އަމީނީމަގު ތާރު އެޅި ސަރަހައްދުގައި ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓު ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 10:04 ހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި އެކަކަށް ސީރިއަސް އަނިޔާ ލިބި، ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޭނާ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ކަލާފާނު ސްކޫލް ކުރިމަތީގައެވެ. ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން ފެންނަގޮތުގައި މި އެކްސިޑެންޓުގައި ސައިކަލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. މިއީ އަމީނީމަގުގައި ތާރު އެޅިފަހުން މިފަދަ އެކްސިޑެންޓެއް ހިނގި ފުރަތަމަ ފަހަރެވެ.

ފަހަކަށް އައިސް މާލެ އާއި ބައެއް ރަށްރަށުގައި ހިނގަމުން ދާ އެކްސިޑެންޓްތައް ވަނީ އިިތުރުވެފައެވެ. އެކްސިޑެންޓުތައް އިތުރުވުމާ ގުޅިގެން ފުލުހުން އަންނަނީ މަގުމަތީގެ ރައްކާތެރި ކަމަށް ހާއްސަ ކޮށްގެން ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.