ހަނގުރާމައައިގެން ސަލާމަތް ނުވެގެން އުޅެނިކޮށް 2.7 މިލިއަން ޑޮލަރުގެ ރިޝްވަތުގެ ތުހުމަތެއްގައި ޔޫކްރައިންގެ ސްޕްރީމްކޯޓުގެ އިސް ފަނޑިޔާރު ހިފަހައްޓައިފިއެވެ.

ޔޫކްރައިންގެ އެންޓި ކޮރަޕްޝަން ޕްރޮސެކިއުޓާ އޮފީހުގެ ވަކީލަކު ވިދާޅުވީ، 2.7 މިލިއަން އެމެރިކާ ޑޮލަރުގެ ރިޝްވަތުގެ ތުހުމަތެއްގައި ސްޕްރީމްކޯޓުގެ އިސް ފަނޑިޔާރު ހިފަހައްޓާފައި ކަމަށެވެ.

އެ އޮފީހުގެ ވަކީލު އޮލެކްސަންދަރް އޮމެލެޗެންކޯ ވިދާޅުވީ ސްޕްރޯމް ކޯޓުގެ އިސްފަނޑިޔާރު ވެސެވްލޮދް ނިއަޒީވް ގެ އިތުރުން އެހެން މީހަކު ވެސް ހިފަހައްޓާފައި ވާ ކަމަށައި ނަމަވެސް ދެވަނަ މީހާގެ މައުލޫމާތު އަދި ހާމަ ކުރެއްވެން ނެތް ކަމަށެވެ.

މިއީ ޔޫކްރައިންގެ ޝަރުއީ ދާއިރާގައި މިހާތަނަށް ފެންމަތިވި އެންމެ ބޮޑު ރިޝްވަތުގެ ކޭހެވެ. ޔޫކްރައިންގެ އެންޓި ކޮރަޕްޝަން ބިއުރޯ (ނަބޫ) އިން ބުނީ، ސްޕްރީމް ކޯޓުގެ ތެރޭގައި ބައިގަނޑެއް [ޖަޖުންގެ ގްރޫޕެއް] އޮތް ކަން އެނގިފައިވާ ކަަމަށާއި އެއީ ކްރިމިނަލް ގްރޫޕެއް ކަމަށެވެ.

އެ ދެ އިދާރާއިން ހާމަ ކުރި ފޮޓޯތަކުގައި ތަހުގީގީ ފަރާތްތަކުން އެމީހުންގެ ގޭގެއަށް ގޮސް ބެލި އިރު ސޯފާއާއި އެކި ތަންތަނުގައި ނޫޓު އަތުރާފައި ހުއްޓާ ފެނެއެވެ.

އޮމެލެޗެންކޯ ވިދާޅުވީ، ދެވަނަ މީހާ ސަސްޕެންޑް ކުރަން ރަސްމީ ނޯޓިސް އެއް އަދި ލިބިފައި ނުވާ ކަަމަށެވެ.

ނަބޫގެ ވެރިޔާ ސެމެން ކްރިވޮނޯސް ވިދާޅުވީ، ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓުގެ ތެރޭގައި އޮތީ ބޮޑު ކްރިމިނަލް ގޭންގެއް ކަމަށާއި މިއީ ހަމަ އަސްލު ކޭސް [މައްސަލަ] ކަމަށެވެ.

ސްޕްރޯމްކޯޓުގެ އިސްފަނޑިޔާރުގެ ގެއިން ފެނުނު ޑޮލަރު ސޯފައިގައި އަތުރާފައި

އެންޓި ކޮރަޕްޝަން އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި ސްޕްރީމް ކޯޓަށް ރިޝްވަތު ދިނީ ގާނޫނީ ވަކީލުންގެ ލޯފާމެއް މެދުވެރިކޮށް ޔޫކްރައިންގެ ބިލިއަނަރު ކޮސްޓިއަންޓީން ޒެވަގޯއެވެ. އިތުރަށް ބުނެފައި ވަނީ ޒެވަގޯ 2.7 މިލިއަން ޑޮލަރު ލޯޔަރުންނަށް ޓްރާންސްފާ ކުރީމައި އޭގެ ތެރެއިން ސްޕްރީމް ކޯޓުގެ ފަނޑިޔާރަށް 1.8 މިލިއަން ޑޮލަރު، ބާކީ 900،000 ލޯޔަރުންގެ ފީގެ ގޮތުގައި ނަގާފައި ވާ ކަމަށެވެ.

އެޮފިޝަލުން ބުނާގޮތުގައި ޒެވަގޯ ރިޝްވަތު ދީފައި ވަނީ، މައިނިން ކުންފުންޏެއްގައި އޭނާ އާއެކު ހިމެނޭ ދެވަނަ ޝެއާހޯލްޑަރުގެ ބާރުތައް އޭނާގެ މައްޗަށް ބަދަލު ކުރުމަށެވެ. ޒެވަގޯ އަކީ ކުރިން ޔޫކްރައިންގެ މަޖިލީސް މެންބަރެއްގެ އިތުރުން އެގައުމުގައި ހުރި އެންމެ މުއްސަނދި އެކަކެވެ. މިހާރު ފްރާންސްގައި ދިރިއުޅޭ ޒެވަގޯ ހުރީ މަނީ ލޯންޑަރިން އާއި ކީވްގެ ބޭންކިން ވިޔަފާރީގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައެވެ. ޔޫކްރައިން އިން މިހާރު މަސައްކަތް ކުރަމުން ދަނީ ޒެވަގީ ކީއޭވް އަށް ގެނައުމަށެވެ.

ޔޫކްރައިން އަކީ ކޮރަޕްޝަން އިންތިހާއަށް ގޮސްފައި އޮތް ގައުމެކެވެ. މިއަހަރުގެ ކުރީކޮޅުވެސް މިފަދަ މައްސަލައެއް ފެންމަތިވެ ހޯމް މިނިސްޓަރުގެ ގެ ރެއިޑްކޮށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެތައް ބަޔަކު ވަނީ ވަޒީފާއިން ކަނޑާވެސްލާފައެވެ.

އަދި އެގައުމުގެ ސިފައިންނަށް އަގު ބޮޑުކޮށް ކާންދީ ބައި ނަގަމުން ދިޔަ މައްސަލައިގެ ތުހުމަތު ޑިފެންސް މިނިސްޓަރު އޮލެސްކީ ރެޒްނިކޯވްގެ މައްޗަށް ވެސް ވަނީ ކޮށްފައެވެ.

ޔޫކްރައިނުން ކޮރަޕްޝަން ނައްތާލައްވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ވްލަޑިމިއާ ޒެލެންސްކީ އަށް ގޮންޖެހުންތައް ބޮޑު އިރު، އީޔޫއާއި ނޭޓޯގެ މެންބަރުކަމަށް އެޕްލައި (ހުށަހަޅަން) ކުރަން ވެސް ކޮރަޕްޝަން ފްރީ ގައުމެއް ކަމުގައި ޔޫކްރައިން ހަދަން ޖެހެއެވެ.