

މި ސަރުކާރަށް ތާއީދު ކުރައްވާ ކަމަށް ހަލީމް ވިދާޅުވެފައި ވާއިރު އޭނާ އަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ނަޝީދު ކުރައްވަމުން ގެންދެވި ނަމަވެސް ދޮންބިލަތް އެކަމުގެ ތެރެއަކުން ނުފެނެއެވެ. އެ ޕާޓީ ރަޖިސްޓްރީކޮށް 3000 މެންބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާއިރު ދާދި ފަހުން ވަނީ ނަޝީދުގެ މަންމަ އާއި ބައްޕަ ވެސް އެމްޑީޕީ ދޫކުރައްވައި އާ ޕާޓީއަށް ސޮއި ކުރައްވާފައެވެ.

ނަމަވެސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައި އެ ޕާޓީގެ ރައީސްގެ މަގާމުގައެވެ. އާ ޕާޓީ އާ ނަޝީދު ގުޅިވަޑައިގަންނަވާނެ ދުވަހަކާ މެދު ނޫސްވެރިން މީގެ ކުރިން ސުވާލުކުރުމުން، ނަޝީދުގެ އަރިސް މެންބަރުން ވަނީ އެކަން އެނގިވަޑައިގަންނަވާނީ ސީދާ ނަޝީދަށް ކަމަށް ވިދާޅުވެ، ޖަވާބެއް ދެއްވަން އުޒުރުވެވަޑައިގެންފައެވެ.