އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ތިން ދުވަހުގެ ދަތުރެއްގައި މިމަހުގެ ކުރީކޮޅު ވަނީ ރާއްޖެ ވަޑައިގެންފައެވެ. މިނިސްޓަރުގެ މި ދަތުރުގައި ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، ފާސްޓް ޕެޓްރޯލް އުޅަނދަކާއި ލޭންޑިން ކްރާފްޓް އެސޯލްޓް އުޅަނދެއް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ހަވާލު ކުރެއްވުމުގެ އިތުރުން އުތުރު ތިލަފަޅު (ޔޫޓީއެފް) ގައި އެކަތަ ބަނދަރު ހެދުމުގެ ބިންގާ އަޅުއްވައި ދެއްވިއެވެ. މި ދަތުރުން ދޭހަވަނީ އިންޑިއާއާއި ރާއްޖޭގެ ދިފާއީ ގުޅުން މި ސަރަހައްދުގައި ވަރުގަދަވަމުން ދާކަމެވެ. މިއަހަރުގެ ރިޔާސީ އިންތިހާބަށް ރާއްޖެއިން ތައްޔާރު ވަމުން އަންނައިރު، ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމުގައި ގިނަ ކަންތައްތަކެއް ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އޭގެ ނަސީބު ބިނާވެގެންދާނީ އިންޑިއާ އާއި ރާއްޖޭގެ ދިފާއީ ޕާޓްނާޝިޕަށް އެނބުރި އައުމުގެ ގާބިލުކަމާއި، ރާއްޖޭގެ ދާހިލީ ސިޔާސީ މަސްރަހާއި، ރާއްޖެއާއެކު ދިފާއީ ގުޅުން ބަދަހިކުރުމަށް ޗައިނާއިން އެދޭ މިންވަރުގެ މައްޗަށެވެ.

ދިފާއީ އެއްބާރުލުމާ ބެހޭ ތަފްސީލެއް:

1988 ވަނަ އަހަރުން ފެށިގެން އިންޑިއާ އާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ބަދަހިވެ، އޭގެ ފަހުން އައި ރާއްޖޭގެ ސަރުކާރުތަކާ އެކު އެ ގުޅުން ވަނީ ފުޅާވެފައެވެ. ރާއްޖޭގެ ޖިއޮގްރަފިކަލް ނާޒުކުކަމާއި، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ހިމާޔަތް ކުރުމުގެ ގާބިލުކަން ނެތްކަން ރާއްޖެއަށް އަދިވެސް އެނގެއެވެ. އަދި އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑު އަވަށްޓެރި އިންޑިއާއިން ދަނީ ބަލަމުންނެވެ. އަނެއްކޮޅުން އިންޑިއާއިން މި އެއްބާރުލުމާއި އެހީތެރިކަން ބޭނުންކުރަނީ ސަރަހައްދީ ބާރާއި ނެޓް ސެކިއުރިޓީ ޕްރޮވައިޑަރެއްގެ ހައިސިއްޔަތުން އެގައުމުގެ ނުފޫޒު ވަރުގަދަ ކުރުމަށެވެ. މީގެ އިތުރުން އިންޑިއާ ކަނޑުގައި ޗައިނާއިން އިތުރު ކުރާ ހަރަކާތްތައް ހުއްޓުވުމަށާއި ހަރުކަށި ފިކުރާއި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުމާއި މަސްތުވާތަކެއްޗާއި ހަތިޔާރު ޓްރެފިކް ކުރުން ފަދަ ބައިނަލްއަގްވާމީ ނުރައްކާތައް ކުޑަކުރުމަށް ވެސް އިންޑިއާއަށް ފުރުސަތު ފަހިވެއެވެ.

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ބޭނުމަކީ އެމްއެންޑީއެފްގެ ކެޕޭސިޓީ ބިލްޑިން އިތުރުކުރުމާއި ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިކަމަށްޓަކައި، ދިފާއީ އިންފްރާސްޓްރަކްޗަރާއި ރާޑަރުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ސިޔާސަތެއް ގެންގުޅެއެވެ. އެގޮތުން އަސްކަރީ ހާޑްވެއާ އާއި އިކުއިޕްމަންޓް ސަޕްލައި ކުރުމާއި، އިންސްޓިޓިއުޝަނަލް ހައިލެވެލް އެންގޭޖްމަންޓްސް އަދި ޖޮއިންޓް އެކްސަސައިޒްތައް އިންތިޒާމު ކުރުމާއި، ރާއްޖޭގެ އީއީޒެޑް ޖޮއިންޓް ޕެޓްރޯލް ކުރުމާއި ބެލެހެއްޓުމާއި، މަޢުލޫމާތު ހިއްސާކުރުމާއި، ބަދަލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ސިފައިންނަށް ބޭސްފަރުވާގެ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ހިއުމެނިޓޭރިއަން އެންޑް ޑިޒާސްޓާ ރެސްޕޮންސް، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންސް، ހައިޑްރޯގްރަފިކް މެޕިން އަދި މެރިޓައިމް ޑޮމެއިނަށް ހޭލުންތެރިކަން އިތުރުކުރުމަށް ވެސް ނިއު ދިއްލީން އެހީތެރިކަން ފޯރުކޮށްދެއެވެ. އިންޑިއަން އޯޝަން ނޭވަލް ސިމްޕޯޒިއަމް، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން އަދި ގޯއާ މެރިޓައިމް ކޮންކްލޭވް ފަދަ ޕްލެޓްފޯމްތަކުގައި ވެސް ދެ ގައުމުގެ އަސްކަރިއްޔާއިން އެއްބާރުލުން ދެއެވެ.

މީގެ އިތުރުން އިންޑިއާއިން ވަނީ އެގައުމުން ހަދިޔާކުރި މަތިންދާބޯޓު އޮޕަރޭޓް ކުރުމަށް 2-3 ޕައިލެޓުންނާއި އޮބްޒާވަރުންނާއި އިންޖިނިއަރުން ތަމްރީނު ކޮށްފައެވެ. އަދި މި މަތިންދާބޯޓުތައް ބެލެހެއްޓުމާއި އޮޕަރޭޓް ކުރުމުގައި ސިފައިންނަށް އެހީތެރިވުމަށް ގާތްގަނޑަކަށް 75 ވަރަކަށް ސިފައިން ރާއްޖޭގައި އެބަތިއްބެވެ. އުތުރު ތިލަފަޅު ނިމުމުން ސިފައިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. ޖުމްލަގޮތެއްގައި އިންޑިއާއިން ސިފައިންގެ ކޭޑަރުންނަށް އެންމެ ބޮޑު ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދެނީ، އެމީހުން ބޭނުންވާ 70 ޕަސެންޓް ފުރިހަމަ ކުރުމަށެވެ. 2021 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އިންޑިއާއިން ވަނީ ދިވެހި ސިފައިންނަށް 300 ތަމްރީނުގެ ފުރުސަތު ހުށަހަޅާ ފައެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި އެކަނިވެސް އިންޑިއާއިން ވަނީ 1400 އަށްވުރެ ގިނަ ސިފައިން ތަމްރީނު ކޮށްފައެވެ.

ޕާޓިޝަންޝިޕް-ޕާޓްނާޝިޕް ގެ މައްސަލަ:

އިންޑިއާގެ ދިފާއީ އާލާތްތަކާއި އުމްރާނީ ވަސީލަތްތައް މުޅި ރާއްޖެއަށް ފެތުރި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި އީއީޒެޑް ބެލެހެއްޓުމާއި ސިފައިންގެ ގާބިލްކަން ހަރުދަނާ ކުރުމުގައި އިންޑިއާއިން ވަނީ އެމްއެންޑީއެފް އަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަތީޖާއެއްގެ ގޮތުން އިންޑިޔާއާއެކު ޑިފެންސް ޕާޓްނަޝިޕް ގާއިމުވެގެން ދިޔައީ ރާއްޖޭގެ ހުރިހާ ޕާޓީތަކެއްގައި ވެސް މޮޅު ގުޅުމެއްގެ ގޮތުގައެވެ. 2017 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް ވެސް އެކަން އޮތީ އެގޮތަށެވެ. ރާއްޖޭގެ ކުރީގެ ސަރުކާރުތަކުން އިންޑިޔާއާއެކު ހިންގަން ފަށާފައިވާ މަޝްރޫއުތައް ދެން އަންނަ ސަރުކާރުތަކުން ވެސް ވަނީ ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސްފައެވެ. އަދި އިންޑިޔާއާއެކު އާ ގުޅުންތައް ވަނީ އެކި ސަރުކާރުތަކުން ފަށާފައެވެ. ސަރުކާރުތަކުގެ އިސްވެރިން އެ މަޝްރޫއުތައް ސިޔާސީ ކޮށް، އިދިކޮޅުގައި ތިއްބަވައިގެން އޭރު އޮންނަ ސަރުކާރަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ނަމަވެސް އެއްވެސް މަޝްރޫއެއް ހުއްޓާފައެއް ނުވެއެވެ. ނަޝީދުގެ (2008-2012) ވެރިކަމުގައި 2009 ވަނަ އަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް ދޭ އެހީގެ ތެރޭގައި އަސްކަރީ ހޮސްޕިޓަލަކާއި ރާޑަރުތަކާއި ދުރޫވް ހެލިކޮޕްޓަރު ހިމެނެއެވެ. އަދި އިންޑިއާއިން އަސްކަރީ ހޮސްޕިޓަލް ހުޅުވައި، ދެވަނަ ހެލިކޮޕްޓަރު ރާއްޖެއަށް ފޯރުކޮށްދިނީ ވަހީދުގެ ވެރިކަމުގެ (2012-2013) ތެރޭގައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި (2013-2018) ވެސް ކޯސްޓަލް ރާޑަރު ސިސްޓަމްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ދިޔައެވެ. މީގެ އިތުރުން 2016 ވަނަ އަހަރު އިންޑިއާ އާއި ރާއްޖެއިން ވަނީ ޑިފެންސްގެ ކޮމްޕްރިހެންސިވް އެކްޝަން ޕްލޭނެއްގައި ވެސް ސޮއިކޮށްފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެކްސަސައިޒް އެކަތާ، ނޭވީ ސްޓާފް ޓޯކްސް، ޑިފެންސް ކޯޕަރޭޝަން ޑައިލޮގް، ޖޮއިންޓް ސްޓާފް ޓޯކްސް އަދި މޮބައިލް ޓްރެއިނިން ޓީމްތައް އިންސްޓިޓިއުޝަނަލައިޒް ކުރިއެވެ. އަދި އުތުރު ތިލަފަޅު ބަނދަރާއި ޑޯނިއާ މަތިންދާ ބޯޓެއް ހޯދުމަށް ވެސް އޭރު ރައީސް ޔާމީންގެ ސަރުކާރުން ވަނީ އިންޑިއާގައި އެދިފައެވެ. ޗައިނާއަށް ތާއީދުކުރާ ސިޔާސަތު ގެންގުޅުއްވި ނަމަވެސް، އިންޑިއާއާއެކު ދިފާއީ ޕާޓްނަޝިޕް ކުރިއަށް ގެންދެވިއެވެ. ނަމަވެސް ޗައިނާގެ އިންވެސްޓްމަންޓާއި އެއްބާރުލުން އިތުރުވުމުން ރައީސް ޔާމީން މަސައްކަތް ކުރެއްވީ އިންޑިއާގެ މަސްލަހަތަށް ބުރޫ އަރަމުން ދިޔަނަމަވެސް ބެއިޖިންއާ ގުޅުން ބަދަހި ކުރެއްވިއެވެ.

2018 ވަނަ އަހަރު ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވުމާ ގުޅިގެން އިންޑިއާއިން ފާޑުކިޔުމުން ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެގެން ދިޔައެވެ. އަދި ޗައިނާ ބޭނުން ކުރައްވައި، އިންޑިޔާގެ ނުފޫޒުން އެއްކިބާވެ، ރާއްޖޭގައި ޗައިނާގެ އޮބްޒަވޭޝަން ސްޓޭޝަނެއް ގާއިމު ކުރެއްވުމަށް މަސައްކަތް ކުރެއްވުމާއި، ޕާކިސްތާނާ ގުޅިގެން ރާއްޖޭގެ އީއީޒެޑް ޕެޓްރޯލް ކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެއަށްފަހު ރައީސް ޔާމީން ވަނީ އިންޑިއާއިން ރާއްޖެއަށް ދީފައި އޮތް ހެލިކޮޕްޓަރުތަކާއި ސިފައިން އަނބުރާ ގެންދިއުމަށް ވެސް އެދިވަޑައިގެންފައެވެ. މި ޑިމާންޑްތައް އުފެދުނީ ރާއްޖޭގައި އިންޑިއާގެ ބާރާއި ނުފޫޒު އޮތުމަށް ޗައިނާއިން ދެކޮޅު ހެދުމުން ކަމަށް ބައެއް ދިރާސާތައް ބުނެއެވެ. ނަމަވެސް ޗައިނާއިން ވެސް ރާއްޖެއާ އެކު ދިފާއީ ޕާޓްނާޝިޕެއް އުފެއްދުމަށް މާ ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާ-ރާއްޖޭގެ ޑިފެންސް ޕާޓްނަޝިޕް ރައީސް ޔާމީން އެއްވެސް އިރެއްގައި ހުއްޓައެއް ނުލައްވައެވެ. އިންޑިޔާގެ މަޝްރޫއުތައް އޭރު މަޑުޖެހިފައި ވީނަމަވެސް، ރައީސް ޔާމީން ގެންދެވީ ދިފާއީ ޕާޓްނަޝިޕް ދަށްކޮށް އަދި އެންމެ ކުޑަމިންވަރަކަށް ބަހައްޓަވަމުންނެވެ. ޖޮއިންޓް ސްޓާފް ޓޯކްސް، އެކްސަސައިޒް އެކަތާ، އީއީޒެޑް ސަވައިލަންސް އަދި އިންޑިއަން އެމްޓީޓީގެ ތަމްރީނުތައް އޭރުވެސް ކުރިއަށް ދިޔައެވެ.

ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީން އިދިކޮޅުގައި ހުންނެވުމުން، އިންޑިއާގެ ދިފާއީ ޕާޓްނާޝިޕާއި އެހީތެރިކަން މީގެ ކުރިން އެހެން އެއްވެސް ސަރުކާރަކު ވެފައިވާ ވަރަށް ވުރެ ބޮޑަށް ވަނީ ސިޔާސީ ކޮށްފައެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަފާތެރިން "އިންޑިއާ އައުޓް ކެމްޕެއިން" ފައްޓަވާފައި ވާއިރު، މި ދިފާއީ ޕާޓްނާޝިޕްގެ ތެރެއިން ރާއްޖޭގެ އިސްތިގުލާލަށް ނުރައްކާ ވެއްޖެ ކަމަށް ބުނެ އިންޑިއާއަށާއި ރައީސް ސޯލިހަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް ކުރިމަތި ވެފައެވެ. ސަވައިލަންސް ރާޑަރު އިންސްޓޯލްމަންޓްތައް އަވަސް ކުރުމާއި ޑޯނިއާ މަތިންދާ ބޯޓާއި އުތުރު ތިލަފަޅު ބަނދަރުގެ އެއްބަސްވުންތަކުގައި ސޮއިކުރުމާއި ހައިޑްރޯގްރެފިކް ސާވޭތައް ކުރިއަށް ދާތީ ދެ ފަރާތަށް ވެސް ދަނީ ފާޑުކިޔަމުންނެވެ. އެއީ މަޝްރޫއުތަކުގެ އިބްތިދާއީ މަރުހަލާތަކުގައި ރައީސް ޔާމީންގެ ސަރުކާރުން މުހިންމު ދައުރެއް އަދާކުރެއްވި މަޝްރޫއު ތަކެކެވެ. ހަގީގަތުގައި ރާޖްނާތު ސިންގް ދާދި ފަހުން ރާއްޖެއަށް ކުރެއްވި ދަތުރަކީ ޗާގޯސްގެ މައްސަލައާއި އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމާ ވެސް ގުޅިފައިވާ ދަތުރެކެވެ.

އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނައިރު، ރާއްޖޭގެ ސިޔާސީ މަސްރަހަށް ދަނީ ހީވެސް ނުކުރާ ވަރުގެ ބަދަލުތަކެއް އަންނަމުންނެވެ. އިންޑިއާ އައުޓް ކެމްޕެއިންގައި ނިއުޓްރަލް ސްޓޭންޑެއް ގެންގުޅުއްވާ ގާސިމް އިބްރާހިމް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްމަށް ގެންދަވަނީ ތައްޔާރު ވަމުންނެވެ. ރައީސް ޔާމީނަށް މި އިންތިހާބުގައި ވާދަ ކުރެއްވޭނެކަން އަދި ޔަގީނެއް ނޫނެވެ. އަދި ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި ފެކްޝަންތައް އުފެދި، ރައީސް ނަޝީދު މިހާރު ގެންދަވަނީ ރައީސް ޔާމީންގެ ޕާޓީއާއި ބައިވެރިންނާ ވާހަކަ ދައްކަވަމުންނެވެ. ޖުމްލަ ގޮތެއްގައި ފެންނަނީ ސިޔާސީ ލީޑަރުންނާއި ކޯލިޝަންތަކާއި އިންޑިއާގެ ޕާޓްނާޝިޕާ މެދު އެ ޕާޓީތަކުން ގެންގުޅޭ ސްޓޭންޑް ސާފުނުވާ މަންޒަރެވެ.

މަސްތުވާތަކެތީގެ ވަގުފާރި އާއި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުމުގައި ރާއްޖެއަށް ހުރި ގޮންޖެހުންތައް އިތުރުވަމުން ދާއިރު، އިންޑިއާއަކީ ދިފާއީ އެންމެ ވަރުގަދަ ބައިވެރިޔާއެވެ. އެހެންނަމަވެސް، މި އެއްބާރުލުމުގެ މުސްތަގްބަލް ވަރަށް ބޮޑަށް ބަރޯސާވާނީ، މި އެއްބާރުލުން ވަކި ފަރާތަކަށް ނުޖެހުމުގެ ގާބިލުކަމުގެ މައްޗަށެވެ. ރައީސް ޔާމީންގެ ޕާޓީގެ ތެރޭގައި ސިޔާސަތަށް ބަދަލު ގެނައުމުން ނިއު ދިއްލީއަށް އާ ފުރުސަތުތަކެއް ލިބިދާނެ ކަމަށާއި ނަމަވެސް ގިނަ ކަންތައްތަކެއް ބަރޯސާ ވާނީ އެ ގައުމުގެ ދާހިލީ ސިޔާސީ މަސްރަހާއި ރާއްޖެއާ އެކު ދިފާއީ ޕާޓްނަޝިޕް އިތުރުކޮށްގެން އިންޑިއާގެ ބަދަލުގައި މަސައްކަތް ކުރަން ޗައިނާ އިން ބޭނުންވާ ކަންކަމުގެ މައްޗަށެވެ.