މާލޭ ގެއަކަށް ވަދެ، ތޫނު އެއްޗަކުން ބިރުދައްކައި ނުރައްކާތެރި ހަތިޔާރުން މީހަކަށް ހަމާދިން މައްސަލައިގައި ހޯދަމުންދިޔަ އުމުރުން 34 އަހަރުގެ ރ. މަޑުއްވަރީ ދެތަނޑިމާގެ، އިބްރާހިމް ސަމީން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ސަމީން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމުން ކަމަށެވެ.

ސަމީން ހޯދަން އިިއުލާން ކުރީ، މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެ އެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެންނެވެ.

މި ހާދިސާ ހިނގާފައިވަނީ މިމަހު 2 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިން ވެސް ގްރޫޕަކުން މާލޭ ގެއަކަށް ވަދެ މާރާމާރީ ހިންގާ 3 މީހަކަށް ހަމަލާ ދީ ޒަހަމްކޮށްލި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެމާރާމާރީ އާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މާލެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ދޭތެރެ ދޭތެރެއިން ނުރައްކާތެރި މާރާމާރީތައް ހިންގައެވެ. އަދި ބައެއް ފަހަރު މީހުންނަށް އަނިޔާ ވެސް ވަނީ ލިބިފައެވެ.