މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއާ ނުކޮށް ގިނަދުވަސްވީ މުދާތައް ނެގުމަށް، އެ މުދަލުގެ ވެރިފަރާތް ތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފިއެވެ.

މިއަދު އެމްޕީއެލް އިން ކުރި އިއުލާނެއްގައި ވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއާ ނުކޮށް ގިނަދުވަސްވީ މުދާ މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި ކްލިއާ ކުރުމަށެވެ. އަދި މި މުދަލުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް އެތަކެއްޗާ މެދު ވަކިގޮތެއް ނިންމުމަށް ފަހު ބަނދަރުން ކްލިއާ ކުރުމަށް ނުވަތަ ނައްތާލުމަށް ވެސް އެމްޕީއެލް އިން ވަނީ އަންގާފައެވެ.

މީގެއިތުރުން އެމްޕީއެލް އިން ވަނީ މިމުއްދަތުގެ ތެރޭގައި މުދާ ނުނަގާނަމަ މިފަދަ މުދަލާ މެދު އަމަލު ކުރުމަށް އެ ކުންފުނީގައި ހަމަޖެހިފައި އޮންނަ ގަވާއިދުގެ ދަށުން އެ މުދާތައް ނީލަމުގައި ވިއްކާލާނެ ކަމަށް ބުނެފައެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ނީލަމުގައި ވިއްކާ ނުލެވޭ މުދާ ނައްތާލުމަށް ފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ހަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެ ކަމަށް ވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނިތަކުން މާޗް، 11 ވަނަ ދުވަހުން ފެށިގެން ރާއްޖެ ގެނެސް ބަނދަރުގައި ބަހައްޓާފައިވާ މުދާތައް ނައްތާލުމަށް އެމްޕީއެލްއިން އަންގާފައި ވާއިރު އެ ކުންފުނިން އާންމުކުރި ލިސްޓުގައި މުދާ ކްލިއާކޮށްފައި ނުވާ 30 ކުންފުނި ހިމެނެއެވެ. މި ގޮތުން ބަނދަރުގައި ކްލިއާނުކޮށް ހުރި މުދަލުގެ ތެރޭގައި ސައިކަލާ، ކޮންސްޓްރެކްޝަން ސާމާނާއި ކާނާގެ ބާވަތްތަކުގެ އިތުރުން ބޭހުގެ ބާވަތްތައްވެސް ހިމެނެއެވެ.