ހަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަގުސަދެއްގައި ކުރަން އުޅޭކަމެއް ކަމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ތުހުމަތު ކުރައްވައިފިއެވެ.
މިއަދު ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމަށް އޮންނަ ބާރެއް ކަމަށެވެ. ޒިންމާދާރު މަޖިލީހެއް އޮތުމުން، އޭގެ ފައިދާ ކުރާނީ ސީދާ ރައްޔިތުުންނަށް ކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ގާނޫނު އަސާސީ އާއި، ގާނޫނު ތަކަށް ގެންނަމުންދާ ބަދަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިއީ ހުރިހާ ބާރު ތަކެއް ވެރިކަން ކުރާ ފަރާތުގެ މުށު ތެރެޔަށް ގެނައުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވަމުން ފައިސަލް ވިދާޅުވީ މިގޮތަށް މިކަން ކުރުމުން މިނިވަން މުއައްސަސާ ތަކުގެ މުސްތަގިއްލުކަން ގެއްލި، ސީދާ ސަރުކާރުގެ ނުފޫޒު މުއައްސަސާ ތަކުގެ މައްޗަށް ގަދަވެގެން ދާކަމަށެވެ. މިކަހަލަ ބަދަލު ތަކުން ރައްޔިތުންނަށް ވާނެ މޮޅެއް ނުފެންނަކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މިކަމުން ހާސިލްވާ ކަމަކީ ހަމައެކަނި ވެރިކަން ދިފާއުކޮށް، ބޭނުންވާ ބަޔަކަށް ފައިދާ ހޯދައި ދިނުން ކަމަށެވެ.
"ސަރުކާރުގެ އަމަލުތައް ބައްޓަން ކުރަން ވާނީ މުޅި ގައުމާއި، ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދެވޭ ގޮތަށް. ދައުލަތުގެ ހަރަދު ކުޑަ ކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ބޭކާރު ގޮތުގައި ކުރެވޭ ކަންކަން ހުއްޓާލަން ޖެހޭނެ. ސީދާ އެކަމުން ގައުމަށް ފައިދާ ނުވާ ކަންކަން ހުއްޓާލަން ޖެހޭނެ. ހާއްސަކޮށް ކުރާނެ މަސައްކަތެއް ނެތި، ސިޔާސީ މަގާމު ތަކަށް އެއްވެސް އިމެއް އަދި މިނެއް ނެތި މީހުން ގިނަ ކުރުމުން، ހަރަދު ކުޑަ ކުރުމުގެ ވިސްނުން ސަރުކާރުގައި ހުރީ ކިހާ ވަރަކަށްތޯ އެބަ އެނގޭ." ފައިސަލް ވިދާޅުވިއެވެ.
ގާނޫނު އަސާސީ އާއި ގާނޫނު ތަކަށް ވަކި ބަދަލު ތަކެއް ގެނެސްގެން، އިންތިހާބު ކާމިޔާބު ކުރަން މަގު ފަހި ކުރުމަކީ އޭގައި ވަރަށް ގޯސް ކަންތައް ތަކެއް ހިނގާނެ ކަމެއްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ވެރިކަން ލިބޭ ކޮންމެ ބަޔަކު، ވެރި ކަމުގައި ތާ އަބަދު ތިބުމަށްޓަކައި މަސައްކަތް ފަށައިފި ނަމަ، އޭގެ ނުރަނގަޅު އަސަރު ރައްޔިތުންނަށްކޮށް، ގައުމުގެ ހަމަޖެހުން ގެއްލި އަދި އިގްތިސާދަށްވެސް ލޮޅުން އަރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މުސްތަގިއްލުކަން ވަކި ބާރެއްގެ ގޮތުގައި އޮންނަ އޮތުން އެގޮތަށް ބޭއްވުށާއި މަޖިލީހަށް ގެންނަ ބަދަލަކީ މަޖިލީހުގެ އަދަދު މަދުކޮށް، އަދި މުޅި އަތޮޅުން ވޯޓު ލައިގެން ހޮވާ ބަޔަކަށް ހެދުމަށް ފެންނަކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި މިނިވަން މުއައްސަސާ ތަކަށް މީހުން އައްޔަން ކުރުމުގެ ދައުރަކީ މަޖިލީހުން މިނިވަންކަމާ އެކު ކުރާ ކަމެއްގެ ގޮތުގައި ބޭއްވުމަށްވެސް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ފުރިހަމަ މިނިވަން ޖުޑިޝަރީ އަކަށް މަގު ފަހި ކުރުމަށްޓަކައި، ސިޔާސީ މީހުން ޖޭއެސްސީގައި ހިމަނާ ހިމެނުން ދޫކޮށް، ފަނޑިޔާރުންނަށް ފުރިހަމަ މިނިވަަންކަމާ އެކު މަސައްކަތް ކުރެވޭނެ މަގު ފަހިކޮށް ދިނުމާއެކު ދައުލަތުގެ މަގާމުތައް ދިނުން އިންސާފުވެރިކަމާ އެކު ތައުލީމާއި ތަޖުރިބާ އަށް އިސްކަން ދީގެން، ވަކި އާއިލާ އަކަށް، ނުވަތަ ނިސްބަތްވާ ވަކި ފަރާތަކަށް ނުބަލާ ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސުމަށް ފައިސަލް އެދިވަޑައިގަތެވެ.
މީގެ އިތުރުން ފައިސަލް އެދިވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި:-
- އެއް ސަރުކާރުން އަނެއް ސަރުކާރަށް ނަގުލުވާ ކަންކަން ސިޔާސީ ނުކޮށް، ރައްޔިތުންނަށް އިންސާފުވެރިކަމާ އެކު ފޯރުކޮށްދިނުން.
- އާންމުންގެ ހައްގު ތަކަށް އިހްތިރާމްކޮށް، ދައުލަތުން އާންމު މީހާ ވެސް ބާކީ ނުކޮށް، އޭނާގެ ހައްގު އަދާ ކޮށްދިނުން.
- ދުވާލަކު ގޮތަކަށް ގައުމީ ތަރައްގީގެ މަޝްރޫއުތައް ބަދަލު ނުކޮށް، ދިގު ރާސްތާ އަކަށް އަމާޒު ކޮށްގެން މަޝްރޫއުތައް ރޭވުން.
- ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުުރު ކުރުން. ހާއްސަކޮށް މިހާރު ބޭރު މީހުން އަދާ ކުރަމުންދާ ބޮޑެތި އާމްދަނީ ލިބޭ ފަދަ މަގާމުތައް ދިވެހިންނަށް ލިބޭނެ ގޮތަށް އިންތިޒާމު ހަމަޖެއްސުން.
- ދިވެހިންގެ ފުދުންތެރިކަން އިތުރު ކުރުވުން. ބޭރުގެ ފަރާތް ތަކަށް އެއްކޮށް ބަދަލު ވެގެންދާ ވިޔަފާރިތައް ދިވެހިންގެ އަތް މައްޗަށް އަންނާނެ ގޮތަށް ސިޔާސަތު ބައްޓަން ކުރުން.
- ދިވެހި ރާއްޖޭގެ ސަރަހައްދީ ތަރައްގީ އަށް އިސްކަން ދިނުން. ހާއްސަކޮށް ސިއްހީ، ތައުލީމު އަދި ދިރިއުޅެވޭނެ ގޮތްތައް އަވަސް ފުރުސަތެއްގައި ފަހިވުން.
މީގެ އިތުރުން ފައިސަލް ވަނީ ގާނޫނު އަސާސީ އާއި ގާނޫނު ތަކަށް ކުއްލި ބަދަލު ގެނައުން ހުއްޓާލައި، ޒިންމާދާރު ކަމާ އެކު މިފަދަ މަސައްކަތް ކުރުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަކީ، އެހާ ފަސޭހަ އިން ކުރެވޭ ކަމެއްގެ ގޮތުގައި އޮތް އޮތުމާ މެދު ވިސްނައި، ގައުމަށް މިއަށްވުރެ ރަނގަޅު ގޮތެއް ހޯއްދަވައިދެއްވުމަށްވެސް އެ މަނިކުފާނުވަނީ އެދިވަޑައިގެންފައެވެ.

ރީނދޫ ޞޯލިޙުގެ ޚުދުމުޚުތާރު ވެރިކަމުގައި ހިންގި ޖަރީމާތައް މީނާއަށް ނުފެނުނީ ކީއްވެބާ؟