ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި ބަހާލުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ބުނެ އެކުލަވައިލި އިއްތިހާދުން ކުރިއަށް ގެންދާ ޕެޓިޝަނުގައި މިއަދު ވެސް ސޮއިކުރުން ކުރިއަށްދާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ސިއްރު ސިޓީއަކުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި މައްސަލައިގައި އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ދިވެހި ރައްޔިތުންގެ ފަރާތުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ތައްޔާރު ކޮށްފައިވާ ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތްތަކެއް މިއަދު ހަވީރު 4 އިން ފެށިގެން އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ޕެޓިޝަނުގައި އިހަށް ދުވަހު ސޮއިކުރަން ފަށާފައި ވާއިރު ސޮއިކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ދަތުރުވެރިންގެ މާރުކޭޓު ކުރިމަތީގައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އެ ޕެޓިޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އޮންލައިންކޮށް އެ ހަރަކާތް ކުރިއަށްދެމުން ގެންދާއިރުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އަދި އިއްޔެ ގިނަ އަދަދެއްގެ ރައްޔިތުންނެއް އެތަނަށް ގޮސް ސޮއިކޮށްފައިވާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

މި ޕެޓިޝަންގެ އިތުރުން މި މައްސަލައާ ގުޅިގެން މި އިއްތިހާދުން މި އަންނަ މަހުގެ 2 ވަނަ ދުވަހު ބޮޑު އެއްވުމެއްވެސް ބާއްވަން ވަނީ ނިންމާފައެވެ.

އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

މިކަމާ ގުޅިގެން އެ އިއްތިހާދުން ބުނީ ރާއްޖެއަށް ގެއްލިގެން ދިޔައީ ރާއްޖޭގެ މަސްވެރިން ނަފާ ހޯދަމުން ދިޔަ ކަނޑުގެ ސަރަަހައްދެއް ކަމުން އެއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ރައީސް ސޯލިހް ގައުމަށް ހިޔާނާތްތެރިވެއްޖެ ކަމަށް ވެސް އެ އިއްތިހާދުން ބުނެއެވެ.