ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި ބަހާލުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ގައުމަށް ހިޔާނާތްތެރިވެއްޖެ ކަމަށް ބުނެ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ، އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އާއި އެމްއެންޕީ އަދި ޖުމްހޫރީގެ ޕާޓީގެ މެންބަރުން ގުޅިގެންނެވެ.

އެ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅާފައި ވާނެ ކަމަށާއި އިތުރު ބޭފުޅުންގެ މައްސަލަ ވެސް ކުރިއަށް އޮތް ތަނުގައި ހުށަހަޅާނެ ކަމަށެވެ. އެ ކަމުގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނޭތީ އެ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ވެސް މަސައްކަތް ކުރަމުން ދާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ފޯޅަވަހި މައްސަލައިގައި ކަނޑުގެ ސަރަހައްދު އަނބުރާ ހޯދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، އެއްވެސް ދުލެއް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕްރެސްގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ ޖޭޕީ މެންބަރު އަލީ ހުސައިން ވިދާޅުވީ، ރާއްޖޭގެ އީއީޒެޑް ކަނޑައެޅީ އެ ސަރަހައްދު ރާއްޖެއިން ބޭނުން ކުރަމުން އަންނަނިކޮށް ކަމަށާއި އިމުގެ މައްސަލައިގައި ރިއްފަތު އަމަލު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމެއް ރިއްފަތު ދިފާއު ނުކުރައްވާ، އެހެން ބައެއްގެ މަސްލަހަތަށް މަސައްކަތް ކުރައްވާފައިވާ ކަމަށް އަލީ ހުސައިން ތުހުމަތު ކުރެއްވިއެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށޫއަރާ ބައި ކަނޑައެޅުމުން، ސަރުކާރުން މިއީ ކާމިޔާބެއް ކަމަށް ފާހަގަކުރި ނަމަވެސް، ހަގީގަތުގައި އެއީ ކާމިޔާބީ އެއް ނޫން ކަމަށް ބުނެ ގިނަ ބޭފުޅުން އަންނަނީ މި މައްސަލައިގައި ސަރުކާރަށް ފާޑު ކިޔަމުންނެވެ. އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

މިއަދު ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވާއިރު، މިފަދަ މައްސަލައެއް ހުށަަހެޅުމަށް ބޭނުންވަނީ 10 މެންބަރުންގެ ސޮއިއެވެ. މި ހުށަހެޅުން ފާސްކުރުމަށް މަޖިލީހުގެ 43 މެންބަރުންގެ ވޯޓު ބޭނުންވާނެއެވެ.