ހުޅުމާލޭގައި ވަޅިން ހަމަލަދީ، ޓެކްސީ ޑްރައިވަރު ގާސިމް އިބްރާހީމް މަރާލި ކަމުގެ ކުށް ސާބިތުވި އަދުހަމް މުހައްމަދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ

އެ މައްސަލައިގައި މިދިޔަ މާޗް މަހުގެ 19 ގައި އޮތް އަޑުއެހުމެއްގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، ގާސިމަށް ހަމަލަދިން ސަބަބާ ބެހޭގޮތުން އެކިފަހަރު އެކި ގޮތަށް ޝަރީއަތުގައި އަދުހަމް ވާހަކަ ދެއްކި ނަމަވެސް، ގާސިމަށް ވަޅިން ހަމަލަދިން ކަމަށް ކޮންމެ ފަހަރަކު އޭނާ އެއްބަސްވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ، ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށާއި އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭގެ މަހެއްހާ ދުވަސް ފަހުން ވަނީ، އަދުހަމަށް ދޭނެ އަދަބެއް ކަނޑައެޅުމާ މެދު ވާރިސުންގެ ބަސް ހޯދައިފައެވެ. އެ އަޑުއެހުމުގައި ގާސިމްގެ ހުރިހާ ވާރިސުން ވެސް ބުނީ ބޭނުންވަނީ މަރަށް މަރު ހިފުމަށް ކަމަށެވެ. ހުރިހާ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ބުނެފައިވާތީ، އަދުހަމްގެ ފަރާތުން އެދުނީ، އަދަބު ތަންފީޒުކުރުމުގެ ކުރީގައި އޭނާ އަށް މައާފްކޮށްދިނުމަށެވެ.

އަދުހަމްގެ އިއުތިރާފް އެއްބަސްވުމުގައި ބުނީ، ޑިސެމްބަރު 31، 2019 ގައި އދ މާމިގިލި / ކަނީރުމާގެ، ގާސިމް ހަސަން (59އ) ގެ ކަރަށް ވަޅި ހަރައި މަރާލީ، ކުލި ދައްކަން ފައިސާ ނެތިގެން ފޭރެން އުޅުމުގެ ތެރޭގައި ކަމަށެވެ.