މާލޭގެ ބާޒާރުމަތީގައި އާންމު ވިޔަފާރިވެރިއަކު އޭނާގެ މުދާ އެތެރެކުރަން ބޭނުންވާ ޑޮލަރު ހޯދުމަށް ގުޅާލީ ނުރަސްމީ މާކެޓުގެ އޭޖެންޓަކަށެވެ. އޭނާއަށް ލިބުނު ޖަވާބަކީ، ޑޮލަރެއްގެ އަގު 22.60 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާ ކަމެވެ. ރަސްމީ ރޭޓު ކަމަށްވާ 15.42 ރުފިޔާއާއި މި އަގާ ދެމެދު އޮތް ފަރަގު މިވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މާލޭގެ އަސާސީ ކާބޯތަކެތީގެ އަގުތައް ވަނީ 6.07 އިންސައްތަ އުފުލިފައެވެ. މިއީ ސީދާ ޑޮލަރުގެ ތަދުމަޑުކަމާ ގުޅިފައިވާ ކަމެއް ކަމަށް އިގުތިސާދީ މާހިރުން ފާހަގަކުރެއެވެ.

މި ހާލަތުގެ ނަތީޖާ ގުޅެނީ ހަމައެކަނި ބިދޭސީ މަސައްކަތްތެރިންނަކާ ނޫނެވެ. ކާބޯތަކެތި، ބޭސް، ތެލާއި އިމާރާތްކުރާ ތަކެތި އެތެރެކުރާ ވިޔަފާރިތަކާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ކުދިންނާއި، ބޭސްކުރުމަށް ދާ މީހުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ވެސް މި ރޭޓުގެ ބުރަ އުފުލަން ޖެހެއެވެ. އެއާއެކު ޑޮލަރުގެ ނުރަސްމީ ރޭޓު ކޮންމެ ދުވަހަކު އާންމު އާއިލާތަކުގެ ކާބޯތަކެތީގެ އަގަށާއި، ގެދޮރު ހިންގުމުގެ ހަރަދަށާއި އާމްދަނީގެ ބާރަށް އަސަރުކުރެއެވެ.

ޑޮލަރުގެ މައްސަލައަކީ ރާއްޖެއަށް ޑޮލަރު ނުލިބިގެން ދިމާވާ މައްސަލައެއް ނޫނެވެ. އެއީ ރާއްޖެއަށް ލިބޭ ޑޮލަރުގެ ބޮޑު ބައެއް ރަސްމީ ބޭންކިން ނިޒާމަށް ނުވަދެ، ނުރަސްމީ މާކެޓުގައި ދައުރުވުމާއި، ރުފިޔާއިން އުފެދޭ ޑިމާންޑަށް ފުދޭވަރަށް ރަސްމީ މާކެޓަށް ޑޮލަރު ނުލިބޭ މައްސަލައެކެވެ.

ހިތުހުރި ވަރަކަށް ބޭރުކުރަން ބިދޭސީންނަށް ޑޮލަރު ލިބުން ހުއްޓުވާ!

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު ބިދޭސީ މަސައްކަތްތެރިންގެ ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރުވި ފައިސާގެ އަދަދު ވަނީ 660.8 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރުގެ 621.6 މިލިއަން ޑޮލަރާ އަޅައިބަލާއިރު ބޮޑު އިތުރުވުމެކެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ބަންގްލަދޭޝް، ނޭޕާލް އަދި އިންޑިއާގެ މަސައްކަތްތެރިންނެވެ.

ނަމަވެސް، ލައިސަންސް ލިބިފައިވާ މަނީ ޓްރާންސްފާ ކުންފުނިތައް މެދުވެރިކޮށް 2025 ވަނަ އަހަރު ފޮނުވި ފައިސާގެ އަދަދަކީ 167.6 މިލިއަން ޑޮލަރު ކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ. ބެލެންސް އޮފް ޕޭމަންޓްސްގެ އަންދާޒާއިން މުޅި ރެމިޓެންސް 660.8 މިލިއަން ޑޮލަރަށް އަރާއިރު، މި ދެ އަދަދުގެ ދެމެދުގައިވާ ބޮޑު ފަރަގުން ދައްކައިދެނީ ނުރަސްމީ މަގުތަކުން ނުވަތަ ހުންޑީ ނުވަތަ ހަވާލާ (ގައުމުގައި ހުންނަ މީހަކާ ފައިސާ ހަވާލުކޮށް، ލިބެންވާ ގައުމުން މީހެއްގެ އަތުން ނުވަތަ ތަނަކުން އެއަދަށް ފައިސާ ނެގުން) މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ ބޭރުވާ ކަމެވެ. މި ފަރަގަކީ އެމްއެމްއޭއިން އާންމުންނަށް ތަފްސީލުކޮށްދޭންޖެހޭ މުހިންމު މައްސަލައެކެވެ.

ބިދޭސީން ރާއްޖެއިން ޑޮލަރު ބޭރުކުރާ މިންވަރު ދަށްކުވައިދޭ ގްރެފިކްސް އެއް

ބިދޭސީންގެ މުސާރަ އެއްކޮށް، އެތައް ބައެއްގެ ފައިސާ އެއް ފަރާތަކުން ދައުރުކޮށް، އަސްލު ފައިސާ ފޮނުވާ މީހާ އަދި ލިބޭ މީހާ ނޭނގޭ ގޮތަށް މުއާމަލާތް ހިންގުމަކީ ފައިސާ ސާފުކުރުމާއި އިންސާނީ ވަގުވިޔަފާރިއަށް މަގުފަހިވާ ކަމެކެވެ. ރުފިޔާއިން މުސާރަ ލިބޭ ބިދޭސީން ޑޮލަރު ހޯދަނީ ނުރަސްމީ މާކެޓުންނެވެ. މިސާލަކަށް 10،000 ރުފިޔާ، ރަސްމީ 15.42 ރުފިޔާގެ ރޭޓުން މާރުކުރާނަމަ 648 ޑޮލަރު ލިބޭއިރު، 22 ރުފިޔާގެ ރޭޓުން ލިބެނީ އެންމެ 455 ޑޮލަރެވެ. މި ފަރަގުގެ ފައިދާ ނަގަނީ ޑޮލަރު ސަޕްލައިކުރާ ފަރާތްތަކާއި މެދުވެރިންނެވެ.

ފަތުރުވެރިކަމުގެ އާމްދަނީ ބޭންކު ނިޒާމަށް ވެއްދުން ވަރުދަގަ ކުރޭ!

ރާއްޖޭގެ ބޭރު ފައިސާގެ އެންމެ ބޮޑު މަސްދަރަކީ ފަތުރުވެރިކަމެވެ. 2025 ވަނަ އަހަރު ފަތުރުވެރިކަމުން ލިބުނު އާމްދަނީ 5.4 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ބިދޭސީންގެ ރެމިޓެންސްގެ ގޮތުގައި ބޭރުވި 660.8 މިލިއަން ޑޮލަރަށް ވުރެ 8 ގުނަ ބޮޑު އަދަދެކެވެ. ފަތުރުވެރިކަމުގެ ސިނާއަތުން މިހާ ބޮޑު އާމްދަނީއެއް ލިބޭއިރުވެސް، ބޭންކިން ނިޒާމުގައި ޑޮލަރުގެ ތަދުމަޑުކަން އޮތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

މި އާމްދަނީގެ މުޅި އަދަދު ރާއްޖޭގެ ބޭންކުތަކަށް ކޭޝް (ހިފާ ގެންގުޅޭ ފައިސާ) ޑޮލަރުގެ ގޮތުގައި ނުވަދެއެވެ.

ރިޒޯޓުތަކާއި ޓުއާ އޮޕަރޭޓަރުތަކަށް ބޭރުގެ ދަރަނި، މެނޭޖްމަންޓް ފީ، އިންޝުއަރެންސް، އެތެރެކުރާ ތަކެތި އަދި ބޭރުގެ އެޖެންޓުންނަށް ދޭ ކޮމިޝަން ފަދަ ހަރަދުތައް ހުރެއެވެ. ބައެއް ފައިސާ ރާއްޖެއަށް ނުވަދެ ބޭރުގެ އެކައުންޓްތަކުގައި ހުރެއެވެ.

އެމްއެމްއޭއިން ދާދި ފަހުން އެކުލަވާލި އާ ގަވާއިދެއްގެ ދަށުން، ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަށް ވަނީ ހުށަހަޅާފައެވެ.

އެހެންކަމުން އެންމެ މުހިންމު ސުވާލަކީ ފަތުރުވެރިކަމުން ކިހާ ޑޮލަރެއް ހޯދިތޯއެއް ނޫނެވެ. އެ އާމްދަނީގެ ތެރެއިން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަނީ ކިތައް ޑޮލަރުތޯއާއި، މާރުކުރަނީ ކިހާ ޑޮލަރެއްތޯއެވެ. މި ތަފްސީލު ސާފުނުވާތާކު ރާއްޖެއަށް ބިލިއަނުން ޑޮލަރު ވަން ނަމަވެސް، ކާބޯތަކެތި ގެންނަ ވިޔަފާރިއަކަށް ނުވަތަ ބޭސްކުރުމަށް ދާ މީހަކަށް ރަސްމީ ރޭޓުން ޑޮލަރު ލިބުމުގެ މައްސަލަ އޮންނާނެއެވެ.

ލައިސަންސް ނެތި ޑޮލަރު މާރުކުރާތަނެއް ބަލައި ފާސްކޮށް ފުލުހުން އެތަން ބަންދު ކުރަނީ / ފޮޓޯ: ފުލުހުން

ރާއްޖެއަށް ނުކަތާ ވަރަށް މަނީ ޗޭންޖަރު ހަދައިގެން ކުރަނީ ކޮންކަމެއް؟

ރާއްޖޭގެ އިގުތިސާދާއި އިމްޕޯޓުގެ ސައިޒާ އަޅައިބަލާއިރު، މަނީ ޗޭންޖަރުން މާ ގިނަ ކަމަށް ބެލެވެއެވެ. އެމްއެމްއޭއިން ދާދި ފަހުން ވަނީ މަނީ ޗޭންޖަރުންގެ ގަވާއިދު ހަރުދަނާކޮށްފައެވެ. އެގޮތުން، ޓިއާ 1 ގެ ލައިސަންސް ދޫކުރަނީ 50،000 ޑޮލަރުގެ ސެކިއުރިޓީ ޑިޕޮސިޓެއް ބެހެއްޓުމުންނެވެ. އަދި ކޭޝް މުއާމަލާތްތައް ދުވާލަކު 50،000 ރުފިޔާއަށް ވަނީ ލިމިޓުކޮށްފައެވެ. އެމްއެމްއޭއިން ބުނި ގޮތުގައި، ގަވާއިދާ އެއްގޮތަށް އަމަލުނުކުރާ 163 ފަރާތެއްގެ ލައިސަންސް ބާތިލުކޮށް، އަލަށް ހުށަހެޅި 98 ފަރާތެއްގެ އެޕްލިކޭޝަން ދަނީ މުރާޖައާ ކުރަމުންނެވެ.

ރާއްޖޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކުއްލިއަކަށް މަނީ ޗޭންޖަރުތައް ގިނަ ވުމުގެ ފަހަތުގައި ވަނީ ކޮންކަމެއްތޯވެސް ބަލަން ޖެހެއެވެ. ސާބިތުވާން އަދި ނެތަސް ބައެއް މީހުން ބުނާގޮތުން ބައެއް މަނީ ޗޭންޖަރުތައް ހުޅުވަނީ ހަމައެކަނި ގާނޫނީ ވިޔަފާރީގެ މަގުސަދު ހާސިލު ކުރުމަށް ވުރެ ބޮޑަށް ފައިސާ ސާފުކުރުމަށެވެ.

މީގެ އިތުރުން، ނުރަސްމީ މާކެޓު މެދުވެރިކޮށް ކައުންޓާފީޓް ނުވަތަ ވަގު ޑޮލަރު ނޯޓުތައް ރަނގަޅު ފައިސާއާ މާރުކޮށް "ވައިޓްވޮޝް" ކުރާ ކަމުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.

މިކަންކަން ހުއްޓުވުމަށް އެމްއެމްއޭއާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގުޅިގެން ފުން ތަހުގީގުތަކެއް ހިންގަން ޖެހެއެވެ. ކޮންމެ މަނީ ޗޭންޖަރެއްގެ ފައިސާގެ މަސްދަރާއި، ޑޮލަރު ގަތް ފަރާތާއި، ވިއްކި ފަރާތާއި، މުއާމަލާތުގެ އަދަދާއި، ބޭންކް އެކައުންޓްތަކާއި، ކުންފުނީގެ ހަގީގީ ފައިދާ ލިބޭ ވެރިން އަހަރުން އަހަރަށް އޮޑިޓްކުރަން ޖެހެއެވެ.

މާކެޓު ހަމައަކަށް އެޅުވުމަށް ވަގުތުން އަޅަންވީ 12 ފިޔަވަޅެއް

ޑޮލަރުގެ ރޭޓު ދަށަށް ގެނައުމަށްޓަކައި ސީދާ 12 ފިޔަވަޅެއް އެޅިދާނެ ކަމަށް އިގުތިސާދީ ދިރާސާތަކުން ދައްކައެވެ. މިއީ ހަމައެކަނި ވަގުތީ ހައްލަކަށް ނުވެ، ދާއިމީ ގޮތެއްގައި ނިޒާމު އިސްލާހުކުރުމަށް އެޅިދާނެ ފިޔަވަޅުތަކެކެވެ.

  1. ރެމިޓެންސް އާމްދަނީއާ ގުޅުވާލައި، މުސާރައަށް ވުރެ ބޮޑު އަދަދުތައް ފޮނުވާނަމަ ފައިސާގެ މަސްދަރު ދައްކަން މަޖުބޫރުކުރުން.
  2. ގިނަ ބައެއްގެ ފައިސާ އެކަކު އެއްކޮށް ފޮނުވާ ޕޫލްޑް ރެމިޓެންސް މުއާމަލާތް ހުއްޓުވުން.
  3. މަނީ ޗޭންޖަރުތަކުގެ ފުރިހަމަ ފޮރެންސިކް އޮޑިޓެއް ހިންގައި، ވިޔަފާރީގެ މަސްދަރާއި މުއާމަލާތް ނުދައްކާ ލައިސަންސްތައް އަތުލުން.
  4. މަނީ ޗޭންޖަރުތަކުގެ އަދަދާއި މުއާމަލާތުގެ ސައިޒު އާންމުކޮށް، އިގުތިސާދީ ބޭނުން ސާބިތުނުވާ ހިނދަކު އާ ލައިސަންސް ދިނުން ވަގުތީކޮށް ހުއްޓުވުން.
  5. ކޮންމެ މަނީ ޗޭންޖް މުއާމަލާތެއްގެ ޑިޖިޓަލް ރެކޯޑާއި ކޭވައިސީ ތަފްސީލު ހަދައި، ބޮޑެތި އަދަދުތަކާއި ތަކުރާރުވާ ޝައްކުވެރި މުއާމަލާތް އޮޓޮމެޓިކްކޮށް އެފްއައިޔޫއަށް ރިޕޯޓުވާ ނިޒާމެއް ހެދުން.
  6. ކޭޝް ޑޮލަރުގެ ބޮޑެތި މުއާމަލާތްތަކުގައި ނޯޓުގެ ސީރިއަލް ނަންބަރު ރެކޯޑުކޮށް، ކައުންޓާފީޓް ޑިޓެކްޝަން މެޝިން މަޖުބޫރުކުރުން.
  7. ޓޫރިޒަމް އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުން ނުވަތަ މާރުކުރަން އޮތް ގަވައިދު ބަރާބަރަށް ތަންފީޒު ކުރުން.
  8. ބޭންކުތަކުން ކާބޯތަކެތި، ބޭސް، ތެޔޮ، ތައުލީމް، ބޭސްކުރުން، ކުޑަ އަދި މެދު ފަންތީގެ ވިޔަފާރި އަދި ލައިސަންސް ލިބިފައިވާ ރެމިޓެންސްއަށް ދޭ ޑޮލަރު ސާފު އަދި ހާމަ ނިޒާމަކުން ބެހުން.
  9. ހުއްދައެއްނެތި ޑޮލަރު ވިއްކާ އާންމު މީހުންނަށް ވުރެ، މި ވިއުގަތަކަށް ޑޮލަރު ސަޕްލައިކުރާ ބޮޑެތި ފަރާތްތަކާއި، ބްރޯކަރުންނާއި މާލީ ވިއުގަތައް ހޯދައި ތަހުގީގުކުރުން.
  10. ޓޫރިޒަމް ރިސީޓްސް، ރެމިޓެންސް، ކާޑު ހަރަދު، އިމްޕޯޓް، ދަރަނި އަދާކުރުން، މަނީ ޗޭންޖަރުތަކުގެ މުއާމަލާތް އަދި ބޭންކުތަކަށް ވަންނަ ޑޮލަރު އެމްއެމްއޭއިން މަހުން މަހަށް އާންމުކުރުން.
  11. ބޭންކު އެކައުންޓް، ވޯކް ޕާމިޓް، ޕޭރޯލް، ޓެކުސް، ޕެންޝަން، ރެމިޓެންސް އަދި އެމްޕްލޮޔާ ދައްކާ ތަފްސީލު އެއް ޑިޖިޓަލް ނިޒާމެއްގައި ގުޅުވާލުން.
  12. ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވާވަރަށް އިގުތިސާދަށް ރުފިޔާ ނުނެރުމާއި ސަރުކާރުގެ ހަރަދާއި ޑެފިސިޓް ފައިނޭންސިން ދަށްކުރުން.
އެމްއެމްއޭ އިމާރާތް

އެއަށް ފަހު ދެމެހެއްޓެނިވި މަގުން ހައްލު ކުރޭ!

ރަސްމީ މާކެޓަށް ފުދޭވަރަށް ޑޮލަރު ސަޕްލައިކޮށް، އެއާއެކު ބޮޑެތި ނުރަސްމީ ވިއުގަތަކާއި ޕޫލްޑް ރެމިޓެންސް ވިއުގަތައް ހުއްޓުވާލެވިއްޖެނަމަ، ކަޅު ބާޒާރުގެ ރޭޓު ލަސްނުވެ ދަށަށް ދާން ފަށާނެއެވެ.

ނަމަވެސް، މިހާރު 22 ރުފިޔާއިން މަތީގައި ހުރި ރޭޓު ކުއްލިއަކަށް ނުވެއްޓޭނެވެ. ރޭޓު ދަށަށް ދިއުން ދެމިގެން ދާންވާނަމަ، ތިން ކަމެއް އެއްފަހަރާ ހިނގަން ޖެހެއެވެ. އެއީ ޓޫރިޒަމް އާމްދަނީގެ ބޮޑު ބައެއް ރަސްމީ ބޭންކިން ނިޒާމަށް ވަނުމާއި، ރެމިޓެންސް ސައްހަ އާމްދަނީއާ ގުޅުވާލުމާއި، އަދި މަނީ ޗޭންޖަރުތަކާއި ނުރަސްމީ ވިއުގަތައް ހަރުދަނާކޮށް ބެލެހެއްޓުމެވެ.

ހަމައެކަނި ރެމިޓެންސް ހަމަޖެހުމާއި ރެއިޑް ހިންގުމުން މާކެޓު ރަނގަޅެއް ނުވާނެއެވެ. ބޭންކުތަކުން ގާނޫނީ ބޭނުންތަކަށް ޑޮލަރު ނުދީ، ހަމައެކަނި ނުރަސްމީ މަގުތައް ބަންދުކުރާނަމަ، އިތުރަށް ފޮރުވިގެން މުއާމަލާތްތައް ހިނގައި، ރޭޓު އިތުރަށް މައްޗަށް ދިއުމުގެ ބިރު އޮންނާނެއެވެ.

ރާއްޖެއަށް ޑޮލަރު ލިބެއެވެ. މައްސަލައަކީ އެ ޑޮލަރު ރަސްމީ ނިޒާމުގައި ހިފަހައްޓައި، އިގުތިސާދަށް ބޭނުންވާ ތަންތަނަށް ބެހިގެންދާ ސާފު، ހާމަ އަދި އިންސާފުވެރި ނިޒާމެއް ނެތުމެވެ. މި ނިޒާމު ބަދަލުނުކުރާހާ ހިނދަކު، ކަޅު ބާޒާރުގެ ޑޮލަރު ރޭޓު ދަށަށް ގެނައުމަކީ ވާހަކައަކަށް ވުރެ ކުރިއަށް ނުދާނެ ކަމެކެވެ.