ރީޖަނަލް އެއަާޕޯޓްސް ކޮންޕެނީ ލޓޑ (އާރްއޭސީއެލް) ގެ ފަރާތުން ހިންގަމުން ގެންދާ ކުޅުދުއްފުށި އެއާޕޯޓްގައި ނައިޓް ލޭންޑިން ސިސްޓަމް ގާއިމްކޮށް އެ ހިދުމަތް ރަސްމީކޮށް ފެއްޓުމަށްޓަކައި ޓެސްޓް ފްލައިޓު ޖައްސައިފިއެވެ.

ލައިޓް ހަރުނުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވެ ދިޔުމަށް ފަހު ނައިޓް ލޭންޑިންގެ ހިދުމަތާއެކު ދެން ކުޅުދުއްފުށި އައާޕޯޓުން ދޭ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުވެގެން ދާނެއެވެ. އަދި މިއީ ކުޅުދުއްފުށި އެއާޕޯޓުން ދޭ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެނައުމަށް ކުރެވިގެން ދިޔަ ވަރަށް ބޮޑު މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މިއާއެކު ކުޅުދުއްފުއްޓާއި ކައިރީގަވާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބި ރޭގަނޑު ވައިގެ މަގުން ދަތުރު ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ވެސް އާރްއޭސީއެލުން ބުނެއެވެ.

މިގެ އިތުރުން ކުއްލި ހާލަތްތަކުގައި ބަލި މީހުން ރޭގަނޑު ވައިގެ މަގުން އުފުލުމަށް އޮތް ހުރަހަށް ނިމުމެއް އަންނާނެ ކަމަށާއި މިއީ ރައްޔިތުންނަށް ލިބިގެންދާނެ ހިތްހަމަޖެހުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ވިޔަފާރިތަކަށާއ،ި ގެސްޓްހައުސް އަދި ރިސޯޓުތައް ހިންގާ ފަރާތްތަކަށް އިތުރު މަންފާތަކެއް ލިބިގެން ދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ކުޅުދުއްފުށި އެއާޕޯޓަށް ރޭގަނޑު ޓެސްޓް ފަލައިޓް ޖައްސަނީ

ކުޅުދުއްފުށި އެއާޕޯޓުގެ އިތުރުން އެ ކުންފުނީގެ ދަށުން ހިންގަމުންދާ ހޯރަފުށި އެއާޕޯޓާއި މާވަރުލު އެއާޕޯޓުގައި ނައިޓް ލޭންޑިން ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އާރްއޭސީއެލުން ބުނެއެވެ. އަދި މަސައްކަތްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި ނައިޓް ލޭންޑިންގެ ހިދުމަތް އެ ދެ އެއާޕޯޓްގައި ފެށޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކުޅުދުއްފުށި އެއާޕޯޓް ގައި ނައިޓް ލޭންޑިން ހިދުމަތް ދެން ފެށުމާ އެކު މިހާރު އާރްއޭސީއެލުން ހިންގަމުންދާ އެއާޕޯޓްތަކުގެ ތެރެއިން ޖުމްލަ 4 އެއާޕޯޓަށް މިހާރު ރޭގަނޑު ދަތުރު ކުރެވޭނެއެވެ. ކުޅުދުއްފުށީ އެއާޕޯޓްގެ އިތުރުން އެ ހިދުމަތް ދެމުން އަންނަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، ފަރެސްމާތޮޑާ އެއާޕޯޓް އަދި ފުވައްމުލައް އެއާޕޯޓެވެ.