ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަށާލައި އިހްތިޖާޖުކޮށް އަޑުގަދަކުރުމުން، އިދިކޮޅު ތިން މެންބަރެއްގެ ނަން އިއްވައިފި ތަޅުމުން ނެރެފިއެވެ.
ތ. ތިމަރަފުށްޓާއި ވޭމަންޑޫގެ ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތާ ގުޅޭ ގޮތުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން އިމްރާން ހާޒިރުވެވަޑައިގަތް ވަގުތުން ފެށިގެން އިދިކޮޅު މެންބަރުން ގެންދެވީ އަޑުގަދަކުރައްވަމުންނެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އިސްވެ ހުންނަވައި ގޮވާލައްވަމުން ގެންދެވީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަންކުރުމަށެވެ.
މަޖިލިސް ކުރިއަށް ގެންދަން ފުރުސަތުދީ އެފަދައިން ކަން ނުކުރުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިލްތިމާސްކުރެއްވުމުން ގޮނޑީގައި އިށީނދެވަޑައިގަތުމަށް ފަހު، ރިޔާޒް ކުރެއްވި ސުވާލަށް އިމްރާން ޖަވާބުދެއްވަން ފެއްޓެވުމުން، ޝިޔާމްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ އިމްރާންގެ ކުރިމަތީގައި އިހްތިޖާޖުކުރައްވަން ފަށްޓަވައިފައެވެ.
އިހްތިޖާޖު ހުއްޓާލައި ޖަލްސާ އަށް ފުރުސަތު ދިނުމަށް އެންގުމުން އެކަމަށް އެ ތިން މެންބަރުން އިޖާބަ ނުދެއްވުމުން، އެންމެ ފަހުން އީވާ އެ ތިން މެންބަރުންގެ ނަން އިއްވައި، އެ މެންބަރުން ނެރެ، ނިޒާމް ގާއިމްކުރެވެންދެން މަޖިލީހުގެ ޖަލްސާ ތިން މިނެޓަށް މެދުކަނޑާލެއްވީއެވެ.
ޝިޔާމާއި ސައީދާއި ހުސައިން އިހްތިޖާޖުކުރައްވަމުން ގެންދެވި ވަގުތު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ތިން މެންބަރުންގެ ގާތަށް ވަޑައިގެން ވާހަކަ ދެއްކެވުމަށް މަސައްކަތް ކުރައްވައިފައެވެ. ތިން މިނެޓަށް މަޖިލިސް މެދުކަނޑާލުމުގެ ކުރިން އީވާ ވަނީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް އަބްދުލްޣަފޫރުގެ ކިބައިން އެދިވަޑައިގެންފައެވެ. އެއާއެކު އަބްދުލްޣަފޫރު ވަނީ އެނބުރި އޭނާގެ ގޮނޑިއަށް ވަޑައިގެންފައެވެ.