ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން އަފްޝަން ލަތީފް އިސްތިއުފާ ދެއްވައިފިއެވެ.
މިހާރު، އަފްޝަންގެ އިސްތިއުފާ ސިޓީ ފޮނުވާފައި ވާއިރު އަންނަ ބުރާސްފަތި ދުވަހަކީ އޭނާ ވަޒީފާއަށް ނުކުންނަވާނެ އެންމެ ފަހު ދުވަހެވެ. އަފްޝަން މި މަގާމުން އިސްތިއުފާ ދެއްވާ ސަބަބު ހާމަކުރައްވާފައި ނުވާއިރު އޭނާ ވަނީ މިކަން އެންގުމަށް ކައުންސިލްތަކަށް ވެސް ސިޓީ ފޮނުއްވާފައެވެ.
އެލްޖީއޭގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވަމުން ކައުންސިލްތަކަށް ފޮނުއްވި ސިޓީގައި އަފްޝަން ވަނީ އެލްޖީއޭގެ މަސައްކަތް ކުރިއަށް ގެންދެވި ގޮތާ، އިސްކަން ދެއްވި ކަންތައްތަކާ އަދި ކުރެއްވި މަސައްކަތްތަކުގެ ތަފްސީލު ހާމަކަުރައްވާފައެވެ. މީގެ އިތުރުން އަފްޝަންގެ ސިޓީގައި ވިދާޅުވީ ކައުންސިލްތަކުން މިހާރު ކުރިއަށް ގެންދާ އެންމެ މުހިއްމު މަސައްކަތްތަކުގެ ކާމިޔާބު ގުޅިފައި ވަނީ ލިބިގެންދާ އެއްބާރުލުމުގެ މައްޗަށް ކަަމަށެވެ.
މީގެ އިތުރުން އަފްޝަންވަނީ އެ މަގާމުގައި ހޭދަވި ތިން އަހަރު ތެރޭގައި ކައުންސިލްތަކުން ލިބިގެން ދިޔަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
2020 ގައި އެލްޖީއޭގެ ސީއީއޯއަކަށް އައްޔަން ކުރި އަފްޝަން އަކީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރުގެ އަނބިކަނބަލުންނެވެ. އަމްރު މިހާރު ހުންނެވީ ރައީސް މުހައްމަދު ނަޝީދާ އެކު 'ފިކުރެއްގެ ދިރުން' ގެ ހަރަކާތްތަކުގައެވެ.