މާލޭގައި ގްރީންހައުސް ފާމެއްގައި މެރުއާނާ ގަސް ހައްދާ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުވާ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ މުހައްމަދު ޝަމްއޫން ނަމަކަށް ކިޔާ އެ ދިވެހި ފިރިހެނެކެވެ. ފުލުހުން އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ފާސްކުރި ތަނަކުން މަސްތުވާތަކެއްޗާއި އެ ތަކެތީގެ ވިޔަފާރީގެ ބޭނުމަށް ކިރަން ގެންގުޅޭ ސާމާނާ އެކުގައެވެ. އަދި އެތަނުގައި ހައްދާފައި ހުރި އާޓިފިޝަލް ފާމެއް (ގްރީންހައުސް) އެއްގެ ތެރޭގައި ހައްދާފައިވާ މެރުއާނާ ގަސް ކަމަށް ޝައްކު ކުރެވޭ ދެ ގަސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ބަލައި ފާސްކުރުމުގެ ތެރެއިން ވަނީ 76،100 ރުފިޔާ ފެނިފައިވާ ކަމަށާއި މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ބައެއް ޕެކެޓުތަކުން ޝަމްއޫންގެ ފިންގާޕްރިންޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޝަމްއޫން ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައި ވުމުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.

ފުލުހުން ވަނީ މިދިޔަ ހަފްތާ ތެރޭގައި ވެސް މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ މެރުއާނާ ގަސް ހައްދައިގެން އުޅުނު އެހެން މީހަކު ހައްޔަރު ކޮށްފައެވެ.