ރާއްޖޭގެ އިގުތިސާދަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެމެރިކާ ޑޮލަރުގެ ތަދުމަޑުކަމެވެ. މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރުގެ ރަސްމީ ރޭޓު 15.42 ރުފިޔާގައި ހިފަހައްޓާފައި އޮތް ނަމަވެސް، އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް މި ރޭޓުގައި ޑޮލަރު ލިބުމަކީ މިހާރު ނާދިރު ކަމެކެވެ. 2026 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް އައިއިރު، ކަޅުބާޒާރުގައި ޑޮލަރުގެ އަގު ވަނީ 20.50 ރުފިޔާއާއި 21 ރުފިޔާއާ ދެމެދަށް އުފުލިފައެވެ. މިއީ މީގެ ކުރީ އަހަރުތަކާ އަޅައި ބަލާއިރު ވަރަށް ބޮޑު އުފުލުމެކެވެ. 2022 ވަނަ އަހަރު ޑޮލަރުގެ އަގު 17.50 ރުފިޔާގައި ހުރިއިރު، 2024 ވަނަ އަހަރު އެ އަދަދު ހުރީ 18.64 ރުފިޔާގައެވެ. ނަމަވެސް މިހާރު މިވަނީ ތާރީހުގައިވެސް ނުދާހާ މައްޗަށް ޑޮލަރުގެ އަގު ގޮސްފައެވެ.
އާންމުންގެ މެދުގައި މިކަމުގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާއިރު، ގިނަ ބަޔަކު ސުވާލު އުފައްދަނީ މިއީ ހަމައެކަނި އިގުތިސާދީ މައްސަލައެއްތޯ ނުވަތަ މީގެ ފަހަތުގައި ސިޔާސީ އަދި ވިޔަފާރީގެ ނުފޫޒުތަކެއް ފޮރުވިފައިވޭތޯއެވެ. ބޭރު ފައިސާގެ މުއާމަލާތްތަކަށް ބަރޯސާވާ ކުދި ވިޔަފާރިތަކުން ބުނާ ގޮތުގައި، ކަޅުބާޒާރުގެ އަގުތަކުގެ ސަބަބުން މުދަލުގެ އަގު އުފުލި، ދިރިއުޅުމުގެ ހަރަދުތައް ދަނީ އަތްނުފޯރާ ފަށަށް މައްޗަށް ދަމުންނެވެ. އޮންލައިންކޮށް މުދާ ގަންނަ ފަރާތްތަކަށާއި، ބޭސްފަރުވާއަށް އަދި ތައުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް މިކަމުގެ ތަކުލީފު ވަރަށް ބޮޑެވެ.
ރިޒާވްގެ ހާލަތާއި ކަޅުބާޒާރުގެ ނުފޫޒު
ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލިގެންދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ރިޒާވްގެ ހާލަތާއި ކަޅުބާޒާރުގެ ނުފޫޒު ހިމެނެއެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 686.83 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 17.5 އިންސައްތައިގެ ދަށްވުމެކެވެ. ރިޒާވް ދަށްވުމާއެކު، ބާޒާރަށް ނެރޭ ޑޮލަރުގެ އަދަދު މަދުވެ، ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ ފަރާތްތަކަށް އަގު ކޮންޓްރޯލް ކުރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.
މާލީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ކަޅުބާޒާރުގައި ޑޮލަރުގެ އަގު މަތިކޮށް ހިފެހެއްޓުމަކީ ބަޔަކު ގަސްދުގައި، ބޮޑު ފައިދާއެއް ހޯދުމުގެ ބޭނުމުގައި ކުރަމުންދާ ކަމެކެވެ. ސަރުކާރުން ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކަށް ބަދަލު ގެނެސް، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ ވަކި މިންވަރެއް މާރުކުރަން މަޖުބޫރުކުރި ނަމަވެސް، ކަޅުބާޒާރުގެ އަގުތަކަށް އޭގެ އެދެވޭ އަސަރެއް އަދި ނުކުރެއެވެ. އެމްއެމްއޭއިން ވަނީ ބޭރު ފައިސާގެ މުއާމަލާތްތައް ކޮންޓްރޯލް ކުރުމަށް އާ ގަވާއިދުތަކެއް ތައާރަފު ކޮށްފައެވެ. މި ގަވާއިދުގެ ދަށުން، ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަން ވަނީ ލާޒިމުކޮށްފައެވެ.
ނަމަވެސް، ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އާ ސިޔާސަތުތަކުގެ ސަބަބުން ކަޅުބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތަކުން އަގު އިތުރަށް މައްޗަށް ޖެއްސުމަށް މަސައްކަތް ކުރެއެވެ. އެހެންކަމުން، މިއީ ހަމައެކަނި ޑިމާންޑާއި ސަޕްލައިގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ނުފޫޒުގަދަ ވިޔަފާރިވެރިންތަކެއްގެ އަތްމަތީގައި އޮތް ކަމެއްކަން ކަށަވަރުވެއެވެ. ޑޮލަރު ލިބެން ހުރި ނަމަވެސް، އަގު ވެއްޓިދާނެކަމުގެ ބިރަށް، ބައެއް ފަރާތްތަކުން ޑޮލަރު ހިފަހައްޓައިގެން ތިބޭކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.
ތަރައްގީގެ މަޝްރޫއުތަކާއި ޑޮލަރަށް އޮތް ޑިމާންޑް
ޑޮލަރުގެ އަގު އުފުލުމާއި ސަރުކާރުން ހިންގާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާ ގުޅުމެއް ވާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. 2026 ވަނަ އަހަރަށް ސަރުކާރުން ފާސްކޮށްފައިވަނީ 64 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. މި ބަޖެޓުގެ ބޮޑު ބައެއް ހޭދަވެފައި ވަނީ ކެޕިޓަލް ހަރަދަށާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. މިފަދަ މަޝްރޫއުތަކަށް ބޭނުންވާ ހިލަ، ހިލަވެލި، ދަގަނޑު އަދި މެޝިނަރީޒް ފަދަ ތަކެތި ރާއްޖެއަށް އެތެރެކުރަން ޖެހެނީ ބޭރު ފައިސާއިން މުއާމަލާތް ކޮށްގެންނެވެ. މަރުކަޒީ ބޭންކުގެ އަންދާޒާތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރު ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު ޖީޑީޕީގެ 43.8 އިންސައްތައަށް އަރާނެއެވެ. މީގެ މާނައަކީ، މަޝްރޫއުތައް ހިނގާ ވަރަކަށް، ރާއްޖެއިން ބޭރަށް ދާ ޑޮލަރުގެ އަދަދު އިތުރުވެ، އެތެރޭގެ ބާޒާރުގައި ޑޮލަރަށް އޮންނަ ޑިމާންޑް އިންތިހާއަށް ބޮޑުވުމެވެ.
މީގެ އިތުރުން، ސަރުކާރުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށްވެސް ގިނަ އަދަދެއްގެ ޑޮލަރު ބޭނުންވެއެވެ. 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކެއް އަނބުރާ ދައްކާފައެވެ. އަދި އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީވެސް ވަނީ އަދާކޮށްފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް އުޅެނީ 8.8 ބިލިއަން ރުފިޔާގައެވެ. މި ޑެފިސިޓް ފޫބެއްދުމަށްޓަކައި އެތެރޭގެ އަދި ބޭރުގެ މާކެޓުން ލޯނު ނަގަން ޖެހެއެވެ. ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 117 އިންސައްތައަށް ތިރިކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވީ ނަމަވެސް، ވޯލްޑް ބޭންކުން އިންޒާރުދޭ ގޮތުގައި ރާއްޖެ އަދިވެސް އޮތީ ދަރަނީގެ ނުރައްކާ ބޮޑު ހާލަތެއްގައެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން އެތެރޭގެ ބާޒާރަށް ވަނުމުން، އަމިއްލަ ވިޔަފާރިތަކަށް ލިބެން ހުންނަ ޑޮލަރުގެ މިންވަރު އިތުރަށް މަދުވެގެންދެއެވެ.
މަޝްރޫއުތައް ހުއްޓާލަން ގޮވާލުމުގެ ސިޔާސީ މަގްސަދު
މި ދަނޑިވަޅުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޑޮލަރުގެ އަގު ދަށަށް ދަންދެން ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ. ނަމަވެސް، މި ގޮވާލެއްވުމުގެ ފަހަތުގައި ފޮރުވިފައިވަނީ ހަމައެކަނި އިގުތިސާދީ ކަންބޮޑުވުންތަކެއް ނޫންކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ ސީދާ ސިޔާސީ ހަގީގަތްތަކެއް އެކުލެވޭ ގޮވާލެއްވުމެކެވެ. ރައީސް ނަޝީދާއި ފަހުން އައި އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ވައުދުވި ގިނަ ތަރައްގީގެ މަޝްރޫއުތައް ނުނިމި ހުރުމަކީ އާންމުންގެ ފާޑުކިޔުން ނަޝީދާއި އެމްޑީޕީއަށް އަމާޒުވެފައިވާ ކަމެކެވެ. އެހެންކަމުން، މިހާރު ހިނގަމުންދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ މަޝްރޫއުތައް ނިންމުމަށް ކުރާ މަސައްކަތާއި އާންމު ރައްޔިތުންނާ ސީދާ ގުޅިފައި ހުރި އާންމު އެހެން ބައެއް މަސައްކަތްތައް ކުރިއަށް ގެންގޮސް، ނިންމަމުންދާތީ، އެކަމުގެ ސަބަބުން އާންމުންގެ މެދުގައި ސަރުކާރުގެ މަގުބޫލުކަން އިތުރުވެދާނެކަމުގެ ބިރު އިދިކޮޅު ފަރާތްތަކަށް އޮތީކަމަށް ވެސް މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނެއެވެ.
މަޝްރޫއުތައް ހުއްޓާލަން ގޮވާލުމަކީ، އިގުތިސާދީ ހާލަތު ބަހަނާއަކަށް ހަދައި، ސަރުކާރުގެ ތަރައްގީގެ އެޖެންޑާއަށް ހުރަސްއެޅުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
މިއަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވާން ފައްޓަވާފައި ވަނީ، އެމްޑީޕީގެ ޗެއާޕާސަން ލިބިވަޑައިގަތުމާއެކު އާންމު މެންބަރުން ރުއްސަން ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެއެ. މީގެ ކުރިން ނަޝީދަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހުއްޓުމެއް ނެތި ކުރަމުން ދިޔަ ފައިސާ ޗާޕުކުރުމުގެ މަސައްކަތް ހިނގަމުންދާ ޑރ. މުއިއްޒުގެ ސަރުކާރުން ހުއްޓާލުމުން އައި ހެޔޮ ބަދަލުތައް ފާހަގަކުރެއްވި ބޭފުޅެކެވެ. ނަމަވެސް، މިހާރު ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލުމަށް ގޮވާލުމާއި ސަރުކާރުން އެމެރިކާގެ ކުންފުންޏަކާއެކު ހަދާފައިވާ ދަރަނީގެ ލަފާދޭ އެއްބަސްވުން އުވާލުމަށް ގޮވާލަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށް ގިނަބަޔަކު ދެކެއެވެ.
ސަރުކާރުން ދެކޭ ގޮތުގައި މަޝްރޫއުތައް ހުއްޓާލުމަކީ އިގުތިސާދީ ދުވެލި މަޑުޖެހި، ވަޒީފާތައް ގެއްލި، އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށް ކުރާނެ ކަމެކެވެ. މަޝްރޫއުތައް ހުއްޓާލައިފިނަމަ، ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ބަދަލުތަކާއި، މަސައްކަތްތެރިންގެ މުސާރަތައް ނުދެވި، އިގުތިސާދީ ބޮޑު އަނދަވަޅަކަށް ގައުމު ވެއްޓުމުގެ ފުރުސަތު އޮވެއެވެ.
އިދިކޮޅުގެ އެންޓި-ކެމްޕެއިނާއި ސަރުކާރުގެ މަގްބޫލުކަން
ތަރައްގީގެ މަޝްރޫއުތަކާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އެންޓި-ކެމްޕެއިނަކީ ރައީސް މުއިއްޒުގެ މަގުބޫލުކަން އާންމުންގެ މެދުގައި އިތުރުވިޔަ ނުދިނުމަށް ރޭވިގެން ހިންގާ ހަރަކާތެއް ކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ބުނެއެވެ. ކުރީގެ ސަރުކާރަށް ނުގެނެވުނު ތަރައްގީ މި ސަރުކާރުން ގެންނަމުންދާތީ، އެކަން ހަޖަމުކުރަން އިދިކޮޅު ފަރާތްތަކަށް ދަތިވަނީ ކަމަށާއި އެހެންކަމުން، އެމްޑީޕީގެ ސަރުކާރުން ދިވެހިންނަށް ޖެއްސި ޑޮލަރުގެ އުނދަގުލާއި ދިވެހިންގެ ބޮލުގައި އެޅުވި ދަރަނީގެ މައްސަލަ ކުރިއަށް ނެރެ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަނީ ކަމަށެވެ.
ފިޗުން ރާއްޖެއަކީ ދަރަނީގެ ނުރައްކާ އޮތް ގައުމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތުމަކީ، އިދިކޮޅު ފަރާތްތަކަށް ލިބުނު ސިޔާސީ ހަތިޔާރެކެވެ. އިދިކޮޅު އެމްޑީޕީން ގެނައި ދަރަނީގެ ހާލަތާއި ހުރެ ގައުމުގެ އިގުތިސާދު ހީނަރުވުމާއެކު ފިޗުން މިންކުރާ "ނުރައްކާ" ދިވެހިންނަށް ކުރިމަތި ކުރި މީހުން ދަނީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެ ޕާޓީގެ އިސް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ޑޮލަރުގެ މައްސަލަ ހައްލުނުކުރެވެނީ ސަރުކާރުގެ ނާގާބިލުކަމުންނެވެ.
ނަމަވެސް، ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ، މި ސަރުކާރުން ހަވާލުވިއިރު އޮތް ދަރަނީގެ ބޮޑު ކާރިސާއިން އަރައިގަނެ، ސުކޫކާއި ބޮންޑުތަކަށް ފައިސާ ދައްކާފައިވަނީ ދަރަންޏެއް ނުނަގާ ގަވައިދުން ކަމަށެވެ. ސަރުކާރުން މަސައްކަތްކުރަނީ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓައި، އިގުތިސާދީ ހަރަކާތްތައް ފުޅާކޮށްގެން އާމްދަނީ އިތުރުކުރުށް ކަމަށާއި އިދިކޮޅުން ކިތަންމެ ވަރަކަށް އެންޓި-ކެމްޕެއިން ކުރި ނަމަވެސް، އުމްރާނީ ތަރައްގީގެ ނަތީޖާ ރައްޔިތުންނަށް ފެންނަން ފެށުމުން، ސަރުކާރަށް އޮތް ތާއީދު ދަނީ އިތުރުވަމުން ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ނަތީޖާ ކަމަށްވާއިރު، ބޯހިޔާވަހިކަމާއި، ސިއްހީ ނިޒާމާއި، ދަތުރުފަތުރުގެ ނިޒާމަށް އަންނަ ހެޔޮ ބަދަލުތަކަކީ ސިޔާސީ ގޮތުން ސަރުކާރަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމެވެ.
އާމްދަނީގެ މަސްދަރުތަކާއި ކުރިމަގުގެ މިސްރާބު
ރާއްޖެއަށް ޑޮލަރު ލިބޭ މައިގަނޑު މަސްދަރުތަކާއި ބޭރުގެ އެހީއަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ގާތްގަނޑަކަށް 60 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަމެވެ. 2026 ވަނަ އަހަރުގެ ބަޖެޓުގައި، ޓެކްސްގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވާއިރު، މީގެ ބޮޑު ބައެއް ގުޅިފައިވަނީ ފަތުރުވެރިކަމުން ނަގާ ޑޮލަރުގެ ޓެކްސްތަކާއެވެ. މީގެ އިތުރުން، ބޭރުގެ ހިލޭ އެހީގެ ގޮތުގައި 2026 ވަނަ އަހަރު 373.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ. މީގެ ތެރޭގައި އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކުން ލިބޭ އެހީތައް ހިމެނެއެވެ. ރާއްޖޭގެ އިގުތިސާދީ ދުވެލި 2027 ވަނަ އަހަރު 5 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭއިރު، މީގެ މައިގަނޑު ސަބަބަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޕެސެންޖާ ޓަރމިނަލް ހުޅުވި، ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމެވެ.
ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިން އަންނަ މިންވަރަށް ބައެއް މަސްމަހު ނޭދެވޭ އަސަރުކޮށްފައިވާކަން ވޯލްޑް ބޭންކުގެ ރިޕޯޓުތަކުން ދައްކައެވެ. ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ، އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖެއިން ބޭރުކުރާ މުދާ އިތުރުކޮށްގެންނެވެ. ސަރުކާރުން މިހާރު ފަށާފައިވާ އިގުތިސާދީ އިސްލާހުތަކާއެކު، ކުރިއަށް އޮތް ތާނގައި ރިޒާވް ރަނގަޅުވެ، ޑޮލަރުގެ އަގު ހަމައަކަށް އެޅޭނެ ކަމަށް އުންމީދުކުރެވެއެވެ. މިވަގުތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ކަޅުބާޒާރުގެ ނުފޫޒު ކުޑަކޮށް، ރަސްމީ ނިޒާމުގެ ތެރެއަށް ޑޮލަރު ވެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ތަންފީޒުކުރުމެވެ. އެމްއެމްއޭއިން ބޭރު ފައިސާގެ ގަވާއިދުތަކަށް ގެނައި ބަދަލުތަކުގެ ނަތީޖާ ފެންނަން ފަށާނީ ކުރިއަށް އޮތް މަސްތަކުގައެވެ.

ރައްޔިތުން ޑޮލަރު ގަނެ ވިއްކަނީ، ބޭރުފައިސާ ގަނެ ވިއްކުމުގެ ހުއްދަ ކަމާބެހޭ ފަރާތުން ދީފައިވާ ފަރާތްތަކަށްވާއިރު އެ ފަރާތްތަކުންވެސް ޑޮލަރު ވިއްކަނީ ކަޅުބާޒާރުގެ ރޭޓްގައި.