ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުގެ އެންމެ ޝަރަފްވެރި ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވައިފިއެވެ.

ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާތައް ހޯދާ ދަރިވަރުންނަށް އިނާމް ދިނުމަށް ބާއްވާ "މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ" ބުދަ ދުވަހުގެރޭ އަދި ރޭ ދަރުބާރުގޭގައި ބާއްވާފައިވާއިރު މިދިޔަ ދިރާސީ އަހަރު ސާނަވީ އިމްތިހާން 6360 ދަރިވަރުން ފުރިހަމަކޮށްފައިވެއެވެ.

މިދިޔަ ދިރާސީ އަހަރު ސާނަވީ އިމްތިހާން ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން 844 ދަރިވަރުން އެންމެ ރަނގަޅު 10 ވަނައިގެ ތެރޭގައި ހިމެނިފައެވެ. އޭގެތެރޭގައި ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި ހިމެނުނު 11 ދަރިވަރެއްގެ އިތުރުން ހައި އެޗީވްމެންޓް ހާސިލުކުރި 6 ދަރިވަރަކު ހިމެނެއެވެ.

ނައިބު ރައީސް ދަރިވަރަކަށް އިނާމު ދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް

ރޭގެ ޖަލްސާގައި ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ނަތީޖާ ހޯދި 4 ދަރިވަރުންގެ އިތުރުން 2021-2022 ވަނަ އަހަރުގެ ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެއްވަނަ ހޯދި 9 ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ

އިނާމު ހޯދި ދަރިވަރުންތަކަކާއެކު އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ/ ފޮޓޯ: ރައީސް އޮފީސް

ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 16 ދަރިވަރުން ވަނީ 2 ވަނަ ހޯދާފައެވެ. ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުގެ އެކިއެކި މާއްދާތަކުން މުޅި ދުނިޔެއިން 2 ވަނަ އިން 10 ވަނަ އާ ދެމެދުގެ ވަނަތައް 3 ދަރިވަރުން ހޯދާފައިވާއިރު އެ ދަރިވަރުންނަށް ވެސް ޓްރޮފީއާ ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ފަޒްނާއެވެ.

މެޑަމް ފަޒްނާ ދަރިވަރަކަށް އިނާމު ދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް

ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 3 ވަނަ ހޯދި 45 ދަރިވަރުންނަށް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އިނާމު ހަވާލުކޮށްދެއްވާފައެވެ.