ޗައިނާއިން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް އަމަޒު ކޮށް ހިންގާ "ބެލްޓް އެންޑް ރޯޑް" އިނީޝިއޭޓިވް އަފްގާނިސްތާނަށް ފުޅާ ކުރަން އެއްބަސްވެއްޖެއެވެ.
މިހާރު ޕާކިސްތާނަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ހާރިޖީ ވަޒީރާއި އަފްގާނިސްތާނުގެ ތޯލިބާނުންގެ ޑިޕްލޮމޭޓް އާމިރް ހާން މުއްތަގީ އާއި ޕާކިސްތާނުގެ ހާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ޒަރުދާނީ ބައްދަލު ކުރައްވާފައި ވާ އިރު ޕާކިސްތާނާއި ޗައިނާއިން ހުށަހަޅާފައި ވަނީ ވިފަރާރި ފުޅާކުރުމަށްޓަކައި އެ ފުރުސަތުތައް އަފްގާނިސްތާނާވެސް ގުޅާލުމަށެވެ.
އެގޮތުން ޗައިނާއިން ކުރިއަށް ގެންދާ ވިފަރާރީގެ މައި ވިއުގަ އަފްގާނިސްތާނާ ގުޅާ ޅާ އިރު، ހަންގުރާމައިގެ ސަބަބުން ސުންނާފަތިވެފައި ވާ އަފްގާނިސްތާން އާރާސްތު ކުރުމަށް އެހީވުން ވެސް ހިމެނެއެވެ. މީގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދިނުމާއި އުމްރާނީ ވަސީލަތްތައް ގާއިމު ކޮށްދިނުމަށްވެސް ހުށަހަޅާފައި ވެއެވެ.
ޗައިނާގެ ހުށަހެޅުމަށް ތާލިބާނުން ވަނީ އިޖާބަ ދީފައެވެ. އަދި އެ މަޝްރޫއުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.
އަފްގާނިސްތާނުގައި މިހާރުވެސް ޗައިނާގެ އިންވެސްޓްމަންޓްތައް އެބަހުއްޓެވެ. އެގޮތުން އަފްގާނިސްތާނުގެ އުތުރު ބިތުގެ އަމޫ ދަރްޔާ އިން ތެޔޮ ނެގުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޗައިނާގެ ނެޝަނަލް ޕެޓްރޯލިއަމް ކުންފުންޏަށެވެ. މީގެ އިތުުރުންވެސް ގެސްޓްހައުސްގެ ވިޔަފާރި އާއި ސައި ހޮޓާ ކެފޭ ފަދަ ތަންތަންވެސް ޗައިނާގެ ބައެއް އިންވެސްޓަރުން ހިންގައެވެ.
ތިން ބޭފުޅުންގެ ބައްދަލުވުމުމުގައި މަޝްވަރާ ކުރެއްވި އިތުރު އަނެއް ކަމަކީ، ދުނިޔޭގެ ބޭންކްތަކުގައި ހިފަހައްޓާފައި ހުރި އަފްގާނިސްތާނުގެ 9 ބިލިއަނެއްހާ ޑޮލަރު ދޫކޮށްދެވޭނެ ގޮތެއް ޗައިނާއިން ހޯދައި ދިނުމެވެ. މި ފައިސާގެ ތެރެއިން ބައެއް ދޫކޮށް ދިނުމަށް އެމެރިކާއިން މީގެ ކުރިން އެއްބަސްވި ނަމަވެސް ދާދި ފަހުން ތޯލިބާނުން އަންހެން ކުދިންނަށް ސްކޫލުތަކަށް ދިޔުން މަނާ ކުރުމުން ފަންޑް ވަނީ ދޫކުރުން މަޑުޖައްސާލާފައެވެ.
އަފްގާނިސްތާނަކީ މިވަގުތު ފައިސާއަށް ބޭނުންވެފައި އޮތް ގައުމަކަށް ވާއިރު އަސާސީ ބޭނުންތަކަށް ހަރަދު ކުރާ ފައިސާގެ 60 ޕަސެންޓް މިވަގުތަށް ވަނީ ނުކުރެވި ހުއްޓިފައެވެ.
އަފްގާން ސަރުކާރަށް މާލީ އެހީދޭ ގައުމުތަކުގެ ތެރޭގައި އީރާން، ރަޝިއާ އަދި ޗައިނާ ހިމެނެއެވެ. މިގައުމުތަކުން މިލިއަނުން މިލިއަނުން ތޯލިބާނުންނަށް ހަދަރު ކުރި ނަމަވެސް ރަސްމީކޮށް ތޯލިބާންގެ ސަރުކާރު އަދި ބަލައިގެންފައެއް ނުވެއެވެ.
އދ ގެ އިދާރާތަކުން ބުނާ ގޮތުގައި، އަފްގާނިސްތާނުގައި ދިރިއުޅޭ 40 މިލިއަން މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ އިންތިހާ ފަގީރުކަމުގައި ދިރިއުޅޭ ބައެކެވެ. އެމީހުންނަށް މިއަހަރު އެކަނިވެސް 4.6 ބިލިއަން ޑޮލަރުގެ އެހީ ވަނީ ބޭނުން ވެފައެވެ.