ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ފަސްކޮށްފިއެވެ.

އެލްޖީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި އިންތިހާބު މުއްދަތެއް ނެތް ގޮތެއްގައި ފަސްކުރަން ނިންމާފައިވާ ކަމަށާއި، އެކަމާ ގުޅޭ އިތުރު ތަފްސީލުތައް ހިއްސާކުރާނެ ކަމަށެވެ. މީގެ ކުރިން މި އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މި މަހުގެ 8 ވަނަ ދުވަހުއެވެ.

އެލްޖީއޭއިން ބުނީ މި އިންތިހާބު ފަސްކުރަން ނިންމާފައިވަނީ އިންތިހާބާ ގުޅިގެން ކުރަން ޖެހޭ މުހިންމު މަސައްކަތްތައް ނިމިފައިނުވާތީ ކަމަށެވެ.

މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އެލްޖީއޭއިން ހުޅުވާލީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކަށް ކަނޑައަޅާފައި އޮތީ ޖުލައި 16 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، އެލްޖީއޭގެ ބޯޑު އެކުލެވިގެންވަނީ 9 މެންބަރުންގެ މައްޗަށެވެ. އެލްޖީއޭއަކީ ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް، ކައުންސިލްތަކަށް ލަފަޔާއި އިރުޝާދު ދިނުމުގެ އިތުރުން، ކައުންސިލްތަކުގެ އަމަލުތައް މޮނިޓަރކުރުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ މުއައްސަސާއެވެ.

ފަހަކަށް އައިސް ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު އަތޮޅު ކައުންސިލްތައް އުވާލާ، އެ ކައުންސިލްތަކުގެ ބާރުތައް އެލްޖީއޭއަށް ވަނީ ބަދަލުކޮށްފައެވެ.