ރާއްޖެ، ސްރީލަންކާ އަދި އިންޑިއާއަށް އެތެރެކުރަން އުޅުނު 2500 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނީ، މި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ އެންސީބީއާއި އިންޑިއާގެ ނޭވީ ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަންގައި 2500 ކިލޯގެ މެތު އަތުލައިގެންފައިވާއިރު އޭގެ އަގު 12,000 ކްރޯޑު އިންޑިއަން ރުޕީސްއަށް އަރާނެ ކަމަށް ނޫސްތަކުން ވަނީ ބުނެފައިވެއެވެ.

މި އޮޕަރޭޝަންގެ ތެރެއިން ޕާކިސްތާނަށް ނިސްބަތްވާ ރައްޔިތަކު ވަނީ ހައްޔަރު ކޮށްފައެވެ.

އެންސީބީއާ ހަވާލާދީ ނޫސްތަކުން ބުނީ، މި މަސްތުވާތަކެއްޗަކީ އިންޑިއާ، ސްރީލަންކާ އަދި ރާއްޖެއަށް އެތެރެކުރުމަށް މަސައްކަތްކުރި މަސްތުވާތަކެތި ކަމަށާއި އަދި ބައެއް ޑުރަގް ޕެކެޓްތަކުގައި "މޭޑް އިން ޕާކިސްތާން" ޖަހާފައި ހުރި ކަމަށެވެ.

މީގެ ކުރިން ވެސް އެތައް ފަހަރަކު ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.