މިރޭ ބޭއްވުމަށް ރާވާފައިވާ "ލޫޓުވައިފި" މުޒާހަރާގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް އެ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.

މިކަމަށް އިޝާރަތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ މިރޭ ބާއްވާ މުޒާހަރާއަކީ ބިނާ ކުރަނިވި މުޒާހަރާއެއް ނޫންކަމަށާއި އެއީ ފަނާކުރަނިވި މުޒާހަރާއެއް ކަމަށެވެ. އަދި މިއީ ވެރިކަން ހޯދުމުގެ މަގުސަދުގައި ރާވައިގެން ކުރާ ބޮޑު ނުބައިކަމެއް ކަމަށާއި، ގައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކޮށްދިނަ ނުދީ ފިތުނަ އުފައްދަން ކުރާ ކަމެއްގެ ގޮތުގައި ގާސިމް ވަނީ ސިފަކުރައްވާފައެވެ.

ގާސިމް ވިދާޅުވީ މި ސަރުކާރަށް ކުރަން ޖެހިފައި އޮތް ކަމަކީ އިސްވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުން ކަމަށާއި، ސަރުކާރަށް ލިބޭ ފައިސާގެ ބޮޑު އިންސައްތައެއް ހަރަދުވަނީ ދަރަނިތައް ދައްކާ ހަލާސްކުރުމަށް ކަމަށެވެ. މި ދަރަނިތައް ނުދެއްކިއްޖެނަމަ ގައުމު ބެންކްރަޕްޓް ވާނެކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އިތުރު ޓެކްސް ނަގަން ޖެހެނީވެސް އެހެންވެ ކަމަށެވެ.

ގާސިމް ވިދާޅުވީ މި މުޒާހަރާގެ މަގުސަދަކީ ގައުމު އިތުރު އަނދަވަޅަކަށް ވައްޓާލާ ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވުން ކަމަށެވެ. ގާސިމް ވިދާޅުވީ ފާއިތުވި ތިން ހަތަރު ސަރުކާރުގައި ކުންފުނިތަކުން ބޮޑެތި ހިޔާނަތްވެފައި އެބަހުރިކަމަށާއި، ނަމަވެސް އެ ސަރުކާރުތަކުން މިކަންކަމަށް އެޅީ ކޮން ފިޔަވަޅެއްތޯ ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށެވެ.

އެއާއެކު ގާސިމް ވަނީ މި ގައުމުގެ އަމަން އަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި މިރޭ މި ސަރުކާރުން "ގައުމު ލޫޓުވައިފި"ގެ ނަމުގައި މާލޭގައި ބާއްވާ ބޮޑު އެއްވުމަކީ ސަރުކާރުން، ދިވެހިރާއްޖޭގެ އިގުތިސާދު ފުނޑާލާ، ރައްޔިތުން ބޭސްފަރުވާއިން މަހުރޫމުކޮށް، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ނިޒާމު ސީދާ ރައީސްގެ މުށުތެރެއަށް ގެނެސްފައިވާ ކަމަށް ބުނެ އެމްޑީޕީން ބާއްވާ އެއްވުމެކެވެ.

އެގޮތުން މިއީ ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތައް ސަރުކާތުގެ މުށުތެރެއަށް ނަގާފައި ވާތީ، ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތު ސަރުކާރަށް އިއްވައި ދިނުމަށް ބާއްވާ ހަރަކާތެއް ކަމަށްވެސް އެންޑީޕީން ވަނީ ބުނެފައެވެ. މި މުޒާހަރާގައި މީގެ ކުރިން މިފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައިނުވާ އަދާލަތު ޕާޓީންވެސް ބައިވެރިވާނެކަން ވަނީ ހާމަކޮށްފައެވެ.

މި މުޒާހަރާގައި ބައިވެރިވުމަށް އެކި ރަށްރަށުން ލޯންޗުތަކުގައާއި، ފްލައިޓުތަކުގައި ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އަންނަންވެސް ފަށާފައެވެ.