ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ގެއްލިގެން އެމްއެންޑީއެފުން އިއުލާން ކުރި އިރު އެދޯނީގައި ތިބި މީހުން ހޯދާފައި އަމިއްލަ ފަރާތެއްގެ ލޯންޗެއް ކަމަށް ވާ ޓްރެވަލީ ފިޝް ފައިޓާސް ލޯންޗުންނެވެ.

ރޭގެ ވަގުތެއްގައި އެ ދޯނި ގެއްލި ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނިވެފައިވީ ނަމަވެސް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޓްރެވަލީ ފިޝް ފައިޓާސް މެނޭޖިން ޑިރެކްޓަރު އަދި އޯނަރު އަލީ ރާޝިދު ބުނީ އެ 2 މީހުން ހޯދާފައި ވަނީ 3 ގަނޑިއިރެއް ހާއިރު 2 ލޯންޗު ބޭނުންކޮށްގެން ކުރި މަސައްކަތުން ކަމަށެވެ.

ރާޝިދު ބުނި ގޮތުގައި އެމީހުން ފެނިފައިވަނީ ކާށިދޫ ބޭރުންނެވެ. އަދި އެންމެ ފުރަތަމަ ފެނުނީ ކުކިން އޮއިލް ހަމެއް ކަމަށާއި އެހަން ކައިރިއަށް ދިއުމުން ފުދޭ ވަރަކަށް ދުރުން އެ 2 މީހުން އަޅާފައިވާ ލައިފް ޖެކެޓްތައް ފެނުމުން އެމީހުންގެ ކައިރިއަށް ގޮސް ދެމީހުން ލޯންޗަށް ނެގި ކަމަށް އޭނާ ބުނެއެވެ.

އެ ދޯނީގައި ހުރި މުދަލުގެ ވެރިފަރާތުން އެމީހުން ހޯދަން ރޭ 9:00 ހާއިރު ދޯންޏެއް ކުއްޏަށް ހިފައިގެން ނުކުމެފަައި ވާއިރު އެ މީހުން ޓްރެވަލީ ފިޝް ފައިޓާސްގެ ލޯންޗުގައި ވަނީ އެ ދޯންޏަށް ގެންގޮސްފައެވެ. އަދި އެ ދޯނި މީހާރު މާލެއަށް ދަތުރު ކުރަމުން ދާއިރު 3:00 ހާއިރު ދޯންޏަށް މާލެ އާދެވޭނެ ކަމަށް ދޯނިން ވާހަކަ ދެއްކި މީހަކާ ހަވާލާދީ ރާޝިދު ބުނެއެވެ.

ދޯނީގެ ކައްޕި (ދިވެއްސެއް) އަދި ބިދޭސީ ފަޅުވެރިޔާ ހުރީ ލައިފް ޖެކެޓުތައް ފަތިގަނޑެއްގައި އައްސާފައެވެ. ހެނދުނު 7:10 ގައި ޓްރެވަލީ ފިޝް ފައިޓާސްގެ 2 ލޯންޗު އެމީހުން ހޯދުމަށް ދަރަވަންދޫއިން ފުރައިގެން ކުރި މަސައްކަތުން އެ މީހުން ފެނިފައިވަނީ 10:11 ގައެވެ. ދޯނީގެ މީހުން ހޯދަން 3 ގަނޑިއިރެއް ހާއިރު މަސައްކަތް ކުރިއިރު ވެސް އެމްއެންޑީއެފްގެ އެއްވެސް އުޅަނދެއް އެ ސަރަހައްދުން ފެނިފައި ނުވާ ކަމަށް ރާޝިދު ވަނީ ބުނެފައެވެ.

ދޯނި ބަންޑުން ޖަހާލުމުން ދޯނީގެ ބިއްލޫރި ގަނޑު ތަޅައިގެން ގޮސް ހުރި ބިއްލޫރިތަކުން ކައްޕި ގައިން ތަންތަންކޮޅު ކަފައިގެން ގޮއްސަފައިވާ ކަމަށް ރާޝިދު ބުނެއެވެ. ދޯނި ބަންޑުން ޖަހާލި އިރު ކައްޕި ހުރީ ވީލް ހައުސްގެ މަތީގައެވެ. ކައްޕިގެ ބަނޑުން ތަންކޮޅުކޮޅު ކަފައިގެން ދިއުމުގެ އިތުރުން އެހެން އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ގިނަ އިރުތަކެއް ވާންދެން ކަނޑުވެފައި ތިބުމުން 2 މީހުންވެސް ވަރަށް ބޮޑަށް މޭލި ބޮއެފަވާ ކަމަށާއި ނަމަވެސް 2 މީހުންގެ ހާލުވެސް ރަނގަޅުކަމަށް ރާޝިދު މައުލޫމާތު ދެއެވެ.

ދޯނި ބަންޑުން ޖަހާލައިފައި ވަނީ ގާފަރުން ނުކުމެގެން ދަރަވުންދޫއަށް ދަނިކޮށް ރާޅެއް ޖަހާލައިގެން ދޯނި އަރިއަޅާލައިގެން ކަމަށް ކައްޕިއާ ހަވާލާދީ ރާޝިދު ބުނެއެވެ. އެ ދޯންޏަކީ ދަރަވަންދޫއަށް މުދާ (ހިލަ، ހިލަވެލި، ދަނގަޑު) ގެންދާ އެހެން ރަށެއްގެ ދޯންޏަކަށް ވާއިރު ދޯނި ހޯދާފައި ވަނީ ދޯނި އެންމެ ފަހުން އޮތް ހިސާބު ޓްރެކް ކޮށްގެންނެވެ. ދޯނި ވަނީ އެއްކޮށް އަޑިއަށް ގޮސްފައި ކަމަށް ދޯނީގެ ކައްޕިއާ ހަވާލާދީ ރާޝިދު ވަނީ ބުނެފައެވެ.

ދޯނި ޓްރެކް ކޮށްގެން ދޯނި އަޑިއަށް ގޮސްފައި ވާކަމަށް ލަފާ ކުރެވޭ ސަރަހައްދު ޓްރެވަލީ ފިޝް ފައިޓާސްގެ 2 ލޯންޗުން ހޯދާފައި ވަނީ ޒިގްޒެގްކޮށް ދުއްވައިގެންނެވެ. ސާޗް އެންޑް ރެސްކިއުކޮށް ހޯދަންޏާ ސައިޑްއަކަށް 2 މޭލު ޒިގްޒެގްކޮށް ދުއްވައިގެން ބޭނުންވާ ސަރަހައްދު ބަލާ ކަމަށް ރަޝީދު ބުނެއެވެ.

އެ ދޯނިން ދަތުރު ކުރި 2 މީހުން ސްޕީޑް ލޯންޗަކަށް ފެނިވާ ކަމަށާއި 2 މީހުންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 11:30 ވާން އުޅެނިކޮށެވެ.

"ދަ ޕްރެސް"އަށްް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނެފައި ވަނީ ޖަންބޯ ދޯނި ހޯދުމަށް ކޯސްޓްގާޑުގެ ނޫރުއްދީން ލޯންޗު ރެއިން ފެށިގެން ހަރަކާތްތެރި ވަމުންދާ ކަމަށާއި މިއަދު އެމްއެންޑީއެފްގެ ޑޯނިއާ އެއާކްރާފްޓް ވެސް ދޯނި ހޯދުމަށް ބޭނުން ކޮށްފައި ވާ ކަމަށެވެ.

ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ކ. ގާފަރުގައި މަޑުކުރުމަށް ފަހު އިއްޔެ ހެނދުނު 10:40 ހާއިރު ގާފަރުން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރި "ޖަންބޯ" ދޯނީގެ ހަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށާފައި ވަނީ ރޭގައެވެ.

މި 2 މީހުން މިހާރު މާލެ ދަތުރު ކުރާ ކަމަށާއި ހަވީރު 4:30 ހާއިރު އިތުރު ތަފްސީލު ލިބޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.