މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅުވާ މަޖިލީހުން ބޭރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތުހުމަތު ކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރުން ދީފިއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ބޮމުގެ ހަމަލާގެ މައުލޫމާތު ސަރުކާރަށް އެނގޭކަމަށް ތުހުމަތުކޮށް މަޖިލީހުގައި ދެއްކި ވާހަކައާ ގުޅޭގޮތުން ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މަޖިލީހުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ވާދަވެރި ފަރާތްތަކުން ރައިސްސޯލިހުގެ ބޮލުގައި ދޮގު ބަދުނާމު އަޅުވައި ހަދާފައިވާ ކަމަށެވެ.

އެފަރާތްތަކުން އެ ވާހަކަތައް ދައްކާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިކަން ފާހަގަކޮށް މިއުވާން ވިދާޅުވީ ވާދަވެރި ފަރާތްތަކުން އެވާހަކަ މަޖިލީހުގެ ތަޅުމުގައި ދައްކާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެތަޅުމުގައި ދައްކާ ވާހަަކަތަކަށް ލިބިދޭ އިމްތިޔާޒްގެ ހިމާޔަތުގައި، "އިމްތިޔާޒްގެ ބޭނުން ނަހަމަގޮތުގައި ހިއްޕަވައިގެން" ކަމަށެވެ.

ހާއްސަކޮށް މެއި 6 އާ ގުޅުވައި، ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އަށް ކުރިއާލައި އެނގޭ ކަމަށާއި އެކަން ކުރީ ސަރުކާރުން ބޭނުންވެގެން ކަމަށް ދޭހަވާ ގޮތަކަށް ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކަކީ އެއްގޮތަކަށްވެސް އޭގައި ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން، ކަނޑައެޅިގެން ބޮޑު ދޮގެއް،
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު

މިއުވާން ވަނީ، މެއި ހައެއްގެ ހާދިސާ ރައީސް އިބްރާހީމާ ގުޅުވައި ވާހަކަ ދައްކަނީ، އެފަރާތްތަކަށް "ގެއްލިފައިވާ ސިޔާސީ ތާއީދު އަލުން އަނބުރާ ހޯދުމުގެ" ގޮތުން ކަމަށާއި އެ ތުހުމަތުތަކުގައި ހަގީގަތެއް ވާނަމަ، އެވާހަކަތަށް މަޖިލީހުން ބޭރުގައި ނުދައްކަވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ އިމްތިޔާޒް ލިބިދޭ ތަނަކުން ބޭރުގައި، އެފަދަ ނުރައްކާތެރި އަދި ރައްޔިތުންގެ ހިތުގައި ރުޅިވެރިކަމާއި ބައިބައިވުން އުފެދޭނެ ދޮގު ވާހަކަ ދައްކާނަމަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އެ މައްސަލައެއް ބަލާނެ ކަމަށެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، މޭ 6، 2021 ވަނަ ދުވަހުގެރޭ ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލަން އުޅުނު ކަމުގެ މައުލޫމާތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަ ވާ ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލައިގައި ހިންގި އިންކުއަރީއެއްގައި ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.

ހަސަންގެ ވާހަކަ އަށް ފަހު، ގަރާރަށް ބަހުސް ކުރައްވަން ފެއްޓެވުމުގެ ކުރިން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ ނަޝީދަށް އަމާޒުކޮށް ބޮމުގެ އިތުރު ހަމަލަތަކެއް ދޭން އުޅުނު ކަމުގެ މައުލޫމާތު ކުރިން ނުލިބޭ ކަމަށް ވިދާޅުވެފައެވެ. އިބްރާހީމް ރަޝީދު އެހެން ވިދާޅުވުމުން، ނަޝީދު ވަނީ އެ މައުލޫމާތު ޔަގީން ކޮށްދެއްވާފައެވެ.

"މޭރީ ބްރައުން ރެސްޓޯރަންޓް ކައިރީގައި ބޮމެއް ބާއްވައި އަޅުގަނޑު މަރާލަން އުޅުނުކަމާއި އަދި ޔާގޫތުގޭ ދޮށުގައި ބޮމެއް ބާއްވާ އަޅުގަނޑު މަރާލަން އުޅުނު ކަމުގެ މައުލޫމާތު، އަދި ކެނެރީގޭ ދޮށުގައި ބޮމެއް ބާއްވާ އެކަން ކުރަން އުޅޭ ކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ ސާފުކޮށް އެނގިފައިކަން މިތަނުގައި ހުރި ތަހްގީގު ތަކުންނާއި އަދި އިތުރު ތަހްގީގުތަކުން ވާނީ ރަނގަޅަށް އެނގިފައި" ނަޝީދު ވިދާޅުވިއެވެ.

މޭ މަހުގެ ހަވަނަ ދުވަހުގެރޭ ނަޝީދު ގެކޮޅުން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް، އައިއީޑީ ގޮއްވާލި ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ.