ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އިން ކަނޑައެޅި މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިހާތަނަށް 20 އަށް ވުރެ ގިނަ މެންބަރުން ސޮއިކޮށްފިއެވެ.

އިމުގެ މައްސަލައިގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ހުކުމްކުރީ އިކުއިޑިސްޓެންޓުގެ ދަށުން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަހާލުމަށެވެ. އެގޮތަށް ބަހާލުމުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އެގޮތަށް އިމުގެ މައްސަލަ ނިމިގެން ދިއުމަކީ ކާމިޔާބެއްގެ ގޮތުގައި ސަރުކާރުން ސިފަކުރި ނަމަވެސް، އެ މައްސަލައިގައި ސިޔާސީ ޕާޓީތަކާއި ސަރުކާރުގައި މަސައްކަތްކުރެއްވި ބޭފުޅުންގެ އިތުރުން، އާންމުން ސަރުކާރަށް ފާޑުކިޔާފައިވެއެވެ. އެ މައްސަލައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ ހުށަހަޅާފައެވެ.

އެ މައްސަލައިގައި އެކުގައި މަސައްކަތް ކުރަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް / ޕީއެންސީ) އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަން އަދި އެމްއެންޕީއެވެ.

ޕީޕީއެމްއެމް އިން މިއަދު ބުނީ، ރައީސްގެ މައްސަލަ ހުށަހެޅުމަށް ސޮއި ހަމަކުރަން ފަށާފައިވާ ކަމަށާއި ވަރަށް އަވަހަށް ބޭނުންވާ އަދަދަށް ސޮއި ހަމަވާނެ ކަމަށެވެ. އަދި މި މައްސަލަ ހުށަހަޅަން މިހާރު 20 އަށްވުރެ ގިނަ މެންބަރުން ސޮއިކޮށްފައިވާ ކަމަށް ވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ގާނޫނުއަސާސީގެ 100 އާއި 101 ވަނަ މާއްދާގައިވާ ގޮތުން، ސަބަބު ބަޔާންކޮށް، ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ސޮޔާ އެކުގައެވެ. އެއީ 29 މެންބަރުންގެ އޮއި އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭނީ މަދުވެގެން 10 މެންބަރުންގެ ސޮޔާ އެކުގައެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވުމަށް މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓު ބޭނުންވާނެއެވެ. އެއީ 43 ވޯޓެވެ. ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.

ރައީސް އަޒުލުކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީން ވަނީ ގުޅިފައިވާ ޕާލަމެންޓްރީ ގްރޫޕެއް އުފައްދާފައެވެ. އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވެސް އެ ގްރޫޕްގައި ބައިވެރި ވެއެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި ބަހާލުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ބުނެ އެކުލަވައިލި އިއްތިހާދުން ވަނީ އެ ނިންމުން އިސްތިއުނާފް ކުރުމަށާއި، ރައީސް މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ގޮވާލައި ޕެޓިޝަނެއްގައި އާންމުން ލައްވާ ސޮއިކުރުވަންވެސް ފަށާފައެވެ.