އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، އެ ގައުމުގެ ތާރީހުގައި އެންމެ ގިނަ ދުވަހު މަގާމުގައި ހުންނެވި ބޮޑުވަޒީރުގެ ޝަރަފު ހޯއްދެވުމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުކެނޑުމެއްނެތި 4،399 ދުވަހު ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވައި، އިންޑިއާގެ ތާރީހުން ހާއްސަ ޖާގައެއް ހޯއްދެވި މޯދީއަށް އިހްލާސްތެރި މަރުހަބާއެއް ދަންނަވާ ކަމަށެވެ. މިއީ މޯދީގެ ހިކުމަތްތެރި ލީޑަޝިޕަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވިއެވެ.
އާދައިގެ ދިރިއުޅުމަކުން ފެށިގެން ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ލީޑަރަކަށް މޯދީ ކުރެއްވި ދަތުރަށް ތައުރީފު ކުރައްވަމުން ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާގެ އިގްތިސޯދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ފަގީރުކަން ނައްތާލުމަށާއި، ދުނިޔޭގެ "ގްލޯބަލް ސައުތު" ނުވަތަ ދެކުނު ބިތުގެ ގައުމުތަކުގެ އުންމީދުތައް ހާސިލްކޮށްދިނުމަށް މޯދީ ބަހައްޓަވާ އަހަންމިއްޔަތުކަން ގާސިމް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބޮޑުވަޒީރު މޯދީ ގެންގުޅުއްވާ "ނެއިބާހޫޑް ފަސްޓް" އަދި "މަހާސާގަރް" ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ގާސިމް ވިދާޅުވީ، މި ސިޔާސަތުތަކުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމާއި އެއްބާރުލުން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށެވެ. އަދި އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ގާސިމްގެ މެސެޖު ނިންމަވާލައްވާފައި ވަނީ ބޮޑުވަޒީރު މޯދީއަށް ކުރިއަށް އޮތް ތަނުގައިވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ. އަދި އިންޑިއާގެ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގަ އާއި، ސަރަހައްދީ ސުލްހައާއި ތަރައްގީ ކުރިއެރުވުމުގައި މޯދީ ދަމަހައްޓަވާ މުހިންމު ދައުރަށްޓަކައި ގާސިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިންޑިއާގެ ސިޔާސީ ތާރީހަކީ ފާހަގަކޮށްލެވޭ ފަދަ ގިނަ ހާދިސާތަކަކާއި ވަރުގަދަ ޝަހްސިއްޔަތުތަކެއް ފެނިގެން ގޮސްފައިވާ ތާރީހެކެވެ. މި ތާރީހުގެ ތެރެއިން މިއަދު ފެނިގެންދާ އެންމެ މުހިންމު އެއް ބަދަލަކީ، އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެ ގައުމުގެ ތާރީހުގައި އެންމެ ގިނަ ދުވަހު މަގާމުގައި ދެމިހުންނެވި އިންތިހާބީ ބޮޑުވަޒީރުގެ ލަގަބު ހޯއްދެވުމެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ އެންމެ ފުރަތަމަ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ މޭ 26، 2014 ގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް، އެމަނިކުފާނު ވަނީ އިންޑިއާގެ ވެރިކަމުގައި ނުހަނު ވަރުގަދަ އަދި ދިގު ދަތުރެއް ކުރައްވާފައެވެ. މި ދަތުރުގައި އެމަނިކުފާނު މިވަނީ، އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޕަންޑިތު ޖަވާހަރްލާލް ނެހުރޫ ގާއިމުކުރައްވާފައިވާ ޒަމާންވީ ރެކޯޑު މުގުރާލައްވާފައެވެ.
