މިދިޔަ އަހަރުގެ އޯ ލެވެލްގެ ރާއްޖޭގެ ޓޮޕް 10 ގައި 844 ދަރިވަރަކު ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 5،939 ކުދިން ބައިވެރިވިއިރު ގަދަ 10 ގައި 844 ކުދިންނާއެކު ވަކިވަކި މާއްދާތަކުން ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 847 ކުދިންނަށް އެވޯޑް ދޭނެ ކަމަށެވެ.

އޭލެވެލް އިމްތިހާނުގައި މިދިޔަ އަހަރު 2،849 ކުދިން ބައިވެރިވިއިރު ޓޮޕް 10 ގައި 441 ދަރިވަރަކު ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޯލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހާއި 18 ވަނަ ދުވަހުއެވެ. މިނިސްޓްރީން ބުނީ، 2 ދުވަހަކަށް ބަހާލައިގެން އޯލެވެލް ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް ނިންމީ ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ އަދަދު ގިނަވުމާއި ގުޅިގެން ކަމަށެވެ.

މީގެ އިތުރުން މިމަހުގެ 31 ވަނަ ދުވަހު އޭލެވެލް ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވެސް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

އޯލެވެލް އަދި އޭލެވެލް އިމްތިހާނުގެ ގަދަ 10ގައި ހިމެނޭ ދަރިވަރުންނަށް އެވޯޑް ދިނުމަށް ބާއްވާ ރަސްމިއްޔާތުގައި އެކި މާއްދާތަކުން ވަނަވަނަތަކަށް އައި ދަރިވަރުންނަށާއި، ދުނިޔޭގެ ލެވެލްގައި ވަނަތަކަށް އައި ދަރިވަރުންނަށް އެވޯޑް ދެއްވައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމް ވެސް އެ ދަރިވަރުންނަށް ދޭނެއެވެ.