ހުޅުމާލޭގައި ވަޅިން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މާރާލިކަން ސާބިތުވާ އަދުހަމް މުހައްމަދު އަށް މަރުގެ އަދަބު ދިނުމަށް އޭނާގެ ހުރިހާ ވާރިސުން ވެސް ކޯޓުގައި ބުނެފިއެވެ.
ވާރިސުންގެ ބަސް ނެގުމަށް މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ގާސިމް މަރުވި އިރު ދުނިޔޭގައި ތިބި އޭނާގެ ފަސް ދަރިން ވަނީ ހާޒިރު ކޮށްފައެވެ. ގަސިމްގެ ހަތަރު ފިރިހެން ދަރިންނާއި އެއް އަންހެން ދަރި އަކު ހުރި އިރު ދައުލަތުން ވަނީ ގާސިމްގެ މަރާ ގުޅިގެން ވަރިސުންނަށް ނިންމިދާނެ ގޮތްތައް ކިޔާދީފައެވެ.
މި ގޮތުން ގިސާސް ހިފުން، ގިސާސް މާފުކުރުމާއެކު މަރުގެ ދިޔަ ނެގުން އަދި ގިސާސް އާއި މަރުގެ ދިޔަ މައާފުކުރެވޭ ގޮތަށް ވާރިސުންނަށް ނިންމިދާނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. މިއަދުގެ އަޑުއެހުމުގައި ގާސިމްގެ ހުރިހާ ދަރިންވެސް މަރަށް މަރު ހިފަން ބޭނުންވި އިރު އަދުހަމް ވަނީ އެއީ އޭނާ ގާސިމްއަށް ވުމުން ކުރިކަމެއް ނޫންކަމަށް ބުނެފައެވެ. އަދި ގާސިމްގެ ވާރިސުންގެ ކިބައިން އަދުހަމް މައާފަށް އެދިފައި ވާއިރު އޭނާ ވަނީ ގާސިމް މަރާލީ މަސްތުގެ ހާލަތުގައި ކަމަށް ބުނެފައެވެ.
މި މައްސަލައިގައި އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަމުން ދައުލަތުގެ ގާނޫނީ ވަކީލު ވަނީ އަދުހަމްގެ މައްޗަށް ގާނޫނުގައި ވާ ގޮތަށް މަރުގެ އަދަބު ކަނޑައަޅައި ދިނުމަށް އެދިފައެވެ. މި މައްސަލައިގައި އަދުހަމްގެ ވަކީލު ވަނީ އޭނާ ކުރި ކުށަށް އިއުތިރާފު ވެފައި ވާކަން ފާހަގަކޮށް އަދުހަމްގެ ފަރާތުން އެދެނީ މައާފް ދިނުން ކަމަށް ވިދާޅުވެފައެވެ.
އަދުހަމްގެ އިއުތިރާފުގެ އެއްބަސްވުމުގައި ބުނީ ޑިސެމްބަރު 31، 2019 ގައި ހުޅުމާލޭގައި ވަޅިން ހަމަލާދީ ގާސިމް މަރާލީ ކުލި ދައްކަން ފައިސާ ނެތިގެން ފޭރެން އުޅުމުގެ ތެރޭގައި ކަމަށެވެ.