ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލިޔުމުން ހުއްދަ ލިބިގެން ނޫނީ ކައުންސިލްތަކަށް މުވައްޒަފުން ނުނެގުމަށް އެ އޮތޯރިޓީން ކައުންސިލްތަކަށް އަންގަން ފަށައިފިއެވެ.
އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ނިމާލު ސޮއިކުރައްވައި ކައުންސިލްތަކަށް ފޮނުއްވި ސިޓީގައިވާ ގޮތުން، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލުގެ އާމްދަނީން ހަރަދުވާ ގޮތަށް ވެސް މުވައްޒަފުން ނެގޭނީ އެލްޖީއޭގެ ލިޔުމުން ލިބޭ ހުއްދައަކާއެކުގައި ކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ކައުންސިލް ހިންގުމުގެ ނިޒާމުގެ ތެރެއިން ދިމާވާ ވަގުތީ ބޭނުންތައް ފުއްދުމަށާ، ވަގުތީ މަޝްރޫއުތައް ހިންގުމަށް ބޭނުންވެގެން، ވަކި މުއްދަތަކަށް ނުވަތަ ވަކި މަސައްކަތެއް ކުރުމަށް ނަގާ ކޮންޓްރެކްޓް އެމްޕްލޯއިމެންޓާ ވޭޖް އެމްޕްލޯއިމެންޓް މަގާމުތަކަށް ވެސް މީހުން ނަގަންވާނީ އެ އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހު ކަމަށް ސިޓީގައިވެއެވެ.
މި ނިންމުމާ ގުޅޭގޮތުން ނިމާލް ވިދާޅުވީ، ބައެއް ކައުންސިލްތަކުން އިއުލާން ކުރުމަކާ ނުލައި އަދި އެކަށީގެންވާ މަސައްކަތެއް ނެތި މުވައްޒަފުން ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ހުސްވުމުން މުސާރަ ދޭނެ ފައިސާ ނެތިގެން އިތުރު ފައިސާއަށް އެދެމުންދާތީ، މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
