ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ "ކޭޕާކް ރެސިޑެންސް" ގެ އެޕާޓްމަންޓުތައް އޮޅުވާލައިގެން ވިއްކި މައްސަލައިގައި އާބަންކޯގެ މުވައްޒަފު އަބްދުލް ނާފިއު މުހަންމަދު ސަސްޕެންޑް ކޮށްފިއެވެ.

އާބަންކޯބުނީ، އެ ކޯޕަރޭޝަންގެ ޕްރޮގްރެސިވް ޑިސިޕްލްނަރީ އެކްޝަން ޕޮލިސީގެ ދަށުން, ކޭޕާކް މައްސަލައިގެ ތަހުގީގު ކުރިއަށްދާ މުއްދަތުގައި, ނާފިއުގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއްގެ ސަބަބުން އޭނާ 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އެ ކޯޕަރޭޝަންގެ އިންޓާނަލް އޮޑިޓާއި ފުލުހުންނާ ގުޅިގެން އެ މައްސަލަ ތަހިގީގު ނިމުމުން އެ މުވައްޒަފަށް އިތުރަށް ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމަށް އާބަންކޯ ބުނެއެވެ.

ހަންބޯ ކޮމްޕެނީގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ 95 ޕަސެންޓު ހިއްސާ އޮންނަ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) އޮންނަނީ 5 ޕަސެންޓް ހިއްސާއެވެ. ނުއަގުގައި އެތައް ބަޔަކަށް އެޕާޓްމަންޓްތައް ވިއްކާފައި ވާއިރު އެޕާޓްމަންޓުތައް ގަނެ ވިއްކުމުގެ އެއްބަސްވުންތަކުގައި މަމްދޫހު ސޮއިކޮށްފައި ވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުން ކޮށްގެންނެވެ.

މި މައްސަލައިގައި މަމްދޫހުގެ އަމިއްލަ ބޭނުމަށް ކަސްޓަމަރުންގެ އަތުން ދަރަންޏަށް ފައިސާ ނަގާފައިވާ ކަމަށް އާބަންކޯއިން ބުނާ އިރު، މި ކަމާ ގުޅިގެން މަމްދޫހު ނެރުނު ބަޔާނެއް އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކޮށް އެއީ އޭނާގެ ބޮލުގައި އަޅުވާ އިލްޒާމެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. ޖިން ޝީ ހޫ ޝެއާ ސްޓްރަކްޗާ ބަދަލު ކުރަން ހުށަހެޅި ކަމަށާއި ދެ ޑައިރެކްޓަރުން ތިބި ބޯޑަކަށް 3 ޑައިރެކްޓަރުން އައްޔަންކޮށް ކޯރަމް 2 ޑައިރެކްޓަރުންގެ މައްޗަށް ބަދަލު ކުރުމަށް ހުށަހެޅީ ނުބައި ރޭވުމެއްގައި ކަމަށް މަމްދޫހް ބުނެފައި ވެއެވެ. ޖިން ޝީ ހޫ އުޅުނީ ހަންބޯ މޯލްޑިވްސްގެ އޮފީހުގައި ތިބި އޭނާގެ އެކައުންޓަންޓުންނާ ގުޅިގެން އެޕާޓުމަންޓުތައް ވިއްކުމަށް ފަހު ފައިސާ ނަގައިގެން ރާއްޖެއިން ފިލަން ކަމަށް މަމްދޫހު ބުނެފައި ވެއެވެ.

މަމްދޫޙްގެ މައްޗަށް ކުރާ ތުހުމަތުތައް ބަލައިދިނުމަށް އެދި އާބަންކޯ އިން ފުލުހުންނަށް ހުށަހަޅައި ތަހުގީގު ކުރިއަށްދާ އިރު، މަމްދޫހްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

ކޭޕާކް ފްލެޓްތަކުގެ މަޝްރޫއު ހިންގަން އާބަންކޯ އިން ހަންބޯ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދާފައި ވަނީ އޮކްޓޯބަރު 9، 2016 ގައެވެ. އަދި މަސައްކަތްތައް ފަށާފައި ވަނީ 2017 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތްކުރެވެން ނެތުމުން އެ އެއްބަސްވުން އުވާލަފައިވާ ކަމަށް މި މަހު ކުރީކޮޅު ހަންބޯ ކުންފުނިން ބުނެފައި ވެއެވެ.