ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި އޭނާގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް މިއަދު ހަމަޖައްސައިފިއެވެ.

ޖޭޕީއިން ކެމްޕެއިންގެ އެންމެހާ ކަންކަން ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ދެ ސަރަހައްދަކަށް ބަހާލައިގެން މެނޭޖަރުންނާ އެކުއެވެ. އެގޮތުން ދެކުނުގެ ކެމްޕެއިން މެނޭޖަރުގެ ގޮތުގައި ހަމަޖައްސާފައި ވަނީ އިލްހާމެެވެ. އަދި އަމީން ހަމަޖައްސާފައި ވަނީ އުތުރުގެ ކެމްޕެއިން މެނޭޖަރުގެ ގޮތުގައެވެ.

އިލްހާމްއާ ހަވާލު ކުރެވިފައިވާ އަތޮޅުތަކަކީ ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި އައްޑޫ ސިޓީއެވެ. އަދި މާލޭގެ ދެބައިކުޅަ އެއްބައި އިލްހާމްއާ ވަނީ ހަވާލު ކޮށްފައެވެ. އަދި އަމީންއާ ހަވާލު ކުރެވިފައިވާ އަތޮޅުތަކަކީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި މާލޭގެ ދެ ބައިކުޅަ އެއްބައެވެ.

ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އިލްހާމް ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލިހުގެ ގެމަނަފުށީ ދާއިރާގެ މަޖިލީސް މެންބަރު ކަމާއި، ދަނގެތީ ދާއިރާގެ މަޖިލީސް މެންބަރުކަންވެސް ކުރައްވާފައެވެ. އަދި ޖޭޕީގެ އިތުރުން ޑީއާރްޕީއާއި ޕީޕީއެމް ގެ އިސް މަގާމުތައްވެސް އިލްހާމް ވަނީ ފުރުއްވާފައެވެ.

މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމު އަދާކުރައްވާފައިވާ އަމީނަކީ ފެށުނީންސުރެ ޖޭޕީއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.