މިއަހަރު ހައްޖުގެ އަޅުކަން ކުރުމަށްދާ ހައްޖާޖީން ފުރުވުމުގެ އިންތިޒާމްތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ނައިބު ރައީސް ފައިސަލް ނަސީމް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވައިފިއެވެ.
މިއަހަރުގެ ހައްޖާޖީން ފުރުވުމުގެ ކަންކަމާމެދު ނައިބު ރައީސް ފައިސަލް މަޝްވަރާ ކުރައްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
ނައިބު ރައީސް ވިދާޅުވީ ހައްޖާޖީންގެ ކަންކަން ވީހާވެސް ގާތުން ބަލައި އެންމެހައި އިންތިޒާމްތައް ވީހާވެސް ފުރިހަމަޔަކަށް ގެންދިޔުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވާފައިވާކަމަށެވެ. އަދި އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ހައްޖާޖީންގެ އިންތިޒާމްތައް އެންމެ ފުރިހަމަޔަށް ކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާއެކު ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތްތައް ވީހާވެސް ފުރިހަމަޔަށް ގެންދެވުމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.
ހައްޖާޖީން ފުރުމަށް އެއާޕޯޓަށް ގެންދިޔުމުގެ އެންމެހާ އިންތިޒާމްތައް މި ފަހަރުވެސް ސަރުކާރުން ވީ އެންމެ ރަނގަޅަކަށް ކޮށްދެއްވާނެ ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ. ފައިސަލް އިތުރަށް ވިދާޅުވީ މި އަހަރު މިހާތަނަށް ރާއްޖެއިން ހައްޖަށް ދިޔުމަށް 1000 ކޯޓާ ލިބިފައިވާއިރު ހައްޖާޖީން އެއާޕޯޓަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާލެ، ހުޅުމާލެ، އަދި ވިލިމާލެއިން ކަމަށެވެ. އެގޮތުން ބަސްތަކާއި ފެރީ އަދި ލޯންޗް މެދުވެރިކޮށް ހައްޖާޖީން އެއާޕޯޓަށް ގެންދިޔުމުގެ އިންތިޒާމްތައް މިހާރު ކުރަމުންދާ ކަން ވެސް ފައިސަލް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވަނީ 2019 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ހައްޖުވެރިންގެ އިންތިޒާމްތައް ކަމާބެހޭ ހުރިހާ މުއައްސަސާއަކުން ގުޅިގެން ކުރިޔަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމަށްއަށްކަން ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.