މާލޭގެ ގެއެއްގައި، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ މެރުއާނާ (ކެނަބިސް) ގަހެއް ހައްދައިގެން ގެންގުޅުނު މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނީ ގަލޮޅުގެ ގެއެއްގެ ކައިރިން މެރުއާނާ ގަހެއް ކަމަށް ޝައްކު ކުރެވޭ ގަހެއް ފެނުމާ ގުޅިގެން ފުލުހުން އެގަސް ކައިރީ ހަރަކާތްތެރި ވަމުން ދަނިކޮށް، މީހަކު އައިސް އެއީ އޭނާގެ ގަހެއް ކަމަށް އެއްބަސްވެފައި ވާކަމަށެވެ. އަދި ގޭގެ ބެލްކަނީގައި ވެސް މެރުއާނާ ގަސްތައް ހުންނާނެ ކަމަށް އެމީހާ ބުނެފައި ވާކަމަށް މި އަމުރުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުންނަށް އެއްބާރުލުން ދޭނެ ކަމަށާ، އޭނާގެ ގެ ބަލާ ފާސްކުރުމުގައި އެއްވެސް އިއުތިރާޒެއް ނެތްކަމަށް އެމީހާ ބުނެފައި ވާއިރު ފަހުން އެމީހާ ވަނީ ކޯޓުގައި ގެ ބަލާ ފާސްކުރުމަށް ހުއްދަ ނުދޭކަމަށް ބުނެފައި ކަމަަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން އެމީހާ ވަނީ ބަލައި ފާސްކުރި ތަނުގައި ހުރި ތަކެއްޗަށް ފުލުހުން ގެއްލުން ދިންކަމަށާއި އޭނާއަށް އަނިޔާކޮށްފައި ވާކަމަށް ވެސް ބުނެފައެވެ.

އެހެންނަމަވެސް މި މައްސަލައިގައި ފުލުހުން ހުށަހެޅި ހެކިތަކަށް ބަލައި ކޯޓުން ވަނީ އޭނާ ހައްޔަރު ކޮށްފައި ވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ބުނެފައެވެެ.