ޑިސެންބަރު 4، 2019 ވަނަ ދުވަހުގެ ރޭ އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ އަދުހަމް މުހައްމަދު ގެ މައްޗަށް ކުށް ސާބިތުވެެއްޖެއެވެ.

ޓެކްސީ ޑްރައިވަރު، ގާސިމްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާކޮށްފައިވަނީ ވަނީ ޅ. ހިންނަވަރު / ބޮޑުހިޔާގެ، އަދުހަމް މުހައްމަދެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މިމައްސަލައިގައި މިއަދުގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ގާސިމަށް ހަމަލާދިން ވަޅި ސަބަބާ ބެހޭގޮތުން އެކިފަހަރު އެކިގޮތަށް އަދުހަމް ތަހުގީގުގައި ވާހަކަ ދެއްކިޔަސް، ކޮންމެ ފަހަރަކު ވެސް ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވަވާ ކަމަށެވެ. އެހެންކަމުން އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށާއި އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

މިމައްސަލައިގައި އަދުހަމްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އަދަބު ކަނޑައަޅާނީ ގާސިމްގެ ވާރިސުންގެ ބަސް ހޯދުމަށްފަހުއެވެ. ދެން މި މައްސަލައިގައި އޮންނާނީ ގާސިމްގެ ވާރިސުންގެ ބަސް ހޯދުމުގެ މަރުހަލާއެވެ. ވާރިސުންގެ ބަސް ނެގުމަށްފަހު ދެން އޮންނާނީ މި މައްސަލާގައި އަދުހަމްގެ މައްޗަށް އަދަބު ކަނޑައެޅުމެވެ.

އދ މާމިގިލި/ ކަނީރުމާގެ އުމުރުން 59 އަހަރުގެ ގާސިމް ހަސަންގެ ކަރަށް ވަޅި ހަރައި މަރާލި މައްސަލައިގައި މީގެ ކުރިން ކުށަށް އިއުތިރާފްވެ، މައްސަލައިގެ ތަހުގީގު އަވަސްކޮށް، އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އެއްބަސްވެފައިވެއެވެ. އެކަމަކު ފަހުން އޭނާ ވަނީ ކުށަށް އިންކާރު ކޮށްފައެވެ.

ކުށަށް އިއުތިރާފުވެ ފަހުން އެކަމަށް އިންކާރުކުރީ އޭނާ ޖަލުގައި ހުރި ގޮޅީގައި ތިބި ގައިދީން ބިރު ދައްކާ މަޖުބޫރު ކުރުވުމުން ކަމަށާއި، ނަމަވެސް މިހާރު ޖަލުގައި އެކަނި ގޮޅިއެއްގައި އޮންނާތީ އެެއްވެސް ނުރަކަލެއް ނެތްކަމަށްވެސް އަދުހަމް އޭރު ބުނެފައިވެއެވެ.