އަފްގާނިސްތާނުގެ މެދުތެރޭގައި އޮންނަ ފަރުބަދަމަތީ ޕްރޮވިންސެއް ކަމަށްވާ ޑޭކުންޑީން ފުރައިގެން، އެތައް ސަތޭކަ މޭލެއްގެ ދިގު އަދި ނުރައްކާތެރި ރާސްތާއެއް ކަޑަތުކުރުމަށްފަހު އުމުރުން 19 އަހަރުގެ އާލިއާ (އަސްލު ނަމެއް ނޫން) ކާބުލްއަށް ފޯރީ ބޮޑު ބިރެއްގެ ތެރޭގައި އިނދެއެވެ. އޭނާއާއި އޭނާގެ ދެބެންގެދެދަރި އަންހެން ކުއްޖަކު ޓެކްސީއެއްގައި ކުރި މި ދަތުރަކީ، ތާލިބާނުންގެ ވެރިކަމުގައި އަންހެނުންނަށް މަނާކޮށްފައިވާ ކަމެކެވެ. މަހުރަމަކާ ނުލައި ދިގު ދަތުރުތައް ކުރުން މަނާކޮށްފައި އޮތް ނަމަވެސް، މުޅި ހަށިގަނޑު ނިވާކޮށްގެން، ހަމައެކަނި ލޯ ފެންނަ ގޮތަށް ބުރުގާ އަޅައިގެން ތިބި ދެ ކުދިންނަށް ތާލިބާނުންގެ ޗެކްޕޮއިންޓުތަކުން ސަލާމަތްވެވުނީ ހަމަ ކިރިޔާއެވެ. އެއްވެސް ޗެކްޕޮއިންޓަކުން އެމީހުން ނުހުއްޓުވުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެކެވެ.

އާލިއާ ބުނި ގޮތުގައި އޭނާ ކާބުލްއަށް ދިޔައީ ރައްޓެހިންނާއި ކުރީގެ ކްލާސްކުދިންނާ ބައްދަލުކުރަން ކަމަށް އާއިލާ ގާތު ބުނި ނަމަވެސް، ހަގީގީ ސަބަބަކީ ރަށުގައި މަޑުކޮށްފިނަމަ ގަދަކަމުން މީހަކާ ދެވާނެތީ އެކަމުން ސަލާމަތްވުމެވެ.

ކާބުލްއަށް ގޮސް އާލިއާ ގުޅުނީ އިނގިރޭސި ބަސް ދަސްކޮށްދޭ ކުރު ކޯހަކާއެވެ. މިއީ އަމިއްލަ ފަރާތްތަކުން ހިންގާ، ފައިސާ ދައްކައިގެން ކިޔެވޭ ކޯސްތަކެކެވެ. ދީނީ ތައުލީމުދޭ މަދަރުސާތަކުގެ އިތުރުން، ޕްރައިމަރީ ތައުލީމަށްފަހު އަންހެން ކުދިންނަށް މިހާރު ލިބެން އޮތް ހަމައެކަނި ތައުލީމީ ފުރުސަތަކީ މިއީއެވެ. ނަމަވެސް މިއިން އެއްވެސް ތަނަކީ ރަސްމީ ސްކޫލް ތައުލީމާ އެއްފަދަ ކުރެވޭނެ ތަންތަނެއް ނޫނެވެ. ތާލިބާނުން ވެރިކަމާ ހަވާލުވެ، އުމުރުން 12 އަހަރުން މަތީގެ އަންހެން ކުދިން ސްކޫލަށް ދިއުން މަނާކުރިތާ މިހާރު ފަސް އަހަރު ވަނީއެވެ. މި ފަސް އަހަރުގެ ތެރޭގައި އާލިއާ ފަދަ އެތައް މިލިއަން ކުދިންނެއް ވަނީ އެ ކުދިން ބޭނުންވި އަދި ހައްގުވާ ތައުލީމުން މަހުރޫމުވެފައެވެ. ވަޒީފާއެއް އަދާކުރުމުގެ މަގު އެއްކޮށް ބަންދުވެ، އެ ކުދިންނަށް އޮތް ހަމައެކަނި ގޮތަކީ ކައިވެނިކުރުން ކަމަށް ވަނީ ވެފައެވެ.

އާލިއާގެ އާއިލާއަކީ އޭނާ ކިޔެވުމަށް ހުރަސްއަޅާ ބައެއް ނޫނެވެ. ކާބުލްގައި ހުރެގެން އިނގިރޭސި ކޯސް ހެދުމަށް އާއިލާއިން ފައިސާ ދިން ނަމަވެސް، އަފްގާނިސްތާނުގެ ހާލަތު އޮތް ގޮތުން އާއިލާއަށް ވެސް ވަނީ މަޖުބޫރީ ހާލަތަކާ ކުރިމަތިވެފައެވެ. އދ. އިން ހާމަކުރާ ގޮތުގައި އަފްގާނިސްތާނުގެ ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަށް އަސާސީ ބޭނުންތައް ވެސް ނުފުއްދެއެވެ. މިފަދަ ދަތި ހާލަތެއްގައި އާލިއާގެ އާއިލާއިން އޭނާއަށް ކިޔަވައިދޭން މަސައްކަތްކުރުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. އާލިއާ ކިޔައިދިން ގޮތުގައި، ސްކޫލްތައް ބަންދުކުރުމުގެ ކުރިން އޭނާގެ މައިންބަފައިން އޭނާއަށް ވަރަށް ހިތްވަރުދިނެވެ. އަދި ޕައިލެޓަކަށް ވުމަށް އޭނާ ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށް ހެދޭނެކަމަށް ބުންޏެވެ. ނަމަވެސް މިހާރު ސްކޫލަށާއި ޔުނިވަރސިޓީއަށް ނުދެވޭތީއާއި، ވަޒީފާއެއް ވެސް އަދާނުކުރެވޭތީ، އެންމެ ރަނގަޅު ގޮތަކީ ކައިވެނިކުރުން ކަމަށް އާއިލާއިން މިހާރު ބުނަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.

އަފްގާނިސްތާނުގެ މަދަރުސާއެއްގައި ކްލާހެއް ކުރިއަށް ދަނީ -- ފައިލް

މިހާރު ވެސް އާލިއާއަށް ކައިވެނީގެ ހުށަހެޅުންތައް އަންނަމުންދެއެވެ. އޭނާ އެންމެ ބިރުގަންނަނީ، ކައިވެނިކުރާ މީހާގެ އާއިލާއިން އޭނާއަށް މިނިވަންކަން ނުދީފާނެތީއެވެ. ބައެއް އާއިލާތަކަކީ ވަރަށް ހަރުކަށި އާއިލާތަކެއް ކަމަށާއި، އޭނާގެ ހުވަފެންތައް މަތިން ހަނދާން ނައްތާލަން ވެސް މަޖުބޫރުކޮށްފާނެ ކަމަށް އާލިއާ ބުންޏެވެ. އެހެންނަމަވެސް އޭނާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އާއިލާއިން ގަދަކަމުން ކައިވެނި ނުކުރުވާހާ ހިނދަކު މަޑުކުރާނެ ކަމަށާއި، ފަހު ނޭވާއާ ޖެހެންދެން ވެސް އެކަމާ ދެކޮޅުހަދާނެ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ހުރިހާ ކުދިންނަށް މިގޮތަށް ދެކޮޅުހެދުމަކީ ފަސޭހަކަމެއް ނޫނެވެ. ކާބުލްގެ ހުޅަނގުގައިވާ އާދައިގެ ގެއެއްގައި ދިރިއުޅެމުންދާ ޝަމާ (އަސްލު ނަމެއް ނޫން) އަކީ މީގެ މިސާލެކެވެ. އުމުރުން 22 އަހަރުގެ ޝަމާ ބުނި ގޮތުގައި، ތާލިބާނުން ވެރިކަމަށް ނައުތްނަމަ އޭނާ މިހާރު ހުންނާނީ ސްކޫލް ނިންމާފައެވެ. އަދި ޑޮކްޓަރަކަށް ވުމަށް އޭނާ ދެކެމުންދިޔަ ހުވަފެނާ ވަރަށް ގާތަށް ދެވުނީސް ކަމަށް ވެސް ބުންޏެވެ. އޭގެ ބަދަލުގައި، މީގެ ހަތަރު އަހަރު ކުރިން އުމުރުން 18 އަހަރުގައި މަންމަގެ މަޖުބޫރުކުރުމާއެކު އޭނާ ވަނީ ކައިވެނިކޮށްފައެވެ. މިހާރު އޭނާއަކީ ދެ އަންހެން ކުދިންގެ މަންމައެކެވެ.

ޝަމާގެ މަންމަ ކާމިލާ ބުނި ގޮތުގައި އޭނާ އެގޮތަށް ކަންތައް ކުރީ އެހެން ގޮތެއް ނެތިގެންނެވެ. ފިރިމީހާ މަރުވުމުން ގޭތެރެ ފޮޅައި ސާފުކުރާ މީހެއްގެ ވަޒީފާ އަދާކޮށްގެން ދަރިންނަށް ކިޔަވައިދިން ކާމިލާ ބިރުގަތީ، ކައިވެނިކުރާ އުމުރަށް ގޮސްފައިވާ އަންހެން ކުއްޖަކު ގޭގައި އިންނަނަމަ ތާލިބާނުންގެ ސަމާލުކަން ހުއްޓި، ދަރިފުޅު މީހަކާ ނުދެވައިގެން އުޅެނީ ކީއްވެތޯ ސުވާލުކޮށްފާނެތީއެވެ. ކާމިލާ ބުނި ގޮތުގައި އޭނާ ބޭނުންވީ ދަރިފުޅު ކިޔަވައިގެން މުޖުތަމައަށް ފައިދާހުރި މީހަކަށް ވުމަށެވެ. އޭނާއަކީ ލިޔަންކިޔަން ނޭނގޭ މީހަކަށް ވުމުން އުޅެންޖެހެނީ ލޯފަން މީހެއް ފަދައިން ކަމަށާއި، ނަމަވެސް ދަރިންނަށް އެ ހާލަތު މެދުވެރިވާން ނޭދޭކަމަށް އޭނާ ބުންޏެވެ. ނަމަވެސް ޝަމާގެ އެ ހުވަފެންތައް ވަނީ ފެނަށް ގޮސްފައެވެ.

އދ. ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަފްގާނިސްތާނުގެ އަންހެނުންގެ ލިޔަންކިޔަން ދަންނަ ނިސްބަތް އުޅެނީ 27 އިންސައްތައިގައެވެ. މިއީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ދަށް އެއް އަދަދެވެ. ޔުނިސެފުން 2026 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެއްގައި އިންޒާރުދީފައިވާ ގޮތުގައި، ތައުލީމު މަނާކޮށްފައި އޮންނަ އޮތުން 2030 ވަނަ އަހަރާ ހަމައަށް ދެމިއޮވެއްޖެނަމަ، ދެ މިލިއަނަށްވުރެ ގިނަ އަންހެން ކުދިންނަށް ޕްރައިމަރީ ތައުލީމަށްވުރެ މައްޗަށް ކިޔެވުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން 2030 ވަނަ އަހަރު އަންނައިރު 20،000 އަންހެން މުދައްރިސުންނާއި 5،400 އަންހެން ސިއްހީ އެހީތެރިން މަދުވާނެ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އދ. ގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ވިދާޅުވި ގޮތުގައި، މި މައްސަލައިގެ ސަބަބުން އަފްގާނިސްތާނުގެ އިގުތިސާދަށް އަހަރަކު 84 މިލިއަން ޑޮލަރުގެ ގެއްލުން ލިބެމުންދެއެވެ.

އަފްގާނިސްތާނުގެ މަގެއްގެ މަތީގައި 3 އަންހެނަކު ހިނގާފައި ދަނީ -- ފައިލް

ތާލިބާނުން ވެރިކަމަށް އައި ފަހުން ޝަމާއަށް ކައިވެނީގެ ގިނަ ހުށަހެޅުންތަކެއް ލިބުނެވެ. ނަމަވެސް އޭނާ އެ ހުށަހެޅުންތަކަށް ދެކޮޅުހެދީ ކިޔެވުން މާ މުހިންމުވީމައެވެ. ފިރިމީހާ އޭނާއަށް ރަނގަޅަށް ކަންތައް ކުރި ނަމަވެސް، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ނުލިބުމުގެ ހިތާމަ އޭނާގެ ކިބައިން ފިލައިގެން ނުދެއެވެ. ޝަމާ ބުނި ގޮތުގައި އޭނާއަށް އިހުސާސްކުރެވެނީ ގޭތެރޭގައި ހައްޔަރުވެފައިވާ ކަމަށެވެ. އޭނާގެ 18 އަހަރުގެ ކޮއްކޮ ނޯރާ ވެސް މިހާރު ބިރުގަންނަނީ ހަމަ އެ ހާލަތު މެދުވެރިވެދާނެތީއެވެ. ކިޔަވަން ބޭނުންވާ ކަމަށާއި، ގޭގައި އިންނަން ޖެހުމަކީ ޖަލެއްގައި އުޅުން ފަދަ ކަމެއް ކަމަށް ނޯރާ ސިފަކުރިއެވެ. ސަރުކާރުގެ ސަބަބުން ބޭރަށް ނުކުންނަން ބިރުގަންނަ ކަމަށާއި، ގޭގައި މަންމަ އޭނާއަށް ކައިވެނިކުރަން މަޖުބޫރުކުރަމުންދާ ކަމަށް ވެސް ނޯރާ ބުންޏެވެ.

ތާލިބާނުންގެ ސަރުކާރުން އަންހެން ކުދިންގެ ސްކޫލްތައް ހުޅުވާނެ ދުވަހަކާ ގުޅޭގޮތުން ދައްކާ ވާހަކަތައް ވަނީ ތަފާތުވެފައެވެ. 2021 ވަނަ އަހަރު އެމީހުން ބުނީ ސަލާމަތީ ކަންކަން ރަނގަޅުކުރުމަށްފަހު ސްކޫލްތައް ހުޅުވާނެ ކަމަށެވެ. ނަމަވެސް 2026 ވަނަ އަހަރު ތާލިބާނުންގެ ސަރުކާރުގެ ތަރުޖަމާނުގެ ނައިބު ހަމްދުﷲ ފިތުރަތު ވިދާޅުވި ގޮތުގައި، މިހާރު ވެސް ހަތް މިލިއަން ފިރިހެން ކުދިންނާއި ފަސް މިލިއަން އަންހެން ކުދިން ކިޔަވަމުންދެއެވެ. ގްރޭޑް ހަޔަކުން މަތީގެ ކުދިންނަށް ކިޔެވުން މަނާކޮށްފައިވާ މައްސަލައަކީ ވަކި މައްސަލައެއް ކަމަށާއި، އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ޖަވާބެއް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިކަމާ ގުޅޭގޮތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ތާލިބާނުންގެ ސިޔާސަތުތައް އިތުރަށް ހަރުކަށިވަމުންދާކަން 2026 ވަނަ އަހަރުގެ މެއި މަހު ފާސްކުރި އާ ގާނޫނުން ވެސް އެނގެއެވެ. އަފްގާނިސްތާނުގެ ޖަސްޓިސް މިނިސްޓްރީން ނެރުނު "ޕްރިންސިޕަލްސް އޮފް ސެޕަރޭޝަން ބިޓްވީން ސްޕައުސަސް" ނުވަތަ ޑިކްރީ ނަންބަރު 18 ގެ ނަމުގައި ނެރުނު 31 މާއްދާގެ މައްޗަށް އެކުލެވޭ މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ބާލިގުވެފައިވާ އަންހެން ކުއްޖަކު ކައިވެންޏަކާ ގުޅޭގޮތުން ހަނުހުރުމަކީ އެ ކައިވެންޏަށް ރުހުން ދިނުން ކަމުގައި ބެލެވޭނެއެވެ. އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ ކުޑަކުދިންނާ ކައިވެނިކުރުން ގާނޫނީ ގޮތުން ހުއްދަކުރުމެވެ. މިކަމުގެ ސަބަބުން އަންހެން ކުދިންނަށް ނޫނެކޭ ބުނުމުގެ ހައްގު ވެސް ވަނީ ގެއްލިފައެވެ.

ތައުލީމުން މަހުރޫމުވުމުގެ ސަބަބުން އަންހެން ކުދިންނަށް ކުރިމަތިވަމުންދާ ނަފްސާނީ އަދި އިޖުތިމާއީ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އާލިއާ ބުނި ގޮތުގައި ސްކޫލްތައް ބަންދުކުރި ދުވަހު އޭނާއަށް ހަފުތާއެއް ވަންދެން ނުނިދި، ރޮވުނެވެ. އަދި އޭނާއާ އެއް އުމުރުގެ ފިރިހެން ކުދިން ޔުނިވަރސިޓީއަށް ދާތަން ފެނުމުން އިންތިހާއަށް ދެރަވާކަމަށް ބުންޏެވެ. މި ހާލަތުގައި ތިބި އަންހެން ކުދިންނަށް އިހުސާސްކުރެވެނީ މުޅި ދުނިޔެ އެމީހުން މަތިން ހަނދާން ނައްތާލާފައިވާ ކަމަށެވެ. އާލިއާ ފާހަގަކުރި ގޮތުގައި ދުނިޔެއިން އެމީހުން މަތިން ހަނދާން ނައްތާނުލި ނަމަ، މިހާރު ކޮންމެވެސް ކަމެއް ކުރެވުނީހެވެ. ޝަމާގެ މަންމަ ކާމިލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މައިންނަށް ދިން މެސެޖަކީ، އަންހެން ދަރިންނަށް ކިޔަވައިދީ ވަޒީފާ އަދާކުރުމުގެ ފުރުސަތު އޮތް ގައުމުތަކުގައި އެކަން ކުރުމަށް ފުރުސަތު ދިނުމަށެވެ. އޭނާ ބުނި ގޮތުގައި އަފްގާނިސްތާނުގައި އެމީހުންނަށް އޮތް ހުރިހާ ފުރުސަތެއް މިހާރު ވަނީ ބަންދުވެފައެވެ.