ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި ބަހާލުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުމަށްފަހު އަނބުރާ ނަގައިފިއެވެ.
އެ މައްސަލަ މިއަދު މެންދުރު މަޖިލީހަށް ހުށަހަޅާފައިވާއިރު އެ މައްސަލާގެ ލިޔުމުގައި ސޮއިކުރައްވާފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މެންބަރުގެ އިތުރުން އެމްއެންޕީގެ މެންބަރުންނާއި ޖޭޕީގެ އެއް މެންބަރެކެވެ.
އެ މައްސަލާގެ ލިޔުމުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ މެންބަރަކު ސޮއިކުރައްވާފައިނުވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ އަނބުރާ ނެގީ އެ މައްސައިގެ ލިޔެކިއުމަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރުމާއި ސޮއިކުރަން އެދިވަޑައިގަންނަވާ ބައެއް މެމްބަރުން ސޮއި އަދި ނުކުރައްވައި އޮތުމުންނެވެ.
އެ އިއްތިހާދުން މި މަހުގެ 11 ވަނަ ދުވަހު ވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަަ މަޖިލީހަށް ހުށަހަޅާފައެވެ. އެ މައްސަލަަ މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް ސޮއި ހޯއްދަވާފައިވާ ކަމަށް ރޭ އެ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވެއެވެ.
އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.
މިކަމާ ގުޅިގެން އެ އިއްތިހާދުން ބުނީ ރާއްޖެއަށް ގެއްލިގެން ދިޔައީ ރާއްޖޭގެ މަސްވެރިން ނަފާ ހޯދަމުން ދިޔަ ކަނޑުގެ ސަރަަހައްދެއް ކަމުން އެއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ރައީސް ސޯލިހް ގައުމަށް ހިޔާނާތްތެރިވެއްޖެ ކަމަށް ވެސް އެ އިއްތިހާދުން ބުނެއެވެ.