ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ބާއްވާ އިންތިހާބު ފަސްކުރީ ސިޔާސީ މަގުސަދެއްގައި ނޫން ކަމަށާއި، އެކަން ކުރަންޖެހުނީ ލިބުނު މުހިންމު ޝަކުވާތަކަކާ ގުޅިގެން ކަމަށް އެ އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނިމާލް ވިދާޅުވީ، މިދިޔަ އޯގަސްޓް މަހުގެ 8 ވަނަ ދުވަހު ބާއްވަން ތާވަލުކުރި އިންތިހާބު ފަސްކުރަން ނިންމީ ކައުންސިލްތަކުންނާ، އާންމުންގެ ފަރާތުން ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހުގައި ކަމަށެވެ.
ނިމާލް ވިދާޅުވީ އަތޮޅުތަކުގެ އެލްޖީއޭ ގޮފިތަކުގައި ވޯޓުފޮށި ބަހައްޓާފައިވާއިރު، ބައެއް ކައުންސިލަރުން ވޯޓުލާން ހާޒިރުނުވާން ރާވަމުންދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި ވޯޓުލާން ނުދާ ކައުންސިލަރުންގެ ބަދަލުގައި، އެލްޖީއޭ ގޮފިތަކުގައި ތިބި ސިޔާސީ ވަކި ފިކުރެއްގެ މުވައްޒަފުން މެދުވެރިކޮށް ވޯޓުކަރުދާހުގައި ފާހަގަޖަހައި، ވޯޓާސް ރަޖިސްޓްރީގައި މީހުން އައިކަމަށް މާކުކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ނިމާލް ވިދާޅުވިއެވެ. އިތުރަށް ނިމާލް ވިދާޅުވީ މިފަދަ ކަމެއް ހިންގައިފިނަމަ އެލްޖީއޭ އަބުރަށް ނުބައި އަސަރެއް ކުރާނެތީ، އެ ބަދުނާމުން ސަލާމަތްވުމަށް އިންތިހާބު ފަސްކުރީ ކަމަށެވެ.
މިހާރު ރޭވިފައިވަނީ އަތޮޅުތަކުގައި ބަހައްޓާ ފޮށިތަކުގެ ކަންކަން ބެލެހެއްޓުމަށް އެލްޖީއޭގެ ހެޑް އޮފީހުގެ މުވައްޒަފުން ފޮނުވައިގެން އިންތިހާބު ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި އަދި އިންތިހާބު ބޭއްވުމުގެ ތައްޔާރީތައް މިހާރުވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެލްޖީއޭ ބޯޑުގެ އެކުލެވިގެންވަނީ 9 މެންބަރުންގެ މައްޗަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރު، ޖެންޑާ އިކުއަލިޓީ ދާއިރާގެ ތަޖުރިބާކާރު، އަންހެން މެންބަރު، ގަވަނަންސް/ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ ތަޖުރިބާކާރު މެންބަރު އަދި މަދަނީ ޖަމުއިއްޔާތަކުގެ މެންބަރުގެ އިތުރުން ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރާއި، ރަށު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރު އަދި ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެވެ. ފައިނޭންސް މިނިސްޓްރީން ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
