ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އުފައްދަވާ "ދަ ޑިމޮކްރެޓްސް" އަށް އެމަނިކުފާނުގެ މަންމަ އާއި ބައްޕަ ސޮއިކުރައްވައިފިއެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ ބުދަ ދުވަހުގައެވެ. އެ ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދިން ދުވަހުގެ ހަވީރުން ފެށިގެން، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުުން ހަމަކުރުމުގެ މަސައްކަތް އެ ޕާޓީން ވަނީ ފަށައިފައެވެ.

މިރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވާ ފޮޓޮއަކުން ފެންނަނީ، ނަޝީދުގެ ބައްޕާފުޅު އަބްދުއްސައްތާރު އުމަރާއި މަންމާފުޅު އާބިދާ މުހައްމަދު ޑިމޮކްރެޓްސް އަށް ސޮއިކުރައްވާ މަންޒަރެވެ.

ނަޝީދުގެ ބައްޕަ އާއި މަންމަގެ ފޯމުތަކާ ހަވާލުވީ ޑިމޮކްރެޓްސްގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ނަޝީދުގެ މަންމާފުޅު އާބިދާ މުހައްމަދު (ވ) އަދި ހަސަން ލަތީފް (ކ)، އާބިދާގެ ފޯމް ދައްކާލައްވަނީ / ފޮޓޯ: ސޯޝަލް މީޑިއާ

ނަޝީދުގެ މަންމަ އާއި ބައްޕަ އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސް އާ ގުޅިވަޑައިގަތް ނަމަވެސް، ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައި އެ ޕާޓީގެ ރައީސްގެ މަގާމުގައެވެ. އާ ޕާޓީ އާ ނަޝީދު ގުޅިވަޑައިގަންނަވާނެ ދުވަހަކާ މެދު ނޫސްވެރިން މީގެ ކުރިން ސުވާލުކުރުމުން، ނަޝީދުގެ އަރިސް މެންބަރުން ވަނީ އެކަން އެނގިވަޑައިގަންނަވާނީ ސީދާ ނަޝީދަށް ކަމަށް ވިދާޅުވެ، ޖަވާބެއް ދެއްވަން އުޒުރުވެވަޑައިގެންފައެވެ.