ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކަންމަތީ ދެމެހެއްޓުމަށްޓަކައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ދެމެދު އިހުލާސްތެރި އަދި ހުޅުވާލެވިފައިވާ މަޝްވަރާތަކެއް ކުރިއަށް ދާންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ބައިވެރިވެވަޑައިގަތުމަށްފަހު ފައިސަލް ނަސީމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު މި ސިނާއަތަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން، ފަހަކަށް އައިސް ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކާއި މާލީ ގޮތުން ކުރިމަތިވެފައިވާ ފިއްތުންތަކުގެ ސަބަބުން، ވިޔަފާރި ހިންގުމުގެ ހަރަދުތައް އިންތިހާއަށް އުފުލި، ގިނަ އޮޕަރޭޓަރުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފައިސަލް ނަސީމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދުގެ މައިބަދައަކީ ޕްރައިވެޓް އިންވެސްޓްމަންޓްތަކާއި، ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކާއި، ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ހިމެނޭހެން މި ދާއިރާގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތެވެ. އަދި ދައުލަތަށް ބޭނުންވާ މުހިންމު އާމްދަނީ އާއި ބޭރު ފައިސާ ހޯދައި ދެނީ މި ފަރާތްތަކުން ކަމަށްވާއިރު، މި ސިނާއަތް ދެމެހެއްޓުމަށްޓަކައި ވިޔަފާރިތަކަށް ސާފު އަދި ދުރާލާ ލަފާކުރަން އެނގޭ ފަދަ ހަރުދަނާ ސިޔާސަތުތަކެއް އޮންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކަކީ ވިޔަފާރިތައް ހިންގުމަށް ހުރަސްއެޅޭ ފަދަ ސިޔާސަތުތަކަކަށް ވުމުގެ ބަދަލުގައި، ވިޔަފާރިތަކަށް އެއްބާރުލުން ދޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އިތުބާރު ދަމަހައްޓައިދޭނެ ފަދަ ސިޔާސަތުތަކަކަށް ވާންޖެހޭނެ ކަމަށްވެސް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ވިދާޅުވެފައެވެ.