އިދިކޮޅުން ހުށަހެޅި އިތުބާރު ނެތް މައްސަލައިގައި ޖަވާބުދާރީ ވުމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު 13 މެންބަރުންގެ ސޮޔާ އެކު ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާ އަށް ލިބިފައިވާ ކަމަށާއި، އެ މައްސަލައަށް ބަހުސްކުރަން ފެށުމުގެ ކުރިން ރިފްއަތަށް ފޮނުވަން ޖެހޭ ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.

ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައިވާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅައި، ބަހުސްކުރުމުގެ 14 ދުވަސް ކުރިން ވަޒީރަށް އެކަން އަންގަން ވާނެއެވެ. އަދި އެ ބަހުސްގައި ވަޒީރަށް އަނގަ ބަހުންނާއި ލިޔެކިއުމުން ދިފާއު ހުށަހެޅުމުގެ ފުރުސަތު އޭނާ އަށް ލިބިގެންވާ ކަމަށް ވެސް އެ މާއްދާގައި ވެއެވެ.

އެ މައްސަލަ އެޖެންޑާ ކުރާނެ ތާރީހެއް ފަހުން އަންގަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އިން ކަނޑައެޅި މައްސަލައިގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެ މައްސަލަ މަޖިލީހަށް އިދިކޮޅުން ހުށަހެޅީ ޕްރޮފްރެސިވް ކޮންގްރެސް ކޯލިޝަނާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ އިތުރުން، މިދިޔަ އަންގާރަ ދުވަހު އެމްޑީޕީން ވަކިކުރި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ގުޅިގެންނެވެ.

ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައިވާ ގޮތުން، ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ކަމަށެވެ. އެހެންކަމުން 43 މެންބަރުންގެ ވޯޓު ހަމަވެއްޖެ ނަމަ، ރިފްއަތު ބަންޑާރަނައިބުގެ މަގާމުން ވަކިވާނެއެވެ.