މިހަތާނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 7 ލައްކަ ފަހަނަ އަޅާފައިވާ ކަމަށާއި މިދިޔަ އަހަރާ އަޅާ ބަލާއިރު 17.5 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި، މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް މިއަހަރު ތެރޭ ރާއްޖެއަށް ވަނީ 710،645 ފަަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށް ބަލާއިރު 17.5 ޕަސެންޓްގެ ކުރި އެރުމެކެވެ.

މިދިޔަ އަހަރު ތެރޭ މި މުއްދަތުގައި 604،730 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު 2021 ވަނަ އަހަރު އެ މުއްދަތުގެ ތެރޭގައި ރައްޖެއަށް އައިސްފައި ވަނީ 403،304 ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް 7 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، އެންމެ ގިނައީ ރަޝިއާގެ ފަތުރުވެރިންނެވެ. އެގޮތުން މި އަހަރު ތެރޭ ރަޝިއާއިން ވަނީ 84،757 ފަތުރުވެރިން އައިސްފައެވެ. އަދި އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ލިސްޓުގެ ދެވަނައިގައި ވަނީ، 76،999 ފަތުރުވެރިންނާ އެކު އިންޑިއާއެވެ. އަދި ތިންވަނައިގައި ވަނީ 67،086 ފަތުރުވެރިންނާ އެކު ޔޫކޭއެވެ.

އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ލިސްޓުގައި މިއަހަރު ދެން އޮތް ގައުމުތަކަށް ބަލާއިރު، އިޓަލީއާއި، ޖަރުމަނު ހިމެނޭ އިރު، އެ ލިސްޓުގެ 6 ވަނައިގެ ގާޖަ ޗައިނާ އިން ހޯދާފައި ވަނީ 33،601 ފަތުރުވެރިންނާއެކު ގައެވެ. އޭގެ ފަހަތުގައި ޔޫއެސްއޭ، ފްރާންސް، ސްވިޓްޒަލޭންޑް އަދި ސައުތު ކޮރެއާ ހިމެނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް ގައުމު ކަމަށްވާ ޗައިނާގެ ފަތުރުވެރިން އަލުން އަންނަން ފެށީ ޗައިންނާއިން ރާއްޖެއަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓްތައް ހުޅުވާލި ފަހުން މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

މިހާރު ޗައިނާ ވަނީ މާކެޓްގެ 4.7 ޕަސެންޓް ހިއްސާއާ ރާއްޖެއަށް އަންނަ އެންމެ ގިނަ ފަތުރުވެރިންގެ ލިސްޓުން 6 ވަނަ ހޯދާފައެވެ.