ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް އަންނަ މަހު އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރާނެއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބުނީ، ގާސިމަށް ރިޔާސީ ޓިކެޓް އެރުވުމަށްޓަކައި އަންނަ މަހުގެ ނުވަވަނަ ދުވަހު ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާ އެއް ބާއްވާނެ ކަމަށެވެ.

އެ ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށްޓަކައި ޕްރައިމަރީ އެއް ބާއްވާނެ ކަމަށް މިދިޔަ މާޗް މަހުގެ މެދުތެރޭގައި އިއުލާނުކުރުމުން ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ގާސިމެވެ. އޭގެ ފަހުން މިދިޔަ މަހުގެ ތިންވަނަ ދުވަހު ޖުމްހޫރީ ޕާޓީގެ ކައުންސިލުން ބައްދަލުވުމެއް ބާއްވައި، ކެންޑިޑޭޓަކީ ގާސިމް ކަމަށް ވަނީ އިއްތިފާގުވެފައެވެ.

2007 ވަނަ އަހަރު ފާސްކުރި ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި އިންތިހާބުތަކުގައި އެންމެ ގިނައިން ވާދަކުރެއްވި އެއް ބޭފުޅަކީ ގާސިމެވެ. އޭރުގެ ސިޔާސީ ހާލަތުގެ ސަބަބުން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ފިޔަވައި ދެން ބޭއްވި އިންތިހާބުތަކުގައި ގާސިމް ވާދަކުރައްވާފައިވެއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ގާސިމަށް ރިޔާސީ ޓިކެޓް އަރުވާއިރު، އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް މާދަމާރޭ ރިޔާސީ ޓިކެޓް އަރުވާނެއެވެ. ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޓިކެޓް އަރުވާފައިވީ ނަމަވެސް، އިންތިހާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނަށް އޮތީ ހަނި ފުރުސަތެކެވެ.

ގާސިމާއި ނާޒިމާއި ޔާމީންގެ އިތުރުން، ރިޔާސީ އިންތިހާބުގައި ދެން ވާދަކުރައްވާނީ އެމްޑީޕީގެ ފަރާތުން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އުމަރާއި މުނައްވަރު އިންތިހާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. އޭގެ އިތުރުން، އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" އިން ވެސް ކެންޑިޑޭޓެއް ނެރޭނެ ކަމަށް، އެ ޕާޓީން ބުންޏެވެ.