މުނިފޫހިފިލުވުމާއި ހަވާ އެރުވުން ފަދަ ހަރަކާތްތަކާ އެކު "ފުރަވީރުން"ގެ ނަމުގައި ޖުމްހޫރީ ޕާޓީން ހިންގި ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން، އެ ޕާޓީ އޮތީ ޒުވާނުންނާ އެކުގައި ކަމަށް ވިދާޅުވެ، ޒުވާނުން ހާސް ކަނޑާލުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިސްވެ ހުންނަވައި ހިންގެވި އެ ކެމްޕެއިން ހަރަކާތް ޕްރޮމޯޓްކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ފައިސާގެ އިނާމަކާ އެކުގައި ކަން ފާޙަގަކުރެވެއެވެ.
ބޮޑުބެރު ފަދަ ހަރަކާތްތަކާ އެކު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ރޭ ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ކުޑަ ވަގުތުކޮޅަކަށް ސްޓޭޖަށް ވަޑައިގެން، ގާސިމާއި ނަހުލާ ވަނީ ޒުވާނުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވައިފައެވެ. ނަހުލާ އާއި ގާސިމްގެ ވާޙަކަ ދެއްކެވުމުގެ ކުރިން ނަހުލާ ވަނީ ޖުމްހޫރީ ޕާޓީ އާ އަލަށް ގުޅުނު 2،023 މެންބަރުންގެ ފޯމުތައް ހިމެނޭ "ގާސިމް 2023" ޖަހާފައިވާ ފޯމް ސެޓު ގާސިމަށް އަރުވައިފައެވެ.
"ފުރަވީރުން"ގެ ހަރަކާތަށް އައި ޒުވާނުންނާ މުހާތަބުކުރައްވައި، ގިނަ ޒުވާނުން އެ ޕާޓީ އާ ގުޅެމުންދާ ކަން ފާހަގަކުރައްވައި ނަހުލާ ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން އެކުގައި މަސައްކަތްކޮށް، އެ ޕާޓީ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.
ނަހުލާ އަށް ފަހު، އެ ތަނުގައި ތިބި ޒުވާނުންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރާއްޖޭގެ މުސްތަގްބަލަކީ ކުރިމަތިން ފެންނަން ތިބި ޒުވާނުންނާއި ކުޑަކުދިން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ޒުވާނުންނަށާއި ކުޑަކުދިންނަށް ރާއްޖެ ވާސިލްކޮށްދޭން ޖެހޭނީ ކާބަފައިން ރާއްޖެ މިއަދަށް ވާސިލްކޮށްދިން ގޮތަށް، އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާ އެކީގައެވެ.
އަބަދު ވެސް މަސައްކަތްކުރައްވަނީ ރާއްޖެ ތަރައްގީކޮށް ކުރިއެރުވުމަށް ކަމަށާއި، އެ މަސައްކަތް ކުރެއްވުމުގައި ރާއްޖޭގެ ޒުވާނުންނާއި ކުޑަކުދިންނާ އެކު އަބަދު ވެސް ހުންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ތިބި އުމުރުން ދުވަސްވީ މީހުންނެކޭ އެއް ފަދައިން އެއަށް ވުރެ ބޮޑަށް ޒުވާނުންނަށާއި ކުޑަކުދިންނަށް އަހައްމިއްޔަތުކަން ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ރޭގެ ހަރަކާތް ފެށުމުގެ ކުރިން ޖުމްހޫރީ ޕާޓީން ބުނީ، "ފުރަވީރުން"ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތް އަދިވެސް ކުރިއަށް ދާނެ ކަމަށެވެ.
ގާސިމްގެ ކެމްޕެއިނާ ދިމާކޮށް، ޖުމްހޫރީ ޕާޓީން އަންނަނީ އެކި ރަށްރަށަށް ދަތުރުކޮށް، މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ހަމަހުސްފޮނި ވަޒީފާގައި ތިބި މީހުންނަށް ހަމަމުސާރަ ނުދެވޭ މީހެއް ކޮންކަމެއް ކުރެވޭނީ ޒުވާނުން އިނދަޖެހޭނީ ވަރަށް ވަރަށް ސާފް