ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑު (އާރުއޭސީއެލް) އިން މި އަހަރުގެ ފުރަތަމަ ރެސްކިއު އެންޑް ފަޔާ ފައިޓިން (އޭއާރްއެފްއެފް) ގެ ބޭސިކް ކޯސް ފެށައިފިއެވެ.
20 ދަރިވަރުންނާ އެކު އެއާޕޯޓް ރެސްކިއު އެންޑް ފަޔާ ފައިޓިންގެ ބޭސިކް ކޯސް ފަށާފައި ވަނީ މި މަހުގެ 7 ވަނަ ދުވަހު ހދ. ހަނިމާދޫގައެވެ.
އާރުސީއެލް އިން ކުރިއަށް ގެންދާ މި ކޯހަކީ އާރުއޭސީއެލަށް އަލަށް ގުޅުނު ފަޔަރުގެ ސްޓާފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ބޭސިކް ލެވެލްގެ ކޯހެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މި ކޯހުގައި އާރުއޭސީއެލްގެ ޓްރެއިނަރުން ކިޔަވައިދެމުން ދާއިރު އެ ޓްރެއިނަރުންނަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ހުއްދަ ލިބިފައިވާ ތަޖުރިބާ އަދި ގާބިލުކަން ހުރި އިން ހައުސް ޓްރެއިނަރުންގެ ޓީމެއް ކަމަށް ވެސް އާރުސީއެލް އިން ބުނެއެވެ.
އާރުއޭސީއެލްއިން އިތުރަށް ބުނީ އެކުންފުނިން ހިންގާ އެއާޕޯޓު ތަކުގައި އަމަލު ކުރުމަށް ގާއިމްކޮށްފައިވާ އެއާޕޯޓް އެމަޖެންސީ ޕްލޭން (އޭއެސްޕީ)އަށް އަމަލުކުރަން ދަސްކޮށްދިނުމުގެ އިތުރުން އެއާޑްރޯމްގަ (މަތިންދާބޯޓު އޮޕަރޭޓް ކުރާ ސަރަހައްދު)ގައި ދިމާވެދާނެ އެކިއެކި އަލިފާނާއި ގުޅުންހުރި ހާދިސާތަކުން ރައްކާތެރިވެ ސަލާމަތްވުމަށް ބޭނުންވާ އިލްމާއި ހުނަރާއި ގާބިލުކަން މި ކޯހުގެ ބައިވެރިންނަށް ދިނުމަކީ މި ކޯހުގެ އަމާޒުތައް ކަމަށެވެ.
އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް މި ގެންދާ ކޯހުގައި ބައިވެރިންނަށް ޕްރެކްޓިކަލް އަދި ތިއަރީއިން އިމްތިހާނު ކުރެވިގެންދާނެ ކަން ފާހަގަކޮށް އާރުސީއެލްއިން ބުނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ހަރުދަނާކޮށް އަދި ފުޅާކުރުމަށް ބޭނުންވާ ތަމްރީނުތައް އޭވިއޭޝަން ސިނާއަތަށް ފޯރުކޮށްދިނުމަކީ އާރުއޭސީއެލްގެ ވަރަށް ބޮޑު އަމާޒެއް ކަމުގައެވެ. އެގޮތުން އެ ކުންފުނިން ޓްރެއިނިން އެކަޑަމީއެއް ގާއިމް ކުރުމުގެ ތައްޔާރީތައް ވަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ކުރިއަށްއޮތް ތަނުގަ ކުންފުނިން ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެހެން ކުންފުނިތަކާއި އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގައި ގާއިމްކުރެވިފައިވާ ހަމައެކަނި އެއާޕޯޓް ފަޔާ ސިމިއުލޭޓާވެސް ގާއިމްކުރެވިފައިވަނީ އާރްސީއެލް ކުންފުނިން ހިންގާ ހޯރަފުށި އެއާޕޯޓްގައެވެ.