މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެކަނިވިޔަސް ނިކުމެވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އިންތިހާބުގައި އޭނާ ނިކުންނަވާނެތޯ ނުވަތަ ނޫންތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ސުވާލެއް އޮތް ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

އެގޮތުން ވަކި މީހަކަށް މަޑު ނުކުރައްވާނެ ކަމަށާއި އެކަނިވިޔަސް ރިޔާސީ އިންތިހާބަށް ނިކުންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެކަނި ނަމަވެސް އިންތިހާބަށް ނުކުންނަވާނެ ކަމަށް ވިދާޅުވި. އެކަން ސޯޝަލް މީޑިއާގައި ސާފުކޮށް ހިއްސާ ކޮށްދެއްވަން ކައުންސިލްގެ މެމްބަރުންގެ ގާތުން ގާސިމް އެދިވަޑައިގަތް
ގާސިމް

ޖޭޕީން ވަނީ އަންނަ މަހުގެ 1 ގައި ގާސިމަށް ޓިކެޓް ހަވާލުކުރުމާ އެކީ ޖޭޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށިގެން ދާނެ ކަމަށް ބުނެފައެވެ.

ޖުމްހޫރީ ޕާޓީން އެމްޓީޑީ އާއެކު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާ އިރު، މިހާތަނަށް އެމްއާރްއެމް އާއި، އަދި އެމްޑީޕީގެ ތެރެއިން ރައީސް މުހައްމަދު ނަޝީދު އުފައްދާފައިވާ "ފިކުރެެއްގެ ދިރުން" ފެކްޝަންގެ ފަރާތުން ވެސް ދަނީ ޖޭޕީ އާ މަޝްވަރާ ކުރަމުންނެވެ.

އެ ބައްދަލުވުންތަކުގައި ވެސް އެ ފަރާތްތަކުގެ ހުށަހެޅުންތައް ހިއްސާ ކޮށްފައިވާ އިރު އަދި ރަސްމީކޮށް ޖުމްހޫރީ ޕާޓީގެ ފަޅިއަށް އަރާނެ ކަމަށް އެއްވެސް ފަރާތަކުން އިއުލާން ކޮށްފައެއް ނުވެއެވެ. އަދި ޖޭޕީން އެ ހުށަހެޅުންތަކަށް އިޖާބަ ދީކޯލިޝަން ހަދާފައެއްވެސް ނުވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގާސިމް ނިންމެވި އިރު، އޭނަ 2008 އާއި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވިއެވެ.