އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އުފުލި އެއިރެއްގައި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލު ހިމަނައިގެން މިން ކުރާ ނޮމިނަލް ޖީޑީޕީ ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާގެ މިންގަނޑު ހުރަސްކޮށްފިއެވެ.
ރާއްޖޭގެ އިގްތިސޯދަށް އަންނަ ބަދަލުތަކާއެކު ސަރުކާރުން ހަދާ އަންދާޒާތައް ހާމަ ކުރައްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖޭގެ ނޮމިނަލް ޖީޑީޕީ ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާގެ މިންގަނޑު ހުރަސްކޮށްފައި ވާ ކަމަށާއި އެއީ އިގުތިސޯދީ ސިޔާސަތުތަކަށް ސަރުކާރުން ގެނައި ހެޔޮ ބަދަލުގެ ނަތީޖާ ކަމަށެވެ.
އަމީރު މިއަދު ހާމަ ކުރެއްވި ތާވަލުތަކުން ނޮމިނަލް ޖީޑީޕީ 100 ބިލިއަންގެ މިންގަނޑު ހުރަސްކޮށްފައި ވާކަން ފެންނަ އިރު ރިއަލް ޖީޑީޕީ (އިންފްލޭޝަނަށް އަންނަ ބަދަލުތައް ނުހިމަނައި) ފެންނަން އޮތީ 9.4 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ 2022 ވަނަ އަހަރު ނޮމިނަލް ޖީޑީޕީ 100 ބިލިއަނަށް އަރާފައި ނުވާ އިރު ރިއަލް ޖީޑީޕީގެ ކުރިއެރުން ހުސްވި އަހަރު ހުރީ 13.9 ޕަސެންޓްގައެވެ.
ލަފާ ކުރާ ޗާޓުން އަންނަ އަހަރު މި މިންގަޑު ކުރިއަރާނެ ކަމަށް ލަފާ ކޮށްފައި ވަނީ 6 ޕަސެންޓަށެވެ. 2025 ގައި 8.5 ޕަސެންޓް އަދި 2026 ގައި 5.9 ޕަސެންޓަށް ކުރިއަރާނެ ކަމަށް އަންދާޒާ ކުރާ އިރު އަގުތަކަށް އަންނާނެ ބަދަލު ހިމަނައިގެން ނޮމިނަލް ޖީޑީޕީ 137 ބިލިއަނަށް އަރާނެ ކަމަށް ދައްކައެވެ.
މި ބަދަލު އަންދާޒާތަކާ އެކު ފެންނަ ގޮތުގައި ޖީޑީޕީގެ ކުރިއެރުން އެންމެ ބޮޑަށް ހިއްސާ ކޮށްފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެގޮތުން ޔޫކްރައިން-ރަޝިއާ ހަނގުރާމައާއި އަދި ޗައިނާ ބަންދު ކޮށްފައި އޮތުމުން އެމާކެޓުތަކުން ރާއްޖެއަށް ފަތުރުވެރިން އައުން މަދުވެފައި އޮތް ނަމަވެސް 2021 އާ އަޅާ ބަލާއިރު 2022 ގައި 26.7 ޕަސެންތްގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ. އެއީ 2019 ގެ ކޮވިޑް ޕެންޑަމިކްގައި ފަތުރުވެރިން އައުން ހުއްޓުނު ހާލަތާ އަޅާ ބަލާއިރު 98.4 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް އަމީރު ވިދާޅުވެއެވެ.
އަލަށް ރިވައިސް ކުރި މިންގަނޑުން ދައްކާ ގޮތުން ފަތުރުވެރިކަން އިހުނަށް ވުރެ ރަނގަޅުވެ މިއަހަރު އަންނާނެ ކަމަށް ކުރިން އަންދާޒާ ކުރި 1.81 މިލިއަން ފަތުރުވެރިންގެ ބަދަލުގައި މިހާރުގެ އަންދާޒާ އަކީ 1.93 މިލިއަން ފަތުރުވެރިންނެވެ.
ފަތުރުވެރިކަމުގެ ދާއިރާ ބޮޑުތަނުން ކުރިއަރާނެ ކަމަށް އަންޒާދާ ކުރަނީ؛
- އާ އެއާލައިންތައް ފެށި ފްލައިޓައް ގިނަވުން
- ޗައިނާގެ މާކެޓް ހުޅުވި، އެގައުމުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުން
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 730،000 ފަތުރުވެރިން އައިސްފައި ވާ އިރު ޓޫރިޒަމް މިނިސްޓްރީން ކޮންމެ ހަފްތާއަކު ހާމަ ކުރާ ހިސާބުތަކުންވެސް ކުރިއެރުން ދައްކައެވެ.
ފިނޭންސުން ހާމަ ކުރި މި ހިސާބުތަކުގައި ރިކަރަންޓް ހަރަދުތަކާއި ކެޕިޓަލް އިންވެސްޓްމަންޓްތަކުގެ ހަރަދުގެ އިތުރުން ލޯނާއި އެކި ބޮންޑުތަކަަށް ދައްކަން ޖެހޭ މިންވަރުތައް ހިމަނާފައެއް ނުވެއެވެ.
ނަމަވެސް ފިނޭންސުގެ ބައެއް ހިސާބުތަކުން ފެންނަން ހުރި ގޮތުގައި މިއަހަރު ދަތުރުތަކަށް ހަރަދުވާނެ ކަމަށް ބަޖެޓް ކޮށްފައި އޮތް 210.2 މިލިއަން ރުފިޔާގެ ތެރެއިން ހިނގާ މެއި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުން ވަނީ އެކި ދަތުރުތަކަށް 64.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.
މިއަހަރަށް ދައުލަތުން ކަނޑައެޅި 42.8 ބިލިއަންގެ ބަޖެޓުގައި އާމްދަނީއާއި އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތީ 32.1 ބިލިއަން ރުފިޔާއެވެ. ހަރަދަށް 40.7 ބިލިއަން ރުފިޔާ ދާނެ ކަމަށް އަންދާޒާ ކޮށްފައި ވާ އިރު 8.6 ބިލިއަން ޑެފިސިޓް ވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް ބަޖެޓުގައި ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކޮށްފައި އޮތީ 8.3 ޕަސެންޓް ނަމަވެސް މިހާރު އެ މިންގަނޑު 9.4 ޕަސެންޓަށް ބަދަލު ކުރުމުން އިތުރު އާމްދަނީ ލިބޭނެ ކަމަށް ބެލެވެއެވެ.