އަފްގާނިސްތާނުގެ އުތުރުބިތުގެ ބޯޑަރު ސަރަހައްދުގެ ބާޒާރަކަށް ޕާކިސްތާނުން ވައިގެ ހަމަލާއެއް ދިން ކަމަށް ބުނެ އަފްގާނިސްތާނު ސިފައިން ޕާކިސްތާނަށް ހަމަލާ ދީފިއެވެ.
ފަރުބަދަތައް ގިނަ އުތުރު ބޯޑަރު ސަރަހައްދުގައި ދެފަރާތުން ބަޑީގެ ހަމަލާތައް ބަދަލުކޮށްފައި ވާއިރު، އެ ހަމަލާތަކުގައި މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
މި ހަމަލާއާ ގުޅިގެން އަފްގާނިސްތާނުގެ ތޯލިބާން ސަރުކާރުން ބުނީ، ހަމަލާ ދިނީ، ޕާކިސްތާނުން އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަދެ ބާޒާރަކަށް ހަމަލާދީފައި ވުމުގެ ސަބަބުން ކަމަށެވެ.
އަފްގާނިސްތާނުގެ އެ ތުހުމަތަށް ރައްދެއް ދިނުމުގެ ބަދަލުގައި ޕާކިސްތާނުން ބުނީ، އަފްގާނިސްތާން ސިފައިން ހަމަލާދިނީ ޕާކިސްތާނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ކަމަށާއި، 'އަފްގާނިސްތާނުން އެއްލި ކޮންމެ ގަލަކަށް ގަލެއް އެއްލާނެ' ކަމަށެވެ.
ޕާކިސްތާނުގެ ދާހިލީ ވަޒީރު މޮހުސިން ނަގްވީ ވިދާޅުވީ، އާންމު ރައްޔިތުންނަށް އަމާޒުކޮށް އަފްގާނިސްތާނުން ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި އަފްގާނިސްތާނުން ކުޅެނީ ލެޔާއި އަލިފާނާ ކަމަށެވެ.
ހަބަރުތައް ބުނާގޮތުން ހަމަލާ ބަދަލު ކުރުން ކުރިއަށް ގޮސްފައި ވަނީ، އަންގޫރު އައްޑާ، ބަޖޯރު، ކުއްރަމް، ދީރު، ޗިތްރަލް އަދި ބަރަމްޗާ ސަރަހައްދުގައެވެ.
ބަޑިއާއި ރޮކެޓް ބޭނުން ކޮށްފައިވާ މިހަމަލާތަކުގައި ދެފަރާތަށް ލިބުނު ގެއްލުންތަކެއް އަދި ސާފެއް ނުވެއެވެ.
ޕާކިސްތާނާއި އަފްގާނިސްތާނާ ދެމެދު މި ހަމަލާތައް ބަދަލު ކުރި މި ދަނޑިވަޅަކީ، ޕާކިސްތާނާއި އިންޑިއާއާ ދެމެދު މިފަހުން ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށް ދެ ފަރާތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ދަނޑިވަޅެއްކަން ފާހަގަ ކުރެއެވެ.